ކޯޅުން ބޮޑުވެ، އެމްޑީޕީ ދެބައިވެ، ރަނގަޅަށްވެސް މިއަހަރު ވަނީ ފަޅައިގެން ގޮސްފައެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދުގައި އުފެދުނު މައްސަލަ ހައްލުނުވެ، އެންމެ ފަހުން ނަޝީދު އުފެއްދެވި، ފިކުރެއްގެ ދިރުމާއެކު އެމްޑީޕީއާ ރަސްމީގޮތުން ވަކިވެ، އާ ޕާޓީއެއް އުފައްދަވައި މަސައްކަތް ފެއްޓެވިއެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ނުތަނަވަސްކަން ފެށިގެން ދިޔައީ މި އަހަރަކު ނޫނެވެ. ދެ ބޭފުޅުންގެ ދެމެދުގައިވާ މައްސަލަތައް ބޮޑުވެ، ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަން ލިބެމުންދިޔަތަން ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ދިޔައީ ފެންނަމުންނެވެ. މިއަދު އެ ގުޅުން މިވަނީ އެއްކޮށް ނިމިފައެވެ.
ދެ ރައީސުންގެ މެދުގައި ހިޔާލުތަފާތުވުންތައް ފެށިގެން އައީ ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބި، މަޖިލިސް ރައީސަކު ހޮވަން ޖެހުނު ހިސާބުންނެވެ. އޭގެ ފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ފެށި ހިސާބުން އަނެއްކާވެސް ދެ ރައީސުންގެ ދެމެދުގައި މައްސަލަ ބޮޑުވިއެވެ. ނަމަވެސް "ފިނި" ކޮށްލީ މައްސަލަ ކޮޅެއްގައި ނުޖައްސައި ނިންމާލައިގެންނެވެ.
އޭގެ ފަހުން ދެން ފެށުނީ ބަރުލަމާނީ ބަހުސެވެ. އެ ބަހުސްގައި ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށް، ބޮޑުވަޒީރުކަމަށްވެސް ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. ނަމަވެސް ރައީސް ސޯލިހުގެ ތާއީދު އެކަމަށް ލިބިވަޑައިނުގަތުމުން، ރަނގަޅަށްވެސް ދެ ފެކްޝަނަކަށް އެމްޑީޕީ ބެހިގެންދިޔައެވެ. ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ވެރިކަމުގެ ނިޒާމު ނިންމާފައި ވަނީ ރައްޔިތުން ކަމަށެވެ. އެކަމުގައި އެ މަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
ފަހުން ކޮންގްރެސްގައި ދެ ރައީސުންގެ ތާއީދު އޮތް މިންވަރު ސާފުކޮށްދިނުމުގެ ހަނގުރާމައެއް ފެށުނެވެ. އެ ހަނގުރާމަވެސް ނިމިގެންދިޔައީ ރައީސް ސޯލިހަށް ބޮޑު މޮޅަކާއެކުއެވެ. އަނެއްކޮޅުން ޗެއާޕާސަން އިންތިހާބުވެސް ނިމިގެން ދިޔައީ ރައީސް ސޯލިހުގެ ކޮޅަށެވެ. ނަޝީދު ފެކްޝަން ދިޔައީ ފަނުފުލުންނެވެ. މައްސަލަވީ ހައްތަހާ ގޯހެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ޕާޓީގެ މެންބަރުންގެ ތާއީދު ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. މަޑުމަޑުން، ނަޝީދަށް އޮތް ތާއީދާއި ބާރު އެމްޑީޕީ ތެރެއިން ދިޔައީ ފަނޑުވަމުންނެވެ. އެހެންވެ ނަޝީދު ނިންމެވީ ރައީސް ސޯލިހާ ވާދަކުރައްވައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށްފަހު، އެ ތާއީދު އަލުން އިއާދަ ކުރުމަށެވެ. ނަޝީދު އެކަމަށް ބޭނުންފުޅު ކުރެއްވި ބަސްފުޅަކީވެސް "އެމްޑީޕީ ހޯދައި އަނބުރާ އަލުން ޕާޓީގެ މެންބަރުންނަށް ހަވާލު ކުރުން" ކަމަށެވެ.
ނަމަވެސް ނަޝީދު ޖެއްސެވި ހިސާބު ބޮޑުތަނުން ގޯސްވެ، އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ، ކުރިމަތިވެވަޑައިގެންނެވިއެވެ. އުންމީދު ކުރެއްވި ގޮތަށް އެ މަނިކުފާނަށް އަމިއްލަ ޕާޓީން ތާއީދު ލިބިވަޑައެއް ނުގެންނެވިއެވެ. ރިޔާސީ ޕްރައިމަރީން ބޮޑުތަނުން ބަލިވެވަޑައިގަތެވެ.
ފަހުން އެމްޑީޕީގެ ޒަމާންވީ، މެންބަރުންތަކެއް އެ ޕާޓީ ދޫކޮށްލެއްވިއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސުންގެ މަގާމުގައި ތިއްބެވި މުހައްމަދު ޝިފާޒާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްވެސް ހިމެނިވަޑައިގަންނަވައެވެ. ނަޝީދާއެކު ދަ ޑިމޮކްރެޓްސް" ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ.
އޭގެ ފަހުން ދެ ރައީސުންވެސް ގެންދެވީ ދެ ބޭފުޅުންގެ ސިޔާސީ ބާރާއި ނުފޫޒު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތުން ދެ ބޭފުޅުންވެސް އަމިއްލަފުޅު ޕާޓީއަށް މެންބަރުން އިތުރު ކުރެއްވުމާއި ޕާޓީގެ ފިކުރު މުޅި ރާއްޖޭގައި އިތުރަށް ފަތުރައިލެއްވުމަށް ކުރެއްވެން ހުރި މަސައްކަތްތައް ފެއްޓެވިއެވެ.
އެ މަސައްކަތްތަކުގައި އެމްޑީޕީން ދިޔައީ ދުވަހެއް ދުވަހަކަށް މޫލައި ވަރުގަދަ ކުރަމުންނެވެ. ނަޝީދުގެ އާ ޕާޓީއާ އެކު ގެއްލުނު މެންބަރުންވެސް އަލުން އަނބުރާ ހޯދުމަށާއި އާ މެންބަރުން އިތުރު ކުރުމުގައި އެމްޑީޕީން ނެރުނު ފޯމިއުލާ ވީ ވަރުގަދަ އެވެ. ނަމަވެސް ނަޝީދުގެ ޑިމޮކްރެޓްސްއަށް ވީ ވަރަކީ ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދު ކިރިޔާ ހަމަ ކުރުން އެކަންޏެވެ. އޭގެ ފަހުން މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.
އެހެންވެ، އެމްޑީޕީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވުމަށްފަހު ނަޝީދުގެ ފުރަތަމަ މަސައްކަތަށްވީ ވެސް އެމްޑީޕީ ރޫޅައިލުމެވެ. އެ މަސައްކަތް ފެއްޓެވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުންނެވެ. އެ ގޮތުން އެމްޑީޕީގެ ވޯޓުތައް ބައިބައި ކުރުމަށް އެމްޑީޕީގެ މައި ހަބް، އައްޑޫން ކެންޑިޑޭޓެއް ނެރެ، ރިޔާސީ ރޭހުގައި ދެއްކެވިއެވެ. ނަޝީދުގެ މަސައްކަތް ފެއްޓެވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެންމެ ބޮޑަށް އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އެމްޑީޕީއާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި "ނަފުރަތު" އުފައްދަވައި، އެމްޑީޕީއާ ދެކޮޅަށް ކެމްޕޭން ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ނަޝީދެވެ. އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބު ކޮށްލަން އެންމެ ބުރަ މަސައްކަތެއް ކުރެއްވީ ނަޝީދެވެ. އެމްޑީޕީގެ މެންބަރުން ބުނާ ގޮތުގައި އެންމެ ބޮޑު އެންޓި ކެމްޕޭނެއްވެސް ހިންގެވީ ނަޝީދެވެ.
އެމްޑީޕީ ރޫޅައިލުމަށް ނަޝީދު ކެނޑިނޭޅި ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. ނަޝީދުގެ އެޖެންޑާގައި އިތުރު އެހެން އެއްވެސް ކަމެއް ނެތް ފަދައެވެ. އެންމެ ފަހުން ޕީޕީއެމާ އެކުވެސް މަސައްކަތްތައް ފެއްޓެވިއެވެ. އެއް ގަލަކަށް އެ ދެ ފިކުރަށް ނޭރުނު ނަމަވެސް، ރިޔާސީ އިންތިހާބުގައި "އެމްޑީޕީ ނޫން ގޮތެއް" ހޯއްދެވިއެވެ. އިންތިހާބުން އެމްޑީޕީ ބަލިކުރެއްވިއެވެ.
ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި ނަޝީދުގެ އޮތީ އެންމެ އަމާޒެކެވެ. އެއީ އެންމެ ފުރަތަމަވެސް ނަޝީދުގެ ވިސްނުންފުޅެވެ. އެއީ ޕްރައިމަރީގައިވެސް ނަޝީދު ދެއްކެވި ވާހަކަފުޅެވެ. އެއީ އެމްޑީޕީގެ ތާއީދު އަލުން ހޯދައި، އެމްޑީޕީ އަލުން އަނބުރާ ހޯއްދެވުމެވެ. އެ މަނިކުފާނުގެ އަމާޒަކަށްވީ އެމްޑީޕީގެ ރޫޅައިލުމެއް ނޫނެވެ. ނަމަވެސް އެމްޑީޕީގެ ލީޑާޝިޕް ރޫޅައިލުމެވެ.
ނަޝީދު އުންމީދު ކުރެއްވީ ރައީސް ސޯލިހަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު އެމަނިކުފާނު "ރިޓަޔާ" ކުރައްވާނެ ކަމަށެވެ. ސިޔާސީ މައިދާނުން ރައީސް ސޯލިހު ނުފެންނާނެ ކަމަށެވެ. ރައީސް ސޯލިހް ވަނީ ދެވަނަ ދައުރަކަށްފަހު ސިޔާސީ މަސައްކަތްތަކުން ރިޓަޔާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެކަން ހަގީގަތަކަށް ވެ، ނަޝީދަށް ޕާޓީ ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ހުންނެވި ނަމަވެސް ރައީސް ސޯލިހު ހުންނެވީ ދެންވެސް ނަޝީދަށް ދޫދެއްވާ ގޮތަކަށް ނޫނެވެ. ރައީސް ސޯލިހު ހުންނެވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހަރަކާތްތެރިކުރުވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ކުރެއްވުމަށެވެ.
ރައީސް ސޯލިހު ސިޔާސީ މައިދާނުން ފެޔަށް ޖެހިވަޑައިނުގެންނެވި ނަމަވެސް ނަޝީދުގެ ވިސްނުންފުޅު ބަދަލެއް ނުވެއެވެ. ބޭނުންފުޅުވީ އަނެއްކާވެސް އެކަން ހަގީގަތަކަށް ހެއްދެވުމަށެވެ. ދެން ފުރަތަމަ މަސައްކަތް ފެއްޓެވީ މެސެޖަކުންނެވެ. އިންތިހާބަށްފަހު ނަޝީދުގެ މެސެޖެއް ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވައިފައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ، އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އެއީ ފެށުން ކަމަށް އެމްޑީޕީ މެންބަރުން ގަބޫލުކުރެ އެވެ.
ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވި ނަމަވެސް ފެއިލިވީ ލީޑާޝިޕުގެ އެކަނި މައްސަލައަކުން ކަމަށް ގިނަ މެންބަރުން ގަބޫލެއް ނުކުރިއެވެ. ނަޝީދު ހީފުޅުކުރެއްވި ގޮތަށް އެމްޑީޕީގެ އާންމު މެންބަރުންގެ ވިސްނުން ރޫޅައެއް ނުލެވުނެވެ. އޭގެ ބަދަލުގައި އެމްޑީޕީ އާންމު މެންބަރުން އިންތިހާބަށްފަހު ހުރިހާ "ބްލޭމެ"އް ކުރީ ނަޝީދަށެވެ. އެންމެންގެ "ރުޅިގަނޑު ބޭލީ" ނަޝީދަށެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތް އިންތިހާބެއް، އިދިކޮޅާ ގުޅިގެން ފެއިލް ކޮށްލީ ނަޝީދު ކަމަށް އެމްޑީޕީ މެންބަރުން ގަބޫލުކުރެއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ފާހަގަ ކުރެއްވީ، ނަޝީދު ހުންނެވި ކޮޅަކަށް ތާއީދުކުރަން ބޭނުން ނޫން ކަމެވެ. އެމްޑީޕީ އުފެދުނީއްސުރެ ނަޝީދާއެކު މަސައްކަތް ކުރި ނަމަވެސް, މިއަދު "ނަޝީދު ނޫން ގޮތެއް" ހޯދަން އެ މެންބަރުންވެސް ނުކުމެ ތިއްބެވި ކަމަށް އެ ޕާޓީގެ ދުވަސްވީ ބައެއް މެންބަރުން ވަރަށް އަސަރާއެކު ގެންދެވީ ވިދާޅުވަމުންނެވެ.
އެއާ އެކު އެމްޑީޕީން ފެށީ ނަޝީދު، މަޖިލިސް ރައީސް ކަމުން ދުރު ކުރުމުގެ މަސައްކަތެވެ. އެކަން ކުރުމަށް މުޅި އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައެވެ. ރިޔާސީ އިންތިހާބުގެ ބަލިން ހިތްހަމަ ޖެހުމެއް ލިބެން އޮތް ގޮތަކީ ނަޝީދު ވަކި ކުރުން ކަމަށް އެމްޑީޕީން ދިޔައީ ބުނަމުންނެވެ. އެ މަސައްކަތް ކާމިޔާބު ކުރުމަށް ސުޕްރީމް ކޯޓާ ހަމައަށްވެސް ދިޔައެވެ.
ނަޝީދު ގިނަ އުކުޅުތަކެއް ގެންގުޅުއްވައި، މަޖިލިސް ރައީސްގެ މަގާމު ދިފާއު ކުރެއްވުމަށް ގިނަ މަސައްކަތް ތަކެއް ކުރެއްވި ނަމަވެސް އެމްޑީޕީން އެ ހުރިހާ އުކުޅެއް ފެއިލިކޮށްލިއެވެ. ސުޕްރީމް ކޯޓުގެ ތާރީހީ ހުކުމާއެކު ނަޝީދު ރަނގަޅަށްވެސް ބެދުނެވެ. އެންމެ ފަހުން ނަޝީދަށް މަޖުބޫރުވީ މަޖިލިސް ރައީސް ކަމުން އިސްތިއުފާ ދެއްވުމަށެވެ. އެ "ކިކް" ތެރޭގައި އެމްޑީޕީން ވަނީ މަޖިލިސް ނައިބު ރައީސް އީވާ އަބުދުﷲ ވެސް ބޭރުކޮށްލައިފައެވެ.
ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް އިން މަސައްކަތް ކޮށްފައިވާތީ އެމްޑީޕީން "ބޮޑުކޮށް" ނިންމީ ނަޝީދު ބާކީކޮށްލުމަށެވެ. އެމްޑީޕީން ބޭނުންވަނީ ނަޝީދު ނޫން ގޮތެކެވެ. ހިޔާލު ތަފާތުތައް ހުރުމުން ސަރުކާރު ޕާޓީތަކުންވެސް ނަޝީދު ކޮށްލީ ބާކީއެވެ.
އެ މަނިކުފާނަށް ވެރިކަމަށް އާދެވެން އޮތް ހަމަ އެކަނި ނިޒާމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބަރުލަމާނީ ނިޒާމެއްގެ ވޯޓެއް އެހުމަށް ނަޝީދު ފައި ނަންގަވައިގެން ބުރަކޮށް ކުރެއްވި މަސައްކަތްވެސް އެންމެ ފަހުން ޖެހުނީ ހުއްޓާލާށެވެ. އެކަނި މަރުފަލި ޖައްސަވައިގެން ކާމިޔާބުވާން ނެތްކަން ނަޝީދަށް މިހާރު އިހުސާސް ކުރެއްވޭނެ އެވެ. އެ މަނިކުފާނަށް ކުރިން ތާއީދު އޮތް ނަމަވެސް މިއަދު އެ ތާއީދު ނެތް ކަން ހުދު އެމަނިކުފާނުވެސް ގަބޫލުފުޅު ކުރައްވާނެއެވެ. އެހެން ޕާޓީތަކާ ގުޅިވަޑައިގެން ނޫނީ ކުރިއަށް ވަޑައިގެންނެވެން ނެތްކަން ގަބޫލުފުޅުކުރައްވާނެއެވެ.
އަނެއްކޮޅުން ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ލިބުނު މަދު ވޯޓުކޮޅާ އެކު، ނަޝީދުގެ ސައިޒާއި ސިޔާސީ ކުރިމަގާ މެދު ސުވާލު އުފެދިފައި ވަނިކޮށް އެ މަނިކުފާނު މިވަނީ މަޖިލިސް އިންތިހާބުގައިވެސް ވާދަ ނުކުރެއްވުމަށް ނިންމަވައިފައެވެ. އަދި ދާދި ފަހުން ނަޝީދު މިވަނީ ސިޔާސީ މަސައްކަތްތަކުންވެސް ދުރަށް ވަޑައިގެންނެވި ކަމަށް އިއުލާނު ކުރައްވައިފައެވެ. އެ ގޮތުން ރާއްޖެއާއި އިތުރު 11 ގައުމަކުން 2008 ވަނަ އަަހަރު އުފެއްދި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަޝީދު ވަނީ އައްޔަންކޮށްފައެވެ. އެކަން ގަބޫލުފުޅު ކުރައްވައިފައެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ހިދުމަތް ކޮށްދިނުމުގެ ފުރުސަތު އެ މަނިކުފާނަށް އިންތިހާއަށް ތަނަވަސްވާނެ އެވެ. އެހެންކަމުން އަންނަ ޖެނުއަރީން ފެށިގެން ސީވީއެފުގެ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ އަދާކުރައްވަން ފައްޓަވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އަދިވެސް ހުންނެވީ މަޖިލިސް މެންބަރެއްގެ ގޮތުގައެވެ. އެ މަނިކުފާނު މެންބަރު ކަމުން އިސްތިއުފާ ދެއްވައިފައެއް ނުވެއެވެ.
ނަޝީދު ސިޔާސީ ކަންކަމުން ދުރަށް ވަޑައިގެންނެވި އިރު، ރައީސް ސޯލިހު ގެންދަވަނީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރެއްވުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރައްވަމުންނެވެ. އިދިކޮޅު ވަރުގަދަ ޕާޓީއަކަށް ހެދުމަށް ޓަކައި މަސައްކަތްތައް ވަނީ ފައްޓަވައިފައެވެ. މަޖިލިސް ތެރެއިންވެސް އެމްޑީޕީން ދަނީ އެކަން ވަރުގަދައަށް ދައްކުވައިދެމުންނެވެ. އެމްޑީޕީގެ ވަގުތީ ރައީސްގެ ގޮތުގައިވެސް ހުންނެވި ރައީސް ސޯލިހުގެ އަމާޒަކަށް އޮތީ މޭޔަރު އިންތިހާބާއި މަޖިލިސް އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ނެންގެވުމެވެ. އެ މަސައްކަތް އެދަނީ ބާރަށް ކުރިއަށެވެ.
ސިޔާސީ ދާއިރާއަކީ ވަރަށްވެސް ފާޑެއްގެ ދާއިރާއެކެވެ. މިއަދު މިތުރުން މާދަމާ ހަތުރުންނަށް ވެގެންދާ މަންޒަރު ތާ އަބަދު މިދަނީ ފެންނަމުންނެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަކީ އޭގެ ވަރުގަދަ މިސާލެކެވެ. ކުރިން ދެ މިތުރުން މިހާރު ހަތުރުންނަށް ވެފައިވީ ނަމަވެސް މި ގުޅުމަށް ބަދަލު އަތުވެދާނެ ކަމަށް ގަބޫލު ކުރުމަކީ ގޯހެއް ނޫނެވެ.
މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުން ފެނިގެންދާ އެއް މަންޒަރަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ސަރުކާރާ ދެކޮޅު ހިޔާލުތަކެއްގެ ތެރޭގައި އެނބުރެމުންދާ މަންޒަރެވެ. ދެ ފަރާތުންވެސް ފެނިގެންދަނީ ސަރުކާރަށް ފާޑުކިޔަމުންދާ މަންޒަރެވެ. ދެ ޕާޓީގެ އިސް ފަރާތްތައް އެއް ގަލަކަށް އަރައިގެން އެކައްޗެއް ކިޔަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.
އޭގެ އެއް މިސާލަކީ މިފަހުން މަޖިލީހުން ފާސްކުރި ކުރި ގަވާއިދެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާގެ އިތުރުން 49 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅީ ދެ ޕާޓީންނެވެ. އެއީ ރައީސް މަގާމުން ވަކި ކުރުމުގެ ގަވާއިދެވެ. އެގޮތުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރުން ކަމުގައި ދެމިތިބި މެންބަރުންގެ ޖުމުލަ އަދަދު ކަމަށެވެ. އެއާއެކު އެމްޑީޕީއަށް ރައީސް ވަކި ކުރުމުގެ ބާރު ވަނީ ލިބިގެން ގޮސްފައެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެނިގެންދާ އިރު، ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ރައީސް ސޯލިހާއި ނަޝީދުވެސް އެކުގައި ފެނިގެން ދިއުމަކީ ފުރުސަތު ނެތްކަމެއް ނޫނެވެ. ދެ ރައީސުންގެ ދެމެދުގައިވާ ހިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ މަންޒަރު ފެނިގެން ހިނގައިދާނެ ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. ނަޝީދުވެސް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެން ދެ ރައީސުން "މިތުރުން" ގެ ގޮތުގައި ފެނިގެން ދިއުމަކީ ނުވުމަށްވުރެ ވުން ގާތް ކަމެއް ކަމަށް އެމީހުން ދެކެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް