ނިމެމުން މިދާ 2023 ވަނަ އަހަރު، ކްލަބުތަކުން އެޖެންޓް ފީގެ ގޮތުގައި ރެކޯޑު، 702 މިލިއަން ޕައުންޑް އިންޓަނޭޝަން ޓްރާންސްފާތަކުގައި ހަރަދުކޮށްފައިވާ ކަމަށް ފީފާގެ ރިޕޯޓުތަކުން ދައްކައިފިއެވެ.

ޓްރާންސްފާތަކުގެ ތެރެއިން އެޖެންޓުން ބޮޑެތި ކޮމިޝަންތައް ނަގައި، ފީ ބޮޑު ކުރާ މައްސަލައަށް މީގެ ކުރިންވެސް ތަފާތު ފެންވަރުގައި ވާހަކަތައް ދެކެވިފައިވާ އިރު، އެ ފީ ވަކި އަދަދެއްގައި ހިފެހެއްޓޭނެ ގޮތެއް ހޯދަން ފީފާއިންވެސް ވަނީ މަޝްވަރާ ކޮށްފައެވެ. އެހެން ނަމަވެސް އަދި އެކަމަށް ހައްލެއް ހޯދިފައެއް ނުވެއެވެ.

ފީފާގެ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މިއަހަރު ކްލަބުތަކުން އެޖެންޓް ފީގެ ގޮތުގައި ކޮށްފައިވާ ހަރަދަކީވެސް ރެކޯޑެކެވެ. މީގެ ކުރިން ކްލަބުތަކުން އެ ރެކޯޑު މުގުރާލީ 2019 ވަނަ އަހަރުއެވެ. އެ އަހަރު ޓްރާންސްފާ ތަކަށް ކްލަބުތަކުން 518 މިލިއަން ޕައުންޑް ހަރަދުކޮށްފައިވެއެވެ. އެފަހަރުގެ ރެކޯޑާ އަޅައި ބަލާއިރު، މިފަހަރު ކުރި ހަރަދަކީ 43 ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރުވެސް ޓްރާންސްފާތަކުން، އެޖެންޓުންނަށް އެންމެ ބޮޑު ހަރަދެއް ކުރީ ހަމަ އިނގިރޭސި ޓީމުތަކުންނެވެ. އެޓީމުތަކުން ވަނީ ދެ ޓްރާންސްފާ ސީޒަނުގައި 221 މިލިއަން ޕައުންޑް އެޖެންޓް ފީގެ ގޮތުގައި ހަރަދުކޮށްފައެވެ. މިއަހަރު ތެރޭގައި އަންހެން ފުޓުބޯޅައިގެ ޓްރާންސްފާތައްވެސް ބޮޑުތަނުން އިތުރުވެ، އަންހެން ޓްރާންސްފާތަކުންވެސް އެޖެންޓުންނަށް 1.1 މިލިއަން ޕައުންޑް ޖެހިފައިވެއެވެ. އެއީ ބޮޑު އަދަދެކެވެ.

ބައިނަލްއަގުވާމީ 3،353 ޓްރާންސްފާއެއް މިއަހަރު ހިނގާފައިވާ އިރު، އެއީވެސް ރެކޯޑެކެވެ. އެ އަދަދުގެ ތެރޭގައި ލީގު ތެރެއިން ހިނގާ ޓްރާންސްފާތައް ނުހިމެނެއެވެ. މިސާލަކަށް ޑެކްލަން ރައިސް، ވެސްޓް ހަމްއިން އާސެނަލަށް ބަދަލުވި ބަދަލުވުން ނުގުނޭނެއެވެ. އަދި މޮސެސް ކައިސޭޑޯ ޗެލްސީއަށް ބަދަލުވުންވެސް އެ އަދަދު ތެރޭގައި ނުހިމެނޭނެއެވެ.

މިއަހަރު ކުރި ޓްރާންސްފާތަކުގެ 87 ޕަސެންޓް ޓްރާންސްފާތައް ޔޫރަޕް ކްލަބުތަކުން ކުރި އިރު، ސައުދީ ޕްރޯ ލީގަށްވެސް ގިނަ ޓްރާންސްފާތަކެއް ކޮށްފައިވެއެވެ. އެ ލީގުގެ ޓްރާންސްފާތަކަށްވެސް އެޖެންޓުނަށް 68 މިލިއަން ޕައުންޑް ޖެހިފައިވެއެވެ.