ބްރެޒިލް ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައި އޮންނަ ސަންޓޯސް، އެގައުމުގެ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެއެވެ.

ބްރެޒިލް ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ޕަލްމޭރާސްއިން ރޭ ޔަގީންކުރި އިރު، ސަންޓޯއަށް ވަނީ ރެލިގޭޝަންވެސް ޔަގީންވެފައެވެ. މިއީ ބްރެޒިލް ލީގުގެ ދިގު، 111 އަހަރުވީ ތާރީހުގައިވެސް ސަންޓޯސް ރެލިގޭޓްވި ފުރަތަމަ ފަހަރެވެ. ބްރެޒިލް ސެރެއާ އޭގައި ރޭ ސަންޓޯސްއިން ކުޅުނު މި އަހަރު ލީގުގެ ފަހު މެޗުގައި ފޯޓަލޭޒާ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސަންޓޯސްއިން ސީޒަން ނިންމާލި ލީގު ތާވަލުގެ 17 ވަނައިގައެވެ.

ސަންޓޯސް ހިމެނުނީ ރެލިގޭޓް ނުވެ ކުޅެމުންދާ މަދު ޓީމުތަކެއްގެ ތެރޭގައެވެ. ސަންޓޯސް ރެލިގޭޓްވުމާއެކު މިވަގުތު ބްރެޒިލް ލީގުގައި ރެލިގޭޓް ނުވެ އޮތް ހަމައެކަނި ޓީމުތަކަކީ ސައު ޕައުލޯ އާއި ފްލަމެންގޯއެވެ.

ސަންޓޯސް މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ، ބްރެޒިލްގެ ލެޖެންޑް، ފުޓުބޯޅައިގެ ރަސްގެފާނުގެ ނަމުން މަގުބޫލުކަން ހޯދި ޕެލޭ އެ ކްލަބަށް ކުޅުނު ދުވަސްވަރުއެވެ. ޕެލޭ ވަނީ އެ ކްލަބަކީ އޭރު ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަގުބޫލު އެއް ކްލަބަށް ހަދައިދީފައެވެ. އެ ކްލަބުގެ ރަން ޒަމާން، 1950 އިން 1960 އަށް ދެމިގެން ދިޔަ އިރު، އެ ދުވަސްވަރު ޕެލޭއާ އެކު ސަންޓޯސް ވަނީ 10 ފަހަރަށް ސްޓޭޓް ތަށި ނަގައި، ހަފަހަރަށް ލީގު ނަގައިފައެވެ.

އޭގެ އިތުރުން 1962 އަދި 1963 ވަނަ އަހަރު ސަންޓޯސްއިން ވަނީ ދެކުނު އެމެރިކާގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ. އެ އަހަރު ސަންޓޯސްއިން ދުނިޔޭގެ ޗެމްޕިއަންކަންވެސް ހޯދިއެވެ. އެއީ އޭރު ކުޅޭ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށްގެންނެވެ.

ޕެލޭގެ އިތުރުންވެސް ބްރެޒިލްގެ ތަރިންތަކެއް ސަންޓޯސްއިން ފުޓުބޯޅައަށް ނެރެދިނެވެ. އޭގެ ތެރޭގައި ކުރިން އޭސީ މިލާނާއި ރެއާލް މެޑްރިޑަށް ކުޅުނު ރޮބީނިއޯ އާއި ބްރެޒިލްގެ ތަރި، ޓޮޕް ސްކޯރާ ނޭމާ އަދި މިހާރު ރެއާލް މެޑްރިޑަށް ކުޅެމުންދާ ރޮޑްރީގޯވެސް ހިމެނެއެވެ.