މީގެ ފަސް އަހަރު ކުރީން އެމަނިކުފާނަކީ ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ވަރުގަދަ ޝަހުސިއްޔަތެކެވެ. ސިޔާސީ ނިންމުންތަކާއި ކުޅިބައިތައް އެތުރުމުގެ މޭސްތިރިއެވެ. ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ހުރިހާ ނިންމުމަކީވެސް އެ މަނިކުފާނުގެ ނިންމެވުންތަކެވެ. އެކަމަށް ބަސްބުނެ، ދެބަސްވާނެ މީހަކު ވެސް އެއިރަކު ނެތެވެ. މިއަހަރުގެ ރިޔާސީ އިންތިހާބާ ޖެހެންދެންވެސް އެ އިއްތިހާދުގެ އެތެރޭގެ ނިޒާމު އޮތީ އެކަހަލަ ގޮތަކަށެވެ. އެ މަނިކުފާނުގެ ވިޝަނާއި ތަރައްގީއަކީ ލީޑާޝިޕުން ސިޔާސީ މައިދާނުގައި ކާމިޔާބީތައް ހޯދުމުގައި މި ހުރިހާ ދުވަހު "ވިއްކި" ފިލޯސަފީއެވެ. ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރަން ބޭނުންކުރީ އެ މަނިކުފާނުގެ "ހުސް ގޮނޑި" އެކެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަކީ މިދިޔަ ފަސް އަހަރުގެ އިދިކޮޅު އެންމެ ބޮޑު ލީޑަރެވެ. ޖަލުގައި ހުންނަވައިގެންވެސް އެ މަނިކުފާނުގެ ބަސް ނުވިކޭ އެންމެ ހިނދުކޮޅެއްވެސް މި ރާއްޖޭގެ ސިޔާސީ މައިދާނުން މިދިޔަ ފަސް އަހަރު ތެރޭ ފެނިފައެއް ނުވެއެވެ. ނަމަވެސް ސިޔާސީ މަސްރަހު މުޅީންހެން ބަދަލުވެ، މިއަދު މިވަނީ ޔާމީނުގެ ވެސް ބަސް ނުވިކޭ ހިސާބަށް ގޮސް، އާ ލީޑަރުންތަކެއް ލީޑު ކުރަން ފަށައިފައެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މިދިޔަ ފަސް އަހަރު އޮތް އިދިކޮޅު ކޯލިޝަން އަދި މިހާރު އޮތް ސަރުކާރުގެ އިންތިހާދުގެ މިހާރުގެ ލީޑަރެވެ. ކުރިން އެ މަގާމުގައި ހުންނެވި ރައީސް ޔާމީންގެ ބާރު މިއަދު ކެނޑި، އާ ލީޑަރަކާ އެކު މިއަދު މިވަނީ އެ މަގާމު ބަދަލުވެފައެވެ. މުޅި މަންޒަރު ވެސް މިވަނީ ބަދަލުވެފައެވެ. ރައީސް ޔާމީނާއި ރައީސް މުއިއްޒު މިއަދު މިވަނީ ހަތުރުންނަށް ވެފައެވެ. ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭ ވަރަށް ދުރުވެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެންމެ ބޮޑަށް ދެކެވެމުންދިޔަ އެއް ވާހަކައަކީ ރައީސް ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ދެން އެ އިއްތިހާދުން ވާދަ ކުރައްވާނެ ފަރާތަކީ ކޮބައިތޯއެވެ. އެ ސުވާލު ކުރިމަތިވާ ކޮންމެ ފަހަރަކުވެސް މިހާރުގެ ރައީސް ޑރ. މުއިއްޒުގެ ނަންފުޅު ކޮންމެވެސް ހިސާބަކުން ފެންމަތިވެއެވެ. ނަމަވެސް ލީޑާޝިޕުން އަބަދުވެސް ބުނަމުން ދިޔައީ އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އެއީ ބަދަލުވާނެ ހާލަތެއް ނޫން ކަމަށެވެ. ޕްލޭން އޭ އާއި ބީ އަދި ސީ އަކީވެސް ރައީސް ޔާމީން ކަމަށް އެ ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.

އެހެން ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި، ޕީއެންސީން ކެންޑިޑޭޓެއް ކަނޑައެޅިއެވެ. ވޯޓުން އެ ޖާގަ ޔަގީން ކުރެއްވީ ރައީސް މުއިއްޒެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު، އިއްތިހާދުގެ މުޅި ވިސްނުން ބަދަލުވެގެން ދިޔަ މަންޒަރު ފެނުނެވެ. އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އިރުޝާދު ދެއްވުމުން ވެސް، އިއްތިހާދުގެ ލީޑާޝިޕްގެ ތެރޭގައި "ކުނިޖެހި"، އާ ޕްލޭނެއް ފެންމަތި ވިއެވެ. އެއީ ރައީސް މުއިއްޒެވެ. އިއްތިހާދުގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ މައްސަލައިގެ ފެށުމެވެ.

އޭގެ ފަހުން ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ ހަމައަށް ކެމްޕޭން ތެރޭގައި ވެސް އެކި ކަހަލަ އަޑުތައް ދިޔައީ ފެތުރެމުންނެވެ. ރައީސް ޔާމީންގެ ތާއީދު ރައީސް މުއިއްޒަށް ނެތް ވާހަކައެވެ. ލީޑާޝިޕުންނާއި ޔާމީންގެ އަރިސް ބޭފުޅުން ތަކުރާރުކޮށް ގެންދެވީ އެކަންކަން ދޮގު ކުރައްވަމުންނެވެ. އެހެން ނަމަވެސް ކެމްޕޭން ތެރޭގައިވެސް ރައީސް ޔާމީންގެ މާ ބޮޑު އެއްބާރުލުމަކާއި ތާއީދެއް މުއިއްޒަށް ފެނިގެނެއް ނުދިޔައެވެ. ދެ ބޭފުޅުން "ކުނި" ޖެހިފައިވާ ކަމަށް އެންމެންވެސް ދިޔައީ ތުހުމަތު ކުރަމުންނެވެ. އެއީ ތެދުކަމުގެ މަންޒަރުތައްވެސް ދިޔައީ ފެންނަމުންނެވެ.

އަހަރެއްހާ ދުވަސް މާފުށީ ޖަލުގައި ހޭދަކުރެއްވުމަށް ފަހު ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރީ، ރިޔާސީ އިންތިހާބަށް ފަހުއެވެ. ޔާމީން ގޭބަންދަން ބަދަލުކޮށްދެއްވީ، އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރިހު އެދިވަޑައިގެންނެވުމުންނެވެ. ނަމަވެސް އެދުވަހު ފެނިގެން ދިޔައީ ރައީސް ޔާމީން އަސްލު ހުންނެވި ގޮތެވެ. ޔާމީން ގެއަށް ބަދަލު ކުރުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިންތިހާބީ ރައީސް، މުއިއްޒު ހުންނެވީ ޔާމީނާ ވަރަށް އަރިހުގައެވެ. ގެއަށް ބަދަލުކުރި ދުވަހު މަގުމަތިން ޔާމީން ދެއްކެވީ ރައީސް މުއިއްޒާ މެދު އޮތް ހިތްހަމަނުޖެހުމެވެ. ދެއްކެވީ ދެބޭފުޅުންގެ މެދުގައި އޮތީ ބީރައްޓެހި، ވަރަށްވެސް ދުރު ގުޅުމެއްކަމެވެ. ބާކީ ކޮށްލައްވައިފައިވާ މަންޒަރެވެ.

އޭގެ ފަހުން ވެރިކަމަށް މުއިއްޒު ހޮވިވަޑައިގަތުމުން، އިޖުތިމާއީ މަރުކަޒުގައި އޮތް އުފާފާޅުކުރުމުގެ ހަފުލާއިން ވެސް ރައީސް ޔާމީން ނުފެނުނެވެ. ބައެއް ސަޕޯޓަރުން ވަނީ އެ މަނިކުފާނަށް ދައުވަތު ނުދިނީތޯ ސުވާލު އުފައްދައިފައެވެ. ނަމަވެސް އުފާ ފާޅުކުރަން އަވަސް ކަމަށް ރައީސް މުއިއްޒަށް ދަންނަވައި، އެ ހަފުލާއަށް ރައީސް ޔާމީން ވަޑައިގަންނަވަން ބޭނުންފުޅު ނުވީ ކަމަށް އިއްތިހާދުގެ ސެނެޓުން ބުނެފައިވެއެވެ.

"އުފާފާޅުކުރުމުގެ ހަފުލާގެ ވާހަކަ މުއިއްޒު ޔާމީނަށް ދެންނެވި. އެކަމަކު ޔާމީން ވިދާޅުވީ އަދި ނުވެޔޭ ސެލެބްރޭޓް ކުރާކަށް، ތިމަންނަ މިނިވަން ވީމައޭ ސެލެބްރޭޓް ކުރާނީ،" ސެނެޓަކު "ވަން" އަށް ކުރީން ވިދާޅުވިއެވެ.

އެ ހަފުލާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެން އިތުރަށް މައްސަލަ ގޯސްވެގެންދިޔަ މަންޒަރު ފެނުނެވެ. ރައީސް މުއިއްޒު ވިދާޅުވީ ޔާމީން މިނިވަން ކުރުމަށް މަގުމައްޗަށް ނުކުމެ އަޑުގަދަކޮށް، އެކި ކަހަލަ ޖަލްސާތަކާއި ހިނގާލުންތައް ބޭއްވުމަކީ އެ މަނިކުފަނު އެދިވަޑައިގަންނަވާ ގޮތެއް ނޫނެވެ. އެ މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ.

އެކަމާ ހިތްޕުޅުހަމަ ޖެހިވަޑައިނުގެން، ރައީސް ޔާމީން، ސަޕޯޓަރުން އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް އެއްވެ، އެ މަނިކުފާނަށް ތާއީދު ދެއްކެވުމަށް އެންގެވި ކަމަށް ވެއެވެ. އަދި ދޫވެހި ގޭ ކުޑަދޮރު ކައިރީ ހުންނަވައި ޔާމީން ވަނީ ލީޑާޝިޕަށް ނިސްބަތްވާ ގޮތަށް ރައްދުތަކެއް ވެސް ދެއްވައިފައެވެ.

"އެކަމަކު ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަކަން ލިބިގެން އެ ދިޔައީ ރައީސް ޔާމީނާއި މި ޓީމުން (ސަޕޯޓަރުން) ކުރި މަސައްކަތުން. އިންސާނީ ތަބީއަތުގައި ދެރަކަމަކަށް މި ވަނީ މަގާމުތަކަށް އާދެވުނީމާ، އެކަން ހަނދާން ނެތޭތީ،" ޔާމީން އެރޭ ވިދާޅުވިއެވެ.

އޭގެ ފަހުން ޔާމީން ވަރަށް ބޮޑަށް ފެޔަށް ޖެހިވަޑައިގެންނެވި އެވެ. އެ މަނިކުފާނު ގުރޫޕުގައި އިންނަވާތީ، ގުރޫޕުގެ މެންބަރުންނަށް ބޭނުން ވާހަކައެއް ނުދެއްކޭ ކަމަށް ވިދާޅުވެ، އޭގެ ދުވަސްތަކެއް ފަހުން ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގުރޫޕުންވެސް ރައީސް ޔާމީން އަމިއްލަފުޅަށް ވަނީ ނުކުމެވަޑައިގެންފައެވެ. ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްވެސް ރައީސް ޔާމީން ވަޑައިގަންނަވަން ދެކޮޅު ހެއްދެވިއެވެ. އެއީ އެ ރަސްމިއްޔާތުގެ ހައިބަތު ގެއްލިދާނެ ކަމަށް ވިދާޅުވެއެވެ.

ފަހުން ރައީސް ޔާމީން، ރައީސް މުއިއްޒު ކެބިނެޓަށް ނަގާނެ ބޭފުޅުންގެ ލިސްޓެއް ތައްޔާރު ކުރެއްވި ކަމަށްވެއެވެ. ނަމަވެސް ޔާމީން ބޭނުންފުޅުވާ ބޭފުޅުން ނޫން ބޭފުޅުން ރައީސް މުއިއްޒު ނެންގެވި ކަމަށާއި އެ މަނިކުފާނާ މަޝްވަރާ ނުކުރައްވާތީ އިތުރަށް ދެ ބޭފުޅުން ދެމެދުގައި ހިތްހަމަނުޖެހުންތައް ބޮޑުވެގެންދިޔައެވެ. އަދި އޭގެ ފަހުން ދެ ބޭފުޅުން އެއްވެސް ވަރަކަށް ގުޅުއްވައި އެއްވެސް ވަރަކަށް ގުޅުމެއް ބާއްވާފައި ނުވާ ކަމަށް ސެނެޓުގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން ރައީސް ޔާމީން ނިންމެވީ އަސްލު ހަރަކާތްތައް ފެއްޓެވުމަށެވެ. އެ މަނިކުފާނުގެ އަމިއްލަ ސްޓިއަރިން ކޮމިޓީއެއް އެކުލަވައިލައްވައި، ސެނެޓަށް ހުށަނާޅައި ބޮޑު ނޫސްވެރީންގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ތިއްބެވިތަން ފެނުނީ، ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ އާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. އެ ކޮމިޓީގައި އެ ޕާޓީގެ ލީޑަޝިޕުން ކުރީން ފެނުނު މަޝްހޫރު އެއްވެސް މޫނެއް ނުފެނެއެވެ. އެ ކޮމެޓީން ވިދާޅުވީ އެއީ ރައީސް ޔާމީންގެ ޓީމް ކަމަށެވެ. އެއާއެކު ޕާޓީގެ ބާރުތައް ނަންގަވަން ޔާމީން މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެ މީހުންނަށް ފިޔަވަޅުވެސް އަޅައި ޔާމީންގރ މުޅި ޕްލޭން ފެއިލް ކޮށްލިއެވެ.

ޔާމީން ނެންގެވި ކޮމިޓީގައި އިސްކޮށް ހުންނެވި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޕީޕީއެމުން ވަކި ކުރަން ނިންމުމާ ގުޅިގެން އައީ ސިޔާސީ މަޝްރަހުގެ ބޮޑު ނިންމުމެކެވެ. ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު "ޗެނަލް 13" އަށް އިންޓަވިއުއެއް ދެއްވައި ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕުގެ އެއްބާރުލުން ރައީސް ޔާމީނަށް ނެތުމުން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ޔާމީން ނިންމަވާފައިވާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ޔާމީންގެ ފޯނެއްވެސް ނުނަންގަވާ، އަދި ހަމަ އެއާއެކު ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން މިވަނީ ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީންއާ މަޝްވަރާއެއް ނުކުރައްވާ، އަދި ހަމަ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އެ ޕާޓީ ހިންގަން އެ ބޭފުޅުން ބޭނުމެއް ނުވޭ، މި ހުރިހާ ކަމެއް މިހެން ހުރުމާއެކީގައި އެ މަނިކުފާނުގެ ސިޔާސީ މަސައްކަތް ކުރިއަށް ގެންދިއުމަށާއި މަޖިލިސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިރޭ ރައީސް ޔާމީން ނިންމަވާފައި މިވަނީ ޕީޕީއެމް ދޫކުރައްވަން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވި ނިންމެވުން އެކަންޏެއް ނޫނެވެ. ރައީސް ޔާމީންގެ އިތުރު ބޮޑު ނިންމުމެއްވެސް އެރޭ އިވިގެންދިޔައެވެ. ޖަމީލް ވަނީ ރައީސް ޔާމީން ޕީޕީއެމުން ވަކިވަޑައިގެން އާ ސިޔާސީ ޕާޓީއެއްވެސް އުފައްދަވަން ނިންމަވާފައިވާ ކަން ވެސް އިއުލާނުކުރައްވައިފައެވެ. މިއީ ސިޔާސީ މަޝްރަހަށް އައި އެންމެ ބޮޑު ސިހުމަށްވެސް ވެގެންދިޔައެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ބޮޑު ބަދަލެއް އަންނާނެ ކަމަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ.

އެ ނިންމުމާ އެކު ޕީޕީއެމް ރަނގަޅަށްވެސް ދެފަޅި ވިއެވެ. ޔާމީންގެ ސަޕޯޓަރުންނާއި ރައީސް މުއިއްޒުގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަނގުރާމައެއް އިއުލާނު ކުރެވިގެންދިޔައެވެ. އެ ނިންމުމާ އެކު ޕީޕީއެމް/ޕީއެންސީ މުޅި ލީޑާޝިޕް ކަހަލަ ގޮތަކަށް ރައީސް މުއިއްޒަށް ތާއީދު ކުރަން ނިންމެވިއެވެ. އެބޭފުޅުން ތާއީދު އޮތްކަން ދިޔައީ މުޅި ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އޭގެ ފަހުން ދެތިން ދުވަސް ވަންދެން މުޅީންހެން ފެނުނީ އެފަދަ ޕޯސްޓްތަކެވެ.

"ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު. ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅާލައިގެން މި ތިބި ސަފުތަކުގައި ކެރުމާއި އިހުލާސްތެރިކަމާއެކު ސާބިތުވެ ހުރެ، ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒާއެކު ކުރިއަށް ވަޑައިގަތުމަށް ގޮވައިލަން" ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

"އަޅުގަނޑުގެ އަޒުމަކީ ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދެއްވުމަށް ރައީސް ޑރ. މުއިއްޒަށް އެންމެ ފުރިހަމައަށް އެއްބާރުލުންދީ އަދި އަޅުގަނޑަށް އިތުބާރު ކުރައްވައި ރައީސް ޑރ. މުއިއްޒު އަޅުގަނޑާ ހަވާލުކުރެއްވި ގައުމީ މަސްއޫލިއްޔަތު އަޅުގަނޑުގެ ލަޔާގަތާ ގާބިލިއްޔަތު ތަންދިން އެންމެ ފުރިހަމައަކަށް އަދާކޮށްދީ ގައުމާއި ރައްޔިތުންނަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދީ ދިވެހީން ގެނައި މި އުއްމީދީ ސަރުކާރު ދަމަހައްޓަން އެންމެ ކުރީ ސަފުގައި މަސައްކަތް ކޮށްދިނުމެވެ،" ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެންމެ ބޮޑަށް އެ ވާހަކަ ދެއްކެވި ލީޑާޝިޕްގެ އިސް ފަރާތްތަކާއި އެކްޓިވިސްޓުންވެސް ފެނުނީ ރައީސް މުއިއްޒުގެ އަރިހުންނެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ބޭނުން ކުރަމުންދިޔަ ހޭޝްޓެގުވެސް ގެއްލުނެވެ. ބޮޑު ފަޅި ރައީސް މުއިއްޒު ކޮޅަށް އެރިއެވެ. ރައީސް ޔާމީން ކަންތައް ކުރެއްވި ގޮތް ގިނަ ބަޔަކަށް ކަމަކުނުދިޔައެވެ. ރައްޔިތުން ނުހަނު އުއްމީދާ އެކު ގެނައި ސަރުކާރަށް ފުރުސަތު ދޭން ޖެހޭ ކަމަށް އެމީހުން ގަބޫލުކުރެއެވެ. އެންމެ ފަހުން ދެ ފަޅި ރަނގަޅަށްވެސް ފަޅައިގެން ދިޔައީއެވެ.

ސިޔާސީ މަޝްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޔާމީންގެ މި ނިންމުމަކީ ކުރީން ރާއްޖޭގެ ސިޔާސީ މަޝްރަހުން ހިނގައިދިޔަ ކަންކަމަށް ބަލާފައި ޔާމީން ނިންމެވި ނިންމެވުމެކެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވި ހާލަތެއް އެ މަނިކުފާނަށް ކުރިމަތިވުމުގެ ކުރިން އެޅުއްވި ސަލާމަތީ ފިޔަވަޅެކެވެ. ތާއީދު އޮއްވައި އެ މަނިކުފާގެ ބާރު އަލުން ސިޔާސީ މަޝްރަހުގައި ދެމެހެއްޓެވުމަށް ނިންމެވި "މޮޅު" ނިންމެވުމެކެވެ.

ރައީސް ޔާމީންގެ އެ ބޮޑު ނިންމެވުމާއެކު ސިޔާސީ ގޮތުން ރައީސް މުއިއްޒަށް ބޮޑު ޗެލެންޖެން ކުރިމަތިވާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރިއެވެ. ވެރިކަމުގެ ފުރަތަމަ ދުވަސްވަރު މިވަރުގެ ބޮޑު ނިންމުމެއް އައުމުން، ރައީސް މުއިއްޒަށްވެސް ކުރިއަށް ވަޑައިގަތުމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބެލިއެވެ. ސަރުކާރުގެ ހަމަޖެހުމާއި މެންބަރުންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުމަކީ އެ މަނިކުފާނަށް ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު މަސައްކަތް ޕުޅެވެ.

އެހެން ނަމަވެސް ރައީސް ވަނީ އެއީ ބޮޑު ޗެލެންޖެއް ނޫން ކަމަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު އެޔަށް ދެއްވީ ފިނި ޖަވާބެކެވެ. ޖުމުލަ މާނައަކީ، ރައީސް ޔާމީނަށް އެގޮތް މޮޅު ކަމަށް ގަބޫލުފުޅުކުރެއްވޭ ނަމަ މައްސަލައެއް ނެތް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ގައުމު ކުރިއެރުވުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއެކީގައި ގައުމު އިސްކޮށްގެން ކުރިއަށްދާން ބޭނުންކަމުގައިވާ ނަމަ، ވަރަށް ރަނގަޅު ގޮތެއް އެއީ، އަދި ޗެލެންޖްތައް ކުރިމަތިވަންޏާ، އެ ޗެލެންޖުތަކާއެކީގައި ގައުމީ ވިސްނުމުގައި ކުރިއަށް ދެވޭނެ. އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެންގެ ތެރޭގައި މާ ބޮޑު ކަންތައްތަކެއް އުފެދިގެންދާނެ ކަމަކަށް" ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ނަމަވެސް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ރައީސަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ގޮނޑިތައް ކާމިޔާބު ކުރެއްވުމަށް އޮތް ހުރަހަކަށްވެސް ވެގެންދާނެ އެވެ. އެއީ ޕީޕީއެމްގެ ފިކުރު ދެކަފިވެ، ރިޔާސީ އިންތިހާބުގައި ލިބުނު ނަތީޖާއަށްވުރެ ތަފާތު ނަތީޖާއެއް ނުކުތުމުގެ ފުރުސަތު އޮތީމައެވެ.

އެހެނަސް ރައީސް މުއިއްޒަށް އިތުބާރު އެބަ އޮތެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއަށް މަޖިލީހުގެ ތިން ބައިކުޅަ ދެބައި ރައްޔިތުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ރައީސަށް އެބައޮތެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ, ރާއްޖޭގެ ރައްޔިތުން ތިއްބެވީ އަޅުގަނޑާ އެކީގައި, އަޅުގަނޑުމެންގެ ޓީމާއި, ޕީޕީއެމް/ޕީއެންސީއާ އެކީގައި. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ތިންބައިކުޅަ ދެބައި ދެއްވާނެ،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒު ކުޅިބައި އަތުރުއްވަމުން ގެންދަވާއިރު، ރައީސް ޔާމީން ގެންދަވަނީ އެ މަނިކުފާނުގެ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ޕްރޮންޓު (ޕީއެންއެފް)ގެ ނަމުގައި އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ، ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުރުން ޔާމީންގައި ކެބިނެޓުގައި ހިމެނިވަޑައިގެންނެވި މުހައްމަދު މަލީހު ޖަމާލެވެ. ޕާޓީގެ މުއައްސިސަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައެވެ. އެއާއެކު އެ ޕާޓީއަށް މެންބަރުން ހަމަކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ. ރައީސް ޔާމީންވެސް ވަނީ މިހާރު އެ ޕާޓީއަށް ސޮއި ކުރައްވައިފައެވެ. އަދި އެކި ރަށްރަށުންވެސް ޕާޓީއަށް މެންބަރުން ދަނީ ސޮއިކުރަމުންނެވެ. މަލީހު އެންމެ ފަހުން ވިދާޅުވެފައިވަނީ 3،000 އަށްވުރެ ގިނަ މެންބަރުން ސޮއި ކޮށްފައިވާ ކަމަށާއި ހުރިހާ ރަށަކުން މެންބަރުން ސޮއި ކުރުމުން ފޯމްތައް ހުށަހަޅާނެ ކަމަށެވެ.

މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައީސް މުއިއްޒާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ފިނި ހަނގުރާމައެއް ފެނިގެން ދިޔަ ނަމަވެސް، ދެ ބޭފުޅުންގެ ވެސް މިސްރާބު ހުރީ އެއް ދިމާލަކަށެވެ. ފެނިގެން ދަނީ ދެ ބޭފުޅުންގެ ވެސް ސިޔާސީ ބާރާއި ފިކުރު މުޅި ރާއްޖޭއަށް ފެތުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރެވެ. ރައީސް ޔާމީން އެ މަނިކުފާނުގެ އާ ޕާޓީއާ އެކު، އަލުން ސިޔާސީ ބާރު ހޯއްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރެވެ. ރައީސް މުއިއްޒު ޕީޕީއެމާއި ޕީއެންސީއާއެކު މެންބަރުންގެ އިތުބާރު ހޯއްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރެވެ.