އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސްއިން ކުޅުނު މެޗުގައި އެވަޓަން ބަލިކުރި އިރު، މެންޗެސްޓާ ޔުނައިޓެޑުން ވެސްޓް ހަމް ކައިރިން ބަލިވެއްޖެއެވެ.
ރޭ ސްޕާސްއިން ކުޅުނު މެޗުގައި އެވަޓަން ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސްޕާސް ވަނީ ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް އަރައިފައެވެ. އެއީ 18 މެޗުން 36 ޕޮއިންޓާއެކުގައެވެ. މިވަގުތު އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ފަސްވަނައަށް ވެއްޓިފައިވާ އިރު، އެޓީމަށް 17 މެޗުން 34 ޕޮއިންޓް ލިބިފައިވެއެވެ.
ޓޮޓެންހަމްއިން ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި، އެޓީމުން ވަނީ ލީޑު ނަގައިފައެވެ. ރިޗާލިސަން ގޯލު ޖަހައި ޓޮޓެންހަމްއަށް ލީޑު ނަގައިދިން އިރު، އޭގެ ނުވަ ވަރަކަށް މިނެޓް ފަހުން، ހިއުން-މިން ސޮން ވަނީ ޓޮޓެންހަމްގެ ލީޑު ފުޅާކޮށްދީފައެވެ.
އެވަޓަންއިން ފަހަތުން އަރައި މެޗަށް ވަނުމަށް މަސައްކަތް ކުރި ނަމަވެސް، އެޓީމަށް ގޯލެއް ޖެހުނީ 82 ވަނަ މިނެޓުގައެވެ. އަންދްރޭ ގޮމޭސް ޖެހި ގޯލާއެކު އެވަޓަންއިން ހިތްވަރު އާކުރި ނަމަވެސް، އެޓީމަށް ދެވަނަ ގޯލެއް ނުޖެހުނެވެ.
ރޭ ޔުނައިޓެޑުން 2-0 ގެ ނަތީޖާއަކުން ވެސްޓް ހަމް އަތްދަށުވި އިރު، ޔުނައިޓެޑް އޮތީ އަށް ވަނައިގައެވެ. އެއީ 18 މެޗުން 28 ޕޮއިންޓާ އެކުގައެވެ. މި ސީޒަނުގެ މިހާތަނަށް 13 މެޗުން ޔުނައިޓެޑް ބަލިވެފައިވާ އިރު، އެއީ 1930 އަށްފަހު ސީޒަނުގެ ކުރީކޮޅުގައި އެ އަދަދަށް މެޗުތަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެންމެފަހުން ޔުނައިޓެޑް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ބަލިވީ ގޯލެއް ނުޖެހިއެވެ. އެއީ 1992 ވަނަ އަހަރަށްފަހު ޔުނައިޓެޑަށް ޖެހިޖެހިގެން ތިން މެޗެއްގައި ގޯލު ނުޖެހުނު ފުރަތަމަ ފަހަރެވެ.
ޔުނައިޓެޑް ކޮޅަށް ރޭ ވެސްޓް ހަމްގެ ގޯލުތައް ޖެހީ ޖެރޮޑް ބޮވެން އާއި މުހައްމަދު ކުޑޫސްއެވެ. އެ ގޯލުތައް ފެނިގެން ދިޔައީ 72 އަދި 78 ވަނަ މިނެޓުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު