ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްކޯގައި ހިމެނޭ އިތުރު ބައެއް މެމްބަރުންގެ އިސްތިއުފާ ސިޓީއާއެކު ރައީސް ބައްސާމް އަދީލް ޖަލީލަށް މަގާމު ގެއްލިއްޖެއެވެ.

އެފްއޭއެމްގެ އެކްސްކޯ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އިރު، ނައިބު ރައީސް ކަމުގައި ކުރިން ހުންނެވި، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރު އަދި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު ވަނީ މީގެ ދެ މަހެއް ކުރިން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެ ފަހުން އެފްއޭއެމްގެ އެކްސްކޯއަށް ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު (ޝިބާ) އައްޔަން ކުރެއްވި ނަމަވެސް، އޭނާއަށް އަދި އާންމު ބައްދަލުވުމަކުން ރުހުން ދީފައެއް ނުވެއެވެ. އެހެންކަމުން އޭނާއަކީ އެފްއޭއެމްގެ އެކްސްކޯ މެމްބަރެއްގެ ގާނޫނީ ހައިސިއްޔަތު ނުލިބޭ މެމްބަރެކެވެ. މިމަހުގެ 15 ވަނަ ދުވަހު އެފްއޭއެމްއަށް ސިޓީ ފޮނުއްވައިގެން އިސްތިއުފާ ދެއްވާފައި ވަނީ މުހައްމަދު ޝިފާއު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) އަދި އެކްސްކޯ މެންބަރު އާމިނަތު ޝާނީޒު (ޝާނީ) އެވެ.

އެ ސިޓީތައް މިއަދު އެފްއޭއެމްއަށް ބަލައިގަނެފައިވާ އިރު، އެ ސިޓީތަކުގެ ކޮޕީތައް "ވަން ސްޕޯޓްސް" އަށް ވަނީ ލިބިފައެވެ. އެހެންކަމުން މިވަގުތު އެފްއޭއެމްގެ އެކްސްކޯގައި ތިބީ ޖުމުލަ ހަތަރު މެމްބަރުންނެވެ. އެއީ ރައީސް ބައްސާމްވެސް ހިމެނޭހެންނެވެ. އެހެންކަމުން އެކްސްކޯއަށް ވަނީ ގާނޫނީ ކޯރަމް ގެއްލިފައެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ގެ ދައުރަށް ހަތަރު މަސް ނުވަނީސް، 2016 ގައި އޭނާގެ މަގާމު ގެއްލުނީ، އެކްސްކޯގެ ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާ ދިނުމުންނެވެ.

އެފްއޭއެމްގެ އެކްސްކޯގެ ކޯރަމް ގެއްލިފައިވާ އިރު، އެ އިދާރާއިން ވަނީ އިންތިހާބު، އަންނަ ޖެނުއަރީ 31 ގައި ބާއްވަން އިއުލާނުކޮށްފައެވެ. ބައްސާމް އިންތިހާބުގައި ވާދަނުކުރައްވަން އިއުލާނުކުރައްވާ، އެފަހުން ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރަށް ޖެހިވަޑައިގެންނެވެ.