އިންތިހާބުތަކުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެމްޑީޕީން މިއަދު މަޝްވަރާކޮށްފިއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ވަނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމައިފައެވެ.

އެމްޑީޕީ އަދި ޖޭޕީ ގުޅިގެން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ވެސް މަސައްކަތްކޮށްފައެވެ. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެ ދެ ޕާޓީން ވަނީ ރަސްމީކޮށް ކޯލިޝަން ހަދައި، ފަސް އަަހަރަށް ކޯލިޝަން ދަމަހައްޓައިފައެވެ.

ޖޭޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރުވެސް، އެ ދެ ޕާޓީ އޮތީ ކޯލިޝަނުގައެވެ. އަދި ޖޭޕީގެ މެމްބަރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓުގެ މަގާމުތަކުގައި ވެސް ތިއްބެވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ޖޭޕީގެ ކެންޑިޑޭޓް ގާސިމަށް ފުރުސަތު ލިބިވަޑައިގެންފައި ނުވުމުން، އެ ޕާޓީން ނިންމާފައިވަނީ އެއްވެސް ކެންޑިޑޭޓަކާއެކު ކޯލިޝަން ނުހެދުމަށެވެ. ނަމަވެސް ޖޭޕީގެ ބައެއް އިސް ބޭފުޅުން ދެވަނަ ބުރުގައި އަމިއްލަ ހައިސިއްޔަތުން ކެންޑިޑޭޓުންނަށް ތާއީދުކުރެއްވިއެވެ.