ރަސްމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ރަށްރަށުގެ ރައްޔިތުންނަށް ވެސް ގޯތި ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މި ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލައަށް ރަސްމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި އެ ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އަދި މާލޭގައި އުޅޭ އެހެން ހުރިހާ ރައްޔިތުންނަށް ވެސް ހަމަ އެ ހައްލު މި ތަނުންނާއި، ދެންމެ މި ދެންނެވި ބިންތަކުންނާ އެކުއެކީގައި ހައްލުކޮށްދޭނަން، ހައްލުވެގެންދާނެ އިރާދަކުރެއްވިއްޔާ. އަދި ހަމައެއާއެކީގައި ރާއްޖޭގެ އެހެން ރަށްރަށުން ވެސް މި ތަންތަނުން ގޯތިގެދޮރު ބޭނުންވާ ފަރާތްތަކަށް ހަމަ އެ ފުރުސަތު ލިބޭގޮތަށް ޕްލޭން ކުރެވިފައިވަނީ. އެ ފުރުސަތު ވެސް ލިބިގެންދާނެ، ހައްލު ހޯދައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭގޮތަށް 65،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށާއި ރަސްމާލެ ތަރައްގީކުރެވިގެންދާނީ ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭ ވަރަށް ހިއްކައިގެން ކަމަށެވެ. އަދި ކްލައިމެޓް އެޑަޕްޓޭޝަންގައި އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ގާއިމުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާހައުލެއް ލިބިގެންދާ ތަނަކަށް މިތަން ވާނީ. އަޅުގަނޑުމެން ގަސްދުކުރަނީ އިރާދަކުރެއްވިއްޔާ މިތަނުގައި ގާއިމުވެގެންދާ ސިޓީއަކީ ޒީރޯ ކާބަން ސިޓީއަކަށް ހެދުން. މާނައަކީ މިތަނުގައި ދުއްވާ އުޅަނދުފަހަރުވެސް ތިމާވެއްޓާ ރައްޓެހި ފިއުލް ބޭނުންކުރާނެ، އިލެކްޓްރިކް ނޫނީ ބެޓެރީ ނިޒާމު. މި ތަނުގައި ހުންނަ ހުރިހާ ފެސިލިޓީއެއް، ގެދޮރާ ހުރިހާ ކަމެއްގައި ރިނިއުބަލް އެނާޖީގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މުޅި ސިޓީ އަޅުގަނޑުމެން ހިންގާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަސްމާލެ ތަރައްގީކުރެވިގެންދާނީ އިކޯ ސިޓީއެއްގެ ގޮތުގައި ކަމަށާއި މި ފަސް އަހަރު ނިމިގެންދާ އިރު، ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.