އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް މ.ކޮތަންމާގެ/ މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރުމަށާއި އިނގިރޭސި ވިލާތަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް ހ. އޯކިޑް/ ޑރ. އިރުތިޝާމް އާދަމް އައްޔަން ކުރެއްވުމަށާއި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ) ގައި ހުންނަވާ ދާއިމީ މަންދޫބު ކަމަށް ގދ. ގައްދޫ/ މެންހާގެ، ޑރ. އަލީ ނަސީރު (އަލިނީ) މުހައްމަދު އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ފޮނުއްވި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

އަލިނީ އާއި މުންދު މިހާރު ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރު އެޓް ލާޖްގެ މަގާމުގައެވެ.

ޑިޕްލޮމެޓިކް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ އަލިނީ ހާރިޖީ ވުޒާރާއާ ގުޅިވަޑައިގަތީ 1985 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ވުޒާރާގެ އިތުރުން ދިވެހި ޑިޕްލޮމެޓިކް މިޝަންތަކުގައިވެސް އެކި މަގާމުތައް އޭނާ ވަނީ ފުރުއްވައިފައެވެ. 2013 ވަނަ އަހަރުން ފެށިގެން 2017ގެ ނިޔަލަށް އޭނާ ހުންނެވީ ހާރީޖީ ވުޒާރާގެ ފޮރިން ސެކެރެޓަރީގެ މަގާމުގައެވެ.

އޭގެފަހުން 2019ގެ ނިޔަލަށް ހުންނެވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް އަދި ރާއްޖެއިން އެމެރިކާ އަދި ކެނޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. އަދި 2019 އިން ފެށިގެން 2022 ވަނަ އަހަރު މަގާމުން ވަކިވެޑައިގަންނަވަންދެން ހުންނެވީ ހާރިޖީ ވުޒާރާގެ މަލްޓިލެޓަލް ސެކެރެޓަރީގެ މަގާމުގައެވެ.

މުންދު ވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ ސަރުކާރާއި ރައީ ސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުހިންމު މަގާމުތަކެއް އަދާކުރައްވައިފައެެވެ.

ޑރ. އިރުތިޝާމްވެސް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތް މިނިސްޓަރުކަމާއި ސްޕޯޓްސް މިނިސްޓަރުކަމުގެ މަގާމު ފުރުއްވައިފައެވެ. އޭގެ އިތުރުން ބައެއް ގައުމުތަކުގެ ސަފީރުކަންވެސް ކުރެއްވިއެވެ.