ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ތުހުމަތު އޮތް ހަތަރު މީހުން ބަންދުނުކުރަން ހައިކޯޓުން ކުރި ހުކުމް ބާތިލް ކޮށް، އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން އެ މައްސަލަ ހައިކޯޓަށް ފޮނުވައިފިއެވެ.

ނަދީމް މަރާލިކަމުގެ ތުހުމަތުގައި ގ. ޝާރާޒް މުހައްމަދު މަފާޒުގެ މައްޗަށް ދައުވާ ކުރާ އިރު، ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް ދައުވާ ކުރަނީ ނަދީމު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓުގައި މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމުން، ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 14، 2022 ގައި ކުރިމިނަލް ކޯޓުން ކަނޑައެޅުމުން އެ މީހުން މިނިވަން ވިއެވެ.

ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހަމަ އެއާއެކު އެމީހުންގެ ކުށުގެ ރެކޯޑަށް ބަލައި ބަންދުކޮށްދިނުމަށް ވެސް ހައިކޯޓުގައި އެދުނެވެ.

ނަމަވެސް ހައިކޯޓުން ނިންމާފައި ވަނީ މި މައްސަލައިގައި އެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާތީ، އެމީހުން ބަންދުގައި ބޭތިއްބެން ނެތް ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތު އޮތް މަފާޒް ހުރީ އެހެން މައްސަލައެއްގައި ބަންދު ކޮށްފައި ކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިއަދު ކުރި ހުކުމުގައި ވަނީ ހައިކޯޓުން ކުރި ހުކުމް ބާތިލް ކޮށްފައެވެ. އަދި މުޖުތަމައަށް ނުކަލެއް އޮއްތޯ އޭގެ ތެރެއިން ކޮންމެ މީހެއްގެ ހާލަތު ހައިކޯޓުން ވަކިން ވަޒަންކޮށް އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ހައިކޯޓަށް ތަހުވީލު ކުރާ ކަމަށްވެސް ހުކުމުގައިވެއެވެ.