ޝަރުއީ ދާއިރާގައި މިދިޔަ އަހަރު ހިނގި ބޮޑެތި ކަންކަމުގެ ތެރޭގައި މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން، މަރަން ހައި ކޯޓުން ކުރި ހުކުމަށް، ސުޕްރީމް ކޯޓުން ތާއީދުކުރުން ހިމެނެއެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި މީގެ ކުރިން އަމަލުކޮށްފައި ނުވާ ގޮތަކަށް ރިއާޔަތްކޮށް، ހުކުމް އިއްވައިފައެވެ. އެ ގޮތަކީ ޑީއެންއޭއިން ގިސާސް ސާބިތުކުރުމެވެ. މިއީ ޑީއެންއޭއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމި ފަހަރެވެ. މި ހުކުމް ވަކީން ފާހަގަކޮށްލެވެނީ އެހެންވެގެންނެވެ.

ޝައިފަންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އެޕްރީލް މަހުގެ އެއް ވަނަ ދުވަހުގެ ހަވީރު 16:45 އެހާކަންހާއިރު މ. ފެއަރީކޯނާ އަލީ ޝިފާނ،ް ވެސްޓްޕާކް ރެސްޓޯރެންޓް ކައިރީ ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރިއަކާ ގުޅިގެންނެވެ. ދައުލަތުން ޝައިފަންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބަޔާންކޮށްފައި ވަނީ ޝައިފަން އާއި އެހެން މީހަކު ވެގެން ވަނީ، އަލީ ޝިފާންގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައި ކަމަށެވެ. އެ ހަމަލާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އަލީ ޝިފާން މަރުވެފައިވާ ކަމަށް ދައުވާގައި ވަނީ ބަޔާންކޮށްފައެވެ.

އެ ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ޑީއެންއޭ ރިޕޯޓުތަކެއް ހިމެނެއެވެ. އެ ޑީއެންއޭ ރިޕޯޓުގައި ހިމެނެނީ، މަރުވި އަލީ ޝިފާންގެ ހަށިގަނޑުން ނެގުނު ބްލަޑް ސާމްޕަލްއިން ލިބުނު ޑީއެންއޭ ޕްރޮފައިލް، ކްރައިމް ސީން އެވިޑެންސްތަކުން ލިބުނު ޑީއެންއޭ ޕްރޮފައިލް އަދި އަލީ ޝިފާން ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުން ލިބުނު ޑީއެންއޭ އެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ އެ ހުރިހާ ޑީއެންއޭގެ ޕްރޮފައިލް ދިމާވާ ކަމަށެވެ.

"އަލީ ޝިފާންގެ ވާއަތުގެ ނިޔަފަތިން ލިބުނު މިކްސްޑް ޑީއެންއޭ ޕްރޮފައިލް އާއި މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ މުހައްމަދު ޝައިފަންގެ ފަރާތުން ނެގުނު ރިފަރެންސް ބަކަލް ސްވޮބް އިން ލިބުނު ޑީއެންއޭ ޕްރޮފައިލްއާ ދިމާވާކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ނޯޓިހުން އެނގޭކަމަށް" ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

އެހެންވެ ހައި ކޯޓުން ވަނީ ޝައިފަންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައެވެ. އެ ހުކުމް ޝައިފަންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފީ ނުކުތާގައި ޝައިފަންގެ ފަރާތުން ބުނެފައިވަނީ ކުށް ސާބިތުކުރުމަށް ޓަކައި ބޭނުންކުރި ޑީއެންއޭ ރިޕޯޓުން، އެ ހާދިސާގައި މަރުވި އަލީ ޝިފާންއަށް ލިބިފައިވާ އަނިޔާތަކަކީ ކޮބައިކަން ނުދައްކާ ކަމަށާއި އަދި ޑީއެންއޭ ރިޕޯޓުގައި އަލީ ޝިފާނުގެ ފަރާތުން ލިބުނު ސާމްޕަލަކީ އެއްވެސް ވަރަކަށް މި މައްސަލައާ ގުޅުމެއް ނުވާ ސާމްޕަލެއްކަމަށެވެ. ޝައިފަންގެ އަތުން ނެގުނު އެއްވެސް ސާމްޕަލެއްގައި އަލީ ޝިފާންގެ ގައިގެ ހަންކޮޅެއް، ލޭކޮޅެއް ވަރުވެސް ނެތްކަމަށާއި އަލީ ޝިފާންގެ ނިޔަފައްޗަކުން ނެގިކަމަށް ބުނާ ސާމްޕަލަކީ ކޮންއިރަކ،ު ކާކު، ކޮންތަނެއްގައ،ި ކޮންވަގުތެއްގައި ކޮށްފައިވާ ކަމަކާ ގުޅިގެން ވާސިލުވެފައިވާ ސާމްޕަލެއްކަން އެނގެން ނެތްކަމަށާއ،ި އެހެންކަމުން އެ ސާމްޕަލާމެދު ޝައްކުގެ ނަޒަރުކުން ދެކޭކަމަށެވެ.

ދައުލަތުން އެކަމާ ގުޅިގެން ވިދާޅުވެފައިވަނީ ޝައިފަންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށަހެޅި ޑީއެންއޭ ރިޕޯޓަކ،ީ މައްސަލައިގައި އަނިޔާ ލިބި މަރުވި އަލީ ޝިފާން އާއި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުން އޮތްކަން ދަލީލު ކޮށްދޭ ހަރުދަނާ ގަރީނާއެއް ކަމަށެވެ. ޑީއެންއޭ ރިޕޯޓުން އަނިޔާ ލިބި މަރުވި ފަރާތާއި ތުހުމަތު ކުރެވޭ ފަރާތާ އޮތް ގުޅުން ދަލީލު ކޮށްދިނުމަކީ ހެކިބަހަށް ލިބޭ އިތުރު ބުރަދަނެއް ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

ޑީއެންއޭ ރިޕޯޓަކީ ޝައިފަންގެ ފަރާތުން އެ ފާހަގަ ކުރި ތިން ނުކުތާ ކަމަށްވާ އެތިކަލީ، ޓެކްނިކަލީ އަދި ލީގަލީ ވެސް ފުރިހަމަ ރިޕޯޓެއްކަމަށާއ،ި ޑީއެންއޭ ރިޕޯޓު ނެގުމުގައި އަމަލުކޮށްފައި ވަނީ އޭރު އަމަލުކުރަމުން ދިޔަ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ. މި ހާދިސާ ހިނގިއިރު ޑީއެންއޭ ރިޕޯޓެއް ނަގާ އިރުގައި ކޯޓު އަމުރެއް ހޯދުން ލާޒިމުކޮށްފައި ނެތްކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

ޑީއެންއޭ މެދު ގޮތެއް ކަނޑައެޅުމަށް އުއްތަމަ ފަނޑިޔާރު މުއަތަސިމް އަދުނާން އިއްވެވި ރައުޔުގައި ވިދާޅުވެފައިވަނީ އިސްލާމީ ޝަރީއަތުގެ ނައްސުތަކާއި އިސްލާމީ ސުންނަތް ޖަމާއަތުގެ އިލްމުވެރީން، ހައްދާއި ގިސާސް ސާބިތުކުރުމުގައި ހުށަހެޅޭ ހެއްކަކީ ކޮބައިކަމާއި އެ ހެކީގެ މިންވަރު ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ. ޑީއެންއޭ އަކީ މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރުއީ ހަމަތަކުން ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމުގައި ހެކީގެ ދަރަޖައިގައި ބަލައި ގަނެވޭނެ ސީދާ ވަސީލަތެއްގެ ގޮތުގައި ނުބެލެވުނު ނަމަވެސް، މި މައްސަލައިގައި ގަރީނާގެ ގޮތުގައި ޑީއެންއޭ ބަލައިގަނެވިދާނެތޯ ބަލާއިރު، ޑީއެންއޭ އަކީ މިޒަމާނުގެ ސައިންސްގައި އެއަށް ވަރަށް ބޮޑު ބުރަދަނެއް ދެވިފައިވާ ވަސީލަތެއްކަން ސައިންސްގެ އަލީގައި ދެނެގަނެވިފައިވާ ވަސީލަތެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ސުވާލަކީ މި ޒަމާނުގެ ސައިންސްގައި ޑީއެންއޭއަކީ ސާބިތުކުރުމުގެ ވަރުގަދަ ވަސީލަތަކަށް ވާއިރު، އިސްލާމީ ޝަރީއަތުގައި ބަޔާންވެފައިވާ ގިސާސްގެ މައްސަލަތައް ސާބިތު ކުރުމުގައި ޑީއެންއޭ ގަރީނާގެ ދަރަޖައިގައި ބޭނުންކުރެވިދާނެތޯ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެ ސުވާލު އުފައްދަވައި އެ ސުވާލުގެ ޖަވާބުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިސްލާމީ ފަހުގެ އިލްމުވެރިން ގަރީނާގެ ތައާރަފުތަކެއް ދެއްވާފައިވާ ކަމަށެވެ.

  • އަލްއުސްތާޒް މުޞްތަފާ އައްޒުރުގާ ވިދާޅުވަނީ "ގަރީނާއަކީ ފޮރުވިފައިވާ އެއްޗަކާ ގުޅިފައިވާ އެއަށް މަގުދައްކައި ފާޅުކޮށް އެނގެންހުރި ކޮންމެ އަލާމާތެއް"
  • ގަތުއީ ގަރީނާއަކީ ޔަގީނުގެ ދަރަޖަ އާއި ހަމައަށް ގެންގޮސްދޭ އަލާމާތެއް
  • ޖުރުޖާނީ ވިދާޅުވަނީ "ގަރީނާއަކީ އިސްތިލާޙުގައި ބޭނުންވާ ކަމަކަށް އިޝާރާތްކޮށްދޭ ކަމެއް ކަމަށެވެ"

"ބަޔާންކުރެވުނު ތައުރީފުތަކުގެ ތެރެއިން ޑރ. މުހައްމަދު އައްޒުހައިލީ އިހުތިޔާރުކުރައްވަނީ އަލްއުސްތާޒް މުސްތަފާ އައްޒުރުގާ ކުރައްވާފައިވާ ތައުރީފެވެ. 'ފޮރުވިފައިވާ އެއްޗަކާ ގުޅުވާލެވިފައިވާ އަދި އެއަށް މަގުދައްކާ ފާޅުކޮށް ފެންނަން ހުރި ކޮންމެ އަލާމާތެކެވެ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޑީއެންއާމެދު އިލްމުވެރިން ދެއްވާފައިވާ ތައާރަފުތަކުން އެނގެނީ ޖިނާއީ ތަހުގީގުތަކުގައި ގަރީނާގެ ގޮތުގައި ޑީއެންއޭ ބޭނުން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ގާތިލު ދެނެގަތުމާއި ވައްކަމާއި ޒިނޭކުރުން ފަދަ ޖިނާއީ ކުށްތަކުގެ ހަގީގަތް ދެނެގަތުމަށް ޑީއެންއޭ ގަރީނާގެ ބޭނުން ކުރެވިދާނެ ކަމެވެ.

"މިނިކާ ކުއްތާއެއް ޔޫސުފުގެފާނު ކައިލިކަމަށް ސާބިތުކޮށްދިނުމަށް ލެއާއެކުވާ ގަމީހެއް އެ ކަލޭގެފާނުގެ ބައްޕާފުޅަށް އަހުންގެ ފަރާތުން އެރުވުނު ވާހަކަ ޔޫސުފު ސޫރަތުގެ (18) ވަނަ އާޔަތުގައި ބަޔާންވެފައި ވެއެވެ. އަހުންގެ ފަރާތުން އެ ގަމީސް އެރުވީ އެމީހުންގެ ބަސް ތެދުކުރުމަށްޓަކައި ގަރީނާއެއްގެ ގޮތުގައެވެ. ނަމަވެސް، ޔޫސުފުގެފާނު ސަލާމަތުން ހުންނެވި ކަމުގެ ޔަގީންކަން ބައްޕާފުޅަށް ލިބިވަޑައިގެންނެވީ ވެސް އެ ގަރީނާއިނެވެ. ބައްޕާފުޅު ވިދާޅުވީ މިނިކާ ކުއްތާ ޔޫސުފުގެފާނު ކައިލިނަމަ ޔޫސުފުގެފާނު ލައިގެން ހުރި ތި ގަމީސް ނުވީދި ތިއޮތީ ކީއްވެގެން ހެއްޔެވެ؟ މިހެންވުމުން ޔޫސުފުގެފާނާ މެދު ބައްޕާފުޅު ޔައުގޫބުގެ ހިތްޕުޅުގައި އުންމީދު އާވެގެން ދިޔައެވެ. އަދި އެ ދެބަފައިކަލުން ބައްދަލުވެއްޖައުމަށް ދާންދެން އެ އުންމީދުގައި ހުންނެވިއެވެ. ގަރީނާގެ ދެވަނަ ދަލީލަކީ ވެސް ޔޫސުފުގެފާނާ ގުޅިފައިވާ ކަމެކެވެ. މިސްރުގެ އަޒީޒުގެ އަނބިކަނބަލުން އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމުން އެކަލޭގެފާނު ބަރީއަވެގެންވާކަމަށް ހާމަވީ ވެސް ގަރީނާއަކުންނެވެ. އެއި ގަމީސްކޮޅު ފުރަގަހުން ވީދިފައި ހުރުމެވެ. ފުރަގަހުން ވީދިފައި ހުންނާނީ އެކަލޭގެފާނުގެ ފަހަތްޕުޅުން މީހަކު ދެމީމައެވެ. ކުރިމަތިން ވީދިފައި ހުރި ނަމަ ޒުލައިހާގެ ބަސް ތެދުވެގެންވާނެކަމަށް އެ މައްސަލައިގައި ގޮތް ނިންމި ފަރާތުން ކަނޑައެޅި އެވެ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ރަސޫލާގެ ސުންނަތަށް ނަޒަރު ހިންގައި ދިރާސާކޮށްލާއިރު ވެސް ގަރީނާއަށް އަމަލުކުރައްވާފައިވާކަން އެނގޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން، ޝަރުއީ މައްސަލަތައް ސާބިތުކުރުމުގައި ބޭނުން ކުރެވޭ ޑީއެންއޭ ތަހުލީލުތަކަކީ އެ ތަހުލީލުތައް ތައްޔާރުކުރުމުގެ އިލްމާއި ގާބިލުކަން ހުރި ފަރާތަކުން އެކުލަވާލާ ސައްހަކަން ކަށަވަރު ތަހުލީލު ރިޕޯޓެއްނަމަ، ޑީއެންއޭއަކީ ހަރުދަނާ، އެއަށް ބުރަދަން ދެވިދާނެ ގަރީނާއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. "އަދި މަރުގެ ތުހުމަތުވާ ފަރާތް ކުށުގެ އަމަލުގައި ބައިވެރިވިކަން ސާބިތުކުރުމަށް ހުށަހެޅޭ އެހެން ހެކިތަކާއި ގަރީނާތަކަށް ބޮޑު ބުރަދަނެއް އެފަދަ ޑީއެންއޭ ތަހުލީލު ރިޕޯޓުން ލިބިދެވޭކަމަށް ކަނޑައެޅިދާނެއެވެ. ޑީއެންއޭގެ ސައްހަކަމާ ގުޅޭ ގޮތުން ކޯޓުން ހުއްދަ ކުރާ ހަބީރުންގެ ބަހަށް ރިއާޔަތްކޮށް މިފަދަ ރިޕޯޓުގެ ސައްހަކަން ކަނޑައެޅިދާނެއެވެ. ޑީއެންއޭއަކީ ވަރުގަދަ ގަރީނާއެއް." ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ އެ ރައުޔަށް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވަނީ ތާއީދުކުރައްވައިފައެވެ. އެހެންވެ އުއްތަމަ ފަނޑިޔާރު ހުކުމްކުރެއްވީ ޝައިފަންގެ މައްޗަށް ކޮށްފައިވާ މަރުގެ އަދަބު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިއީ ސުޕްރީމް ކޯޓުން ޑީއެންއޭން ގަރީނާއެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް މިހާ ތަފުސީލުކޮށް، ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ. މާރާމާރީއާއި މަރުގެ މައްސަލަތަކުގައި އަނިޔާ ލިބުނު ނުވަތަ މަރުވި މީހާގެ ޑީއެންއޭ، ތުހުމަތުކުރެވޭ މީހާގެ ޑީއެންއޭގެ ފްރޮފައިލް ޓެސްޓެއް އާންމު ގޮތެއްގައި ހަދައެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި ޑީއެންއޭމާދު އުފެދިފައިވާ ހިލާފާ ގުޅިގެން ދަށު ކޯޓުތަކުން، ޑީއެންއޭ ރިޕޯޓުތަކަށް ކުށް ސާބިތުކުރުމަށް އެހާބޮޑަށް ރިއާޔަތް ނުކުރެއެވެ. ޑީއެންއޭ ރިޕޯޓަށް ރިއާޔަތް ކުރުމުގެ ބަދަލުގައި ކޯޓުތަކުން އިސްކަން ދީފައިވަނީ އެހެން ގަރީނާ ތަކަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ މި ހުކުމާއެކު އެކަން ބަދަލުވެ، ޑީއެންއޭއަކީ ކުށް ސާބިތުކުރުމުގައި ވަރުގަދަ ގަރީނާއަކަށް ވެގެންދާނެއެވެ