ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަން ޕީއެންސީގެ ރައީސްގެ މަގާމުގައި ހުންނެވި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދިނުމަށް ނިންމައިފިއެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް މިރޭ އެ އޮފީހުގައި ބޭއްވި ޖަލްސާއަށްފަހު ވަނީ ޕީޕީއެމް/ޕީއެންސީ ސެނެޓް ކައުންސިލް ބައްދަލުވުމެއް ބާއްވައިފައެވެ.
ރައީސް ޑރ. މުއިއްޒު، ޕީއެންސީގެ ލީޑަރުގެ މަގާމަށް ހޮވާފައިވަނީ ސެނެޓް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 103 ސެނެޓަރުންގެ އިއްތިފާގުންނެވެ.
މީގެ ކުރިން ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވުމާއެކު ވަނީ އެ މަގާމު ހުސްވެފައެވެ.
ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިލެކްޝަން ކޮމިޝަން (އީސީ)އަށް ހުށަހެޅުއްވި ފޯމު ބަލައިނުގަތުމުން އަދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ޔާމީންގެ ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުން، ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ނެރުމަށް ނިންމުމާ ގުޅިގެން، ކުރިން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުއިއްޒު ވަނީ ޕީއެންސީގެ ރިޔާސީ ޓިކެޓު ހޯއްދެއްވުމަށް ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގަންނަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންނެވުމާ ގުޅިގެން ޕީއެންސީގެ ސެނެޓުން އެ މަނިކުފާނަށް އެ ޕާޓީގެ ރައީސްކަން ދެއްވި އިރު، މިހާރު އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން އެ ޕާޓީއަށް މެމްބަރުން އިތުރުކޮށް، ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ އަދި ރައީސް ޑރ. މުއިއްޒާ ދެމެދު ހިޔާލުތަފާތުވުމުގެ ސަބަބުން ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފައްޓަވައިފައެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުނު ފަހުން، ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން، ޔާމީން މަޝްވަރާ އެއްވެސް ވަރަކަށް ނުހޯއްދަވާ ކަމަށެވެ. އަދި ޔާމީންގެ ވިސްނުންފުޅާ ދުރު ކަންތައްތައް އެ ކޯލިޝަނުން ކުރަމުންދާކަން ޔާމީން ފާހަގަކުރައްވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު، މިހާރު ޔާމީންގެ ފޯނު ކޯލްތަކަށާއި މެސެޖުތަކަށް ޖަވާބުވެސް ނުދެއްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު