ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ދެ މައްސަަލައަކާ ގުޅިގެން، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
މީގެ ތެރެއިން ފުރަތަމަ މައްސަލައިގައި އަލީ އާދަމް މަގާމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވީ، ޖުލައި މަހުގެ 23 ގައެވެ.
"އަލީ އާދަމް، ދައާވާގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހަޅައި، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫންވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާތީއާއި އިސްމެޖިސްޓްރޭޓް އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާ އިރު، އިސްމެޖިސްޓްރޭޓް އަލީ އާދަމް މަސައްކަތްކޮށްފައިވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެންކަން ސާބިތުވޭ،" ޖޭއެސްސީން މަޖިލީހަށް ފޮނުވި ފުރަތަމަ މައްސަލައިގައި ބުނެފައިވެއެވެ.
މިއަހަރުގެ އޮކްޓޯބަރު މަހުގެ 26 ގައި މަޖިލީހަށް ފޮނުވި މައްސަލައިގައިވެސް ބުނެފައިވަނީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން ހުށަހެޅި މީހަކަށް ގުޅައި، މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން ހެކިތަކުންނާއި އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އަދި އެ މެސެޖުތަކަށް ބަލާ އިރު، އަލީ އާދަމް މަސައްކަތް ކޮށްފައިވަނީ ނުނިޔަތެއްގައި ނުބައި މަގުސަދެއް އޮވެގެންކަންވެސް ސަބިތުވާ ކަމަށް ބުނެފައިވެއެވެ.
މި ދެ މައްސަލަ ކޮމިޓީން ދިރާސާ ކުރަމުން ގެންދިޔަ އިރު، ޖަވާބުދާރީވުމަށް އަލީ އާދަމަށް ފުރުސަތު ދިނެވެ. ކޮމިޓީއަށް ޖަވާބުދާރީވުވުުގައިވެސް، އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެއް ނުވެއެވެ. އަދި އަންހެނަކަށް މެޖެސުތަކެއް ކުރިކަމަށްވެސް އިއުތިރާފްވެވަޑައިގެންފައިވެއެވެ. ނަމަވެސް ޖޭއެސްސީން އެކަމުގެ ތަހުގީގު ގެންދިޔަ ގޮތާ މެދު އޭނާ ވަނީ ޝަކުވާތަކެއް ކޮށްފައެވެ. އަދި އެ އަމަލުތަކަކީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރާވަރުގެ އަމަލުތަކެއް ކަމާ މެދު ސުވާލު އުފައްދައި، މަގާމުން ވަކިކުރުމުގެ ބަދަލުގައި ސުލޫކީ އެހެން ފިޔަވަޅެއް އެޅިދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ ދިރާސާއަށްފަހު، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ، އެ ދެ މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނާއި އެފަދަ މައްސަަލަތައް ބެލުމަށް، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ވީމާ އެ ދެ މައްސަލައާ ގުޅިގެން އަލީ އާދަމް ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމާ ގުޅޭގޮތުން ޖޭއެސްސީން ފޮނުވާފައިވާ ދެ މައްސަލައަށް ކޮމިޓީން ނިންމާފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށްދެއްވައި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް މައްސަލަ ނިންމައިދިނުމަށް ވެސް އެދިފައިވެއެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބުނަނީ، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫންކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.
ގާނޫނު އަސީސީގެ 154 ވަނަ މާއްދާގެ ދަށުން އެފަދަ މައްސަލައެއް މަޖިލީހަށް ފޮނުވުމުން، މަޖިލިސް ޖަލްސާގައި އެކަން އިއުލާންކޮށް އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލިސް ގަވާއިގެ ދަށުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން ޖެހެއެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގެ ދަށުން ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން ފަނޑިޔާރުން މަގާމުން ވަކިކުރުމަށްޓަކައި ހުށަހަޅާ މައްސަލަތައް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުން ރިއާޔަތް ކޮށްދިނުމަށް އެދި ހުށަހެޅުމަކީ ޖުޑީޝަރީ ކޮމިޓީގެ މަސްއޫޫލިއްޔަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު