އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ.
މާޒިޔާއިން ލީގު ކަށަވަރު ކުރީ މިއަދު ކުޅުނު ލީގުގެ ފަހު މެޗުގައި 1-0 ގެ ނަތީޖާއަކުން ކްލަބު އީގަލްސް ބަލިކޮށްފައެވެ. މާލީ މައްސަލަތަކާއި އެފްއޭއެމްގެ އިދާރީ ހިންގުން ދަށްވެގެން، ދެ ބުރު ކުޅުމަށް ފަހު މި އަހަރުގެ ލީގު ނިންމާލި އިރު، މިފަހަރުގެ ލީގުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ މެޗަކުން ބަލިނުވެއެވެ. މާޒިޔާއަށް ލީގުގެ 14 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި ނިންމި އީގަލްސްއަށް 14 މެޗުން ލިބުނީ 35 ޕޮއިންޓެވެ.
މިއީ މާޒިޔާއިން ޖެހިޖެހިގެން ލީގު ހޯދި، ހަތަރުވަނަ ފަހަރެވެ. އަދި މިއީ އެ ކްލަބުގެ ތާރީހުގައި ލީގު ހޯދި ފަސްވަނަ ފަހަރެވެ. މާޒިޔާއިން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އެޓީމުން ވަނީ 2019/20 އާއި 2020/21 އަދި 2022 ވަނަ އަހަރުވެސް ލީގު ކާމިޔާބު ކޮށްފައެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖެހީ 43 ވަނަ މިނެޓުގައެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން ގޯލު ޖަހައިދިނީ ސާބިއާގެ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗެވެ.
މެޗުގެ ފަހު ހާފުގައިވެސް ހަމަލާތައް ގިނަކޮށް ފެނިގެން ދިޔަ އިރު، މެޗުގެ ފަހުކޮޅުގައި އީގަލްސްއިން އެއްކޮށް ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވިއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު