އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވި އިރު، އޭގެ ފައިދާ ނަގައި އާސެނަލުން މޮޅަކާއެކު ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭ ލިވަޕޫލްގެ އެންފީލްޑްގައި ޔުނައިޓެޑް އެއްވަރުކުރީ 0-0 ގެ ނަތީޖާއަކުންނެވެ. އެއީ މި ސީޒަނުގައި ލިވަޕޫލް ދަނޑުގައި ގޯލެއް ޖެހިޔަ ނުދީ ލިވަޕޫލް މަޑު ޖައްސާލި ފުރަތަމަ ފަހަރެވެ. އަދި ލިވަޕޫލް ދަނޑުގައި ޓީމަކުން ޕޮއިންޓެއް ހޯދިވެސް ފުރަތަމަ ފަހަރެވެ. ރޭ ލީގުގައި އާސެނަލުން 2-0 އިން ބްރައިޓަން ބަލިކުރި އިރު އެޓީމުން ވަނީ ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

އާސެނަލް މިވަގުތު އެއްވަނައިގައި އޮތީ 17 މެޗުން 39 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ލިވަޕޫލް، 17 މެޗުން 38 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތީ އެސްޓަން ވިލާއެވެ. އެއީ ލިވަޕޫލާ ޕޮއިންޓްގެ ގޮތުން އެއްވަރުވެގެންނެވެ. ހަތަރުވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 17 މެޗުން 34 ޕޮއިންޓާއެކުގައެވެ.

ރޭ އެންފީލްޑްގައި ކުޅުނު މެޗު ފެށިގެން މެޗު ކޮންޓްރޯލް ކުރީ ލިވަޕޫލުންނެވެ. އެޓީމުން އެޓޭކިން ގިނަ ފުރުސަތުތަކެއް ފަހިކުރަން މަސައްކަތް ކުރި އިރު، ޔުނައިޓެޑްގެ ފަރާތުން ޑިފެންސިވްލީ ފެނުނީ ރަނގަޅު ކުޅުމެކެވެ. ހާއްސަކޮށް ޔުނައިޓެޑުން ފަހަތަށް ޖެހިގެން ކުޅެމުންދިޔުމާއެކު ލިވަޕޫލަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

ރޭގެ މެޗު ނިމެން ދަނިކޮށް، ފަހު މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު ޑިއޭގޯ ޑަލޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުން، އެޓީމުން ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ.

އަމިއްލަ ދަނޑުގައި ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ބޮޑު ބައެއްގައި އާސެނަލް އިން ކޮންޓުރޯލްކުރި ނަމަވެސް، އާސެނަލަށް ބްރައިޓަންގެ ގޯލު ހުޅުވާލެވުނީ މެޗުގެ 53 ވަނަ މިނިޓުގައެވެ. އާސެނަލަށް މެޗުގައި ގޯލު ޖަހައި، ލީޑު ނަގައިދިނީ ބްރެޒިލްގެ ފޯވަޑް ގެބްރިއަލް ޖީސަސްއެވެ.

އާސެނަލްގެ ގޯލާއެކު އެޓީމުން ކުޅުން އިތުރަށް ރަނގަޅުކޮށް، ނިންމާލީ ދެވަނަ ގޯލެއްވެސް ޖަހައިގެންނެވެ. އެ ގޯލު ޖެހީ މި ސީޒަނަށް އެޓމަށް ބަދަލުވި ފޯވަޑް، ކައި ހަވާޓްޒްއެވެ.