އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި އެވަޓަން ކައިރިން ބަލިވި އިރު، އާލިން ހާލަންޑާ ނުލައި ކުޅުނު ޗެމްޕިއަން މެންޗެސްޓާ ސިޓީން ފަހަތުން އަރައި ލުޓޮން ބަލިކޮށްފިއެވެ.
ދަށް ފޯމެއްގައި އޮތް ޗެލްސީން ރޭ ކުޅުނު މެޗުގައި އެވަޓަން ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެވަޓަން ދަނޑުގައި ކުޅުނު މެޗުން މޮޅުވެ، އެވަޓަން ހިތްވަރު ހޯދާފައިވާ އިރު، ރޭގެ މެޗަކީ ލީގުގައި އެޓީމުން ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެވެ.
އެވަޓަންގެ ދިހަ ޕޮއިންޓް އުނިކޮށް އަދަބު ދިނުމާއެކު އެޓީމު ތާވަލުގެ ރެލިގޭޝަން ޒޯނަށް ސޮއްސާލި ނަމަވެސް، ފުލުފުލުގައި ނަތީޖާ ނެރެ މިހާރު ވަނީ 17 ވަނައަށް ޖެހިލައިފައެވެ. އެއީ 16 މެޗުން 14 ޕޮއިންޓާއެކުގައެވެ. ރޭގެ މެޗަށް ނުކުތް އިރު، ދިހަވަނައިގައި އޮތް ޗެލްސީ މިހާރު ވަނީ 12 ވަނައަށް ވެއްޓިފައެވެ. އެއީ 16 މެޗުން 19 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗު ފެށިގެން ދެ މިނެޓެއްގެ ތެރޭގައި ޗެލްސީގެ އެންޒޯ ފެނާންޑޭޒް އުފެއްދި ހަމަލާ، އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑު މަތަކުރި އިރު، އޭގެ ފަހުން ކޯލް ޕާމާ އުފެއްދި ހަމަލާވެސް މަތަކުރީ ޕިކްފޯޑެވެ. ފުރަތަމަ ހާފުގައި އެވަޓަންއަށް މާ ބޮޑު ނުރައްކަލެއް ނުކުރެވުނު ނަމަވެސް، މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ.
އެވަޓަންގެ ގޯލު ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަހައިދިނީ އަބްދުﷲ ޑަކޯރޭއެވެ. އެފަހުން މެޗުގައި ނުރައްކާތެރި ހަމަލާތައް މަދުން ފެނިގެން ގޮސްފައިވާ އިރު، އެވަޓަން ދެވަނަ ގޯލެއް ޖަހައި މޮޅު ޔަގީންކުރީ 92 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ލެވިސް ޑޮބިންއެވެ.
ސިޓީން ރޭ ރަށުން ބޭރުގައި ކުޅުނު މެޗަށް، އެޓީމުގެ ނުރައްކާތެރި ފޯވަޑް ހާލަންޑް ނުކުމެފައެއް ނުވެއެވެ. ހާލަންޑްގެ ފައިތިލައަށް ލިބުނު އަނިޔާގެ ސަބަބުން ރޭގެ މެޗު ކުޅެފައިނުވާ އިރު، ސިޓީން ލުޓޮން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ނުކުތް އިރު، ފޯމު ރަނގަޅު ކުރަން މޮޅެއް މަޖުބޫރުވެފައި އޮތް ސިޓީ ކޮޅަށް، ލުޓޮންއިން ގޯލު ޖެހީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. އެ ގޯލު ޖެހީ އޭލީޖާ އަޑެބަޔޯއެވެ. އެ ގޯލާއެކު ލުޓޮން ކުރީގައި އޮވެ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ފުލުފުލުގައި ދެ ގޯލު ޖަހައި ސިޓީން ނަތީޖާ އަނބުރާލިއެވެ.
މެޗުގައި ސިޓީގެ ގޯލުތައް ޖެހީ ބަނާޑޯ ސިލްވާއާއި ޖެކް ގްރީލިޝްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު