ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި މަސައްކަތް ކުރި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒު ހާޝިމް (މުފާ)، އެފްއޭއެމް އިންތިހާބުގައި ވާދަކުރަން އިއްޔެ ކެންޑިޑެންސީ ފޯމު ހުށަހަޅައިފިއެވެ.
މުފާގެ އިތުރުން އިއްޔެ ދެން ފޯމު ހުށަހެޅީ، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް) އެވެ. އެހެންކަމުން އަންނަ ޖެނުއަރީ 31ގައި އޮންނަ އިންތިހާބުގައި ދެން ވާދަކުރާނީ އެ ދެ ކެނޑިޑޭޓުންނެވެ.
ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ތެރޭގައި ތިބި ކްލަބުތަކުގެ އިސް ފަރާތްތައްވެސް ދާދިފަހުން މަގާމުތައް ދޫކޮށްލާފައިވާ އިރު، ބައްސާމަށް ވަނީ ރައީސްކަން ގެއްލިފައެވެ. އެއީ ނުވަ މެމްބަރުންގެ އެކްސްކޯއަކުން ފަސް މެމްބަރުން އިސްތިއުފާ ދިނުމުން، ކޯރަމް ގެއްލުމުންނެވެ.
ބެލެވޭ ގޮތުގައި ބައްސާމްގެ ތާއީދާއެކު ކުރިމަތިލީ މުފާއެވެ. މުފާގެ ކެންޑީޑެސީ ފޯމުގައި ދެން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ކުޑަހެންވޭރު ޓީމުން ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި ޔުނައިޓެޑް ވިކްޓަރީގެ ރައީސް، އިސްމާއީލް ޝަފީއު (އިއްސެ) އާއި ބުރުގެ މުހައްމަދު ހަސަނެވެ. ދެން އަންހެން މެމްބަރުގެ މަގާމަށް ހިމަނާފައިވަނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ކޯޗިންގައި ފާހަގަކުރެވޭ، މަރްޔަމް މިރްފަތެވެ.
އެފްއޭއެމް އިންތިހާބުގައި ވާދަކުރަން، ފޯމު ހުށަހަޅާ އިރު، ފުރިހަމަކުރަން ޖެހޭ ޝަރުތުތަކެއް އޮވެއެވެ. އެގޮތުން، ކޮންމެ ކެންޑިޑޭޓަކު ވެސް، ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ އެންޑޯޒްމެންޓް (ތާއީދު އޮތްކަމުގެ ލިޔުމެއް) ހޯދަން ޖެހެއެވެ.
ވެލެންސިއާގެ ތާއީދު އޮތްކަމުގެ ލިޔުން، ޓޮމް އާއި މުފާ އަތުގައި ވެސް އޮތްކަމަށް ދެ ޓީމުން ވެސް ވަނީ ބުނެފައެވެ.
ދާދިފަހުން އިންތިހާބުވި ވެލެންސިއާގެ އާ ޗެއާމަން، ކުރީގެ ކުޅިވަރު ނޫސްވެރިޔާ، އަބްދުﷲ އަޒްމީން، ވަނީ މިއަދު، ޓޮމްގެ ކެންޑިޑެސީ ފޯމު ހުށަހަޅަން އައިއިރު، އޭނާއާއެކު، އެފްއޭއެމް ހައުސް އަށް ވަޑައިގެންފައެވެ. އަދި ބައެއް މީޑިއާތަކަށް އަޒްމީން ވިދާޅުވީ މެޖޯރިޓީން ތާއީދު ކުރަން ނިންމާފައިވަނީ ޓޮމް އަށް ކަމަށެވެ.
ވެލެންސިއާ އިން ދީފައިވާ މި ދެ ސިޓީއާ މެދު ގޮތެއް ނިންމާނީ އިލެކްޓޯރިއަލް ކޮމިޓީންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު