އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުން ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިންޑިއާގެ މޯހަން ބަގާން ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި މާޒިޔާއިން މޯހަން ބަގާން ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުން މޮޅުވި ނަމަވެސް މާޒިޔާއިން ގްރޫޕް ޑީ ނިންމާލީ ތާވަލުގެ ފުލުގައި އޮވެގެންނެވެ. މާޒިޔާއަށް ހަ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ އެއްވަނަ ހޯދަން މޯހަން ބަގާނަށްވެސް ދެން ފުރުސަތެއް ނެތެވެ. މޯހަން ބަގާން މިވަގުތު ގްރޫޕްގެ ތިންވަނައިގައި އޮތީ ހަ މެޗުން ހަތް ޕޮއިންޓާއެކުގައެވެ.

ގްރޫޕް ޑީގެ އެއްވަނަ ހޯދައި، އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދާނެ ޓީމެއް އެނގޭނީ މިރޭ އިންޑިއާގެ ބުބަނޭޝްވަރުގައި އޮޑީޝާ އެފްސީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ކުޅޭ މެޗުންނެވެ. މި ވަގުތު ބަޝުންދަރާ ގްރޫޕްގެ އެއްވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް އޮޑީޝާއަށް ފަސް މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.

މިއަދުގެ މެޗަށް މޯހަން ބަގާނުން ނެރުނު ފުރަތަމަ 11 ގައި އެޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ނުހިމެނޭ އިރު، ބެންޗުގައި އިރުޝާދު ދޭން ހުރީވެސް އެސިސްޓެންޓް ކޯޗު، އިންޑިއާގެ ފުޓުބޯޅަ ލެޖެންޑް ކްލިފޯޑް މިރަންޑާއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ ފެނުނީ ނުރައްކާ ބޮޑު ކޮށެވެ. ފުރަތަމަ ކޮޅުގައި އަލީ ފާސިރު (ސެންޓޭ) އާއި ސާބިއާ ފޯވަޑް، ވޮޖިސްލާވް ބަލަބަނޮވިޗް ފޮނުވާލި ހަމަލާތައްވެސް މޯހަން ބަގާންގެ ގޯލްކީޕަރު އާރްޝް އަންވަރު ޝެއިހް މަތަކުރި އިރު، މާޒިޔާއިން ގޯލު ޖެހީ 40 ވަނަ މިނެޓުގައެވެ.

އެ ގޯލަކީ ހަސަން ރާއިފް އަހުމަދު (ހަންނަ) އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔަބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައިވެސް މާޒިޔާ ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ހަމްޒާ މުހައްމަދު (ހަމްޕު) އާއި މާޒިޔާގެ ގާނާ މިޑްފީލްޑަރު، ރީގަން އޮބެން އަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ. އޭގެން އެއްވެސް ހަމަލާއެއް ކާމިޔާބުވާގޮތެއް ނުވިއެވެ.

މިއީ 2017 ވަނަ އަހަރަށްފަހު މާޒިޔާއިން މޯހަން ބަގާން ބަލިކުރި ފުރަތަމަ ފަހަރެވެ.