ވޮލީބޯޅައިގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، ކަމާބެހޭ އިދާރާތަކަށްވެސް އެކަން އޮތީ ބޮޑުވެފައެވެ. މުހައްމަދު ރަނޭޝް ރައީސަކަށް ހޮވިގެން އައިސް، މިއަދާ ހަމައަށް އެސޯސިއޭޝަން ހިންގަމުން އައީ އުސޫލުން ބޭރުންނެވެ. އަސާސީ ގަވާއިދުގައިވާ އަހަރީ އާންމު ޖަލްސާ ނުބޭއްވި، ތިން އަހަރު ވެގެން ގޮސް، އެންމެފަހުން ބޭއްވި ޖަލްސާވެސް ސްޕޯޓްސް ކޮމިޝަނަރު އަދި ބަލައިގެންފައެއް ނުވެއެވެ. ބަޖެޓެއް ފާސްކުރުމެއް ނެތި، އެތައް މިލިއަން ހޭދަކޮށްފިއެވެ. ހާއްސަކޮށް ކުރީ ސަރުކާރުގެ ޔޫތު މިނިސްޓްރީންވެސް ވަނީ ވޮލީއަށް އެއްވެސް ބެލުމެއް ނެތި ފަންޑުކޮށްފައެވެ.

ވޮލީއަށް މިނިސްޓްރީން އެތައް މިލިއަނެއް ޖަމާކުރަމުން ދިޔަ އިރު، އެއްވެސް އަހަރެއްގައި އަހަރީ ހިސާބު، އާންމު މެމްބަރު ކްލަބުތަކަށް ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި އެ ބަޖެޓުގައި ފައިސާ ހަރަދު ކުރި ގޮތެއް އޮޑިޓް ކޮށްފައެއްވެސް ނުވެއެވެ. އެ އޮޑިޓް ރިޕޯޓުވެސް ފެންނާކަށް ނެތެވެ. އެ ހުރިހާ އަހަރެއްގެ ބަޖެޓް، އަވަސް އަވަސްކޮށް ފާސްކޮށް ބޭއްވި އާންމު ޖަލްސާ ސްޕޯޓްސް ކޮމިޝަނަރު ބަލައެއް ނުގަނެއެވެ. އެއީ އެކަން ވާނެވެސް ގޮތެވެ. ވޮލީ އާއިލާގެ ތެރެއިން "އަވަހަށް ބާރު" ހޯދަން އުޅުނު ބަޔަކު، ކޮންމެކަމެއް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ބޭނުންވީ އަސާސީ ގަވާއިދު އިސްލާހުކޮށް، އަަވަސް އިންތިހާބަކަށް ދާން ސްޕޯޓްސް ކޮމިޝަނަރު ޖާގަ ދޭށެވެ. އެހެން ނަމަވެސް، އެކަމެއް ނުވިއެވެ. މިހާރު ހުންނެވި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވެސް އެކަމަށް ޖާގަ ނުދެއްވާނެކަން ޔަގީނެވެ.

ވޮލީބޯޅައަކީ މި ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ކުޅިވަރުގެ ގޮތުގައި ގުނާލެވިދާނެއެވެ. އެ ކުޅިވަރަކަށް ސަރުކާރުން ހަރަދުވެސް ކުރާ ކުޅިވަރެއްކަން ޔަގީނެވެ. އެ ތަފާސްހިސާބުތައް ފެންނަންވެސް އެބަހުއްޓެވެ. އަމިއްލަ ފަރާތެއްގެ ގޮތުގައި، ވޮލީ ކޯޗު މުހައްމަދު ޝަރަފު، މައުލޫމާތު ހޯދައި ލިބިގަތުގެ ގާނޫނުގެ ދަށުން، ވީއޭއެމްއަށް ޔޫތު މިނިސްޓްރީން ދޭ ފައިސާގެ އަދަދުތައް ހޯދަން އެދުނު ސިޓީގެ ޖަވާބުގައި ބައެއް މައުލޫމާތުތައް ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު 2023 ވަނަ އަހަރުގެ ތެރެއަށްވެސް ދާ ގޮތަށް، އެކިއެކި މުބާރާތްތަކަށް ވީއޭއެމްއަށް ދީފައިވާ ފައިސާގެ ބޮޑެތި އަދަދުތައް ފާހަގަވެއެވެ.

  • ބައެއް ހަރަދުތަކުގެ ތަފްސީލު

ވޮލީބޯޅަ އެސޯސިއޭޝަނަށް 2021 ވަނަ އަހަރު އިނީޝަލް ބަޖެޓެއްގެ ގޮތުގައި ފަސް ލައްކަ ދީގެން ފެށި އިރު، 2021 ވަނަ އަހަރު ބަންގަބަންދު އޭޝިއަން ޒޯން ވިމެންސް ވޮލީބޯޅަ ޗެލެންޖް ކަޕަށް ސަރުކާރުން ވަނީ ނުވަ ލައްކަ ހަތްދިހަ ދެހާހަށްވުރެ ބޮޑު އަދަދެއް ދީފައެވެ. އެ މުބާރާތް ކޮވިޑުގެ ސަބަބުން ވީ ކެންސަލެވެ. ލީގު ވަރުގަދަ ކުރުމަށްވެސް ރަނޭޝް މަސައްކަތްތަކެއް ކުރި އިރު، އެ ގަދަ ހަ ޓީމަށް ކުޅުންތެރިން ގެންނަން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވެއެވެ. އަދި 2022 އާއި 2023 ގައިވެސް މަޑު ދުވެލީގައި ކުރިއަށް ގޮސް، ހުއްޓުނު އަތޮޅު ވޮލީ މުބާރާތްތައް ބާއްވަން ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ޔޫތު މިނިސްޓްރީން ވީއޭއެމްއަށް ދީފައިވެއެވެ.

އެ މުބާރާތްތައް އަތޮޅު ކައުންސިލްތަކުން ބޮޑެތި ހަރަދުކޮށް ބޭއްވި ތަން ފެނިގެން ގޮސްފައިވާ އިރު، ވީއޭއެމުން ކުރި ހަރަދުތަކުގެ މާ ބޮޑު ތަފްސީލެއް އާންމު ޖަލްސާތަކާ ހަމައަށް ގެންގޮސްފައެއް ނުވެއެވެ. އެހެން ގޮސް، މިދިޔަ ދެ އަހަރުވެސް އާންމު ޖަލްސާ ނުބާއްވާ އޮއްވައި، ވީއޭއެމްއަށް ވަނީ 2023 ވަނަ އަހަރު އިދާރީ ހިންގުމަށްވެސް އަށް ލައްކައަށްވުރެ ގިނަ ރުފިޔާ ދީފައެވެ.

އޭގެ އިތުރުން ބޮޑު ހަރަދެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ 2022 ވަނަ އަހަރު ބޭއްވި ބައިނަލްއަގުވާމީ ބީޗްވޮލީ ޕްރޯ ޓުއާގެ މުބާރާތެވެ. ސަން އައިލެންޑްގައި ބޭއްވި އެ މުބާރާތައް މިލިއަނުން ހަރަދުކުރިއެވެ. ނަމަވެސް އެއީވެސް ސަރުކާރުންނެވެ. އެކޮމޮޑޭޝަނަށް ޔޫތު މިނިސްޓްރީން ދެ މިލިއަން ހަތް ލައްކަ ފަސްހާހަށްވުރެ ބޮޑު އަދަދެއް ވީއޭއެމްއަށް ދީފައިވާ އިރު، ޓްރާންސްޕޯޓާއި ރިފްރެޝްމަންޓަށްވެސް މިލިއަނަކާ ގާތްކުރާ ވަރަށް ފައިސާ ދީފައިވެއެވެ. އަދި ޔޫތު މިނިސްޓްރީން ވަނީ އެ މުބާރާތް ހިންގަން، ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަމަށް އެކަނިވެސް ވީއޭއެމްއަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައެވެ. އަދި ފާހަގަކޮށްލަން ޖެހެއެވެ. ރާއްޖޭގައި އެންމެފަހުން ބޭއްވި ފޯ ނޭޝަންސް ކަޕަށްވެސް މިނިސްޓްރީން، ވީއޭއެމްއަށް ދެ މިލިއަން ރުފިޔާ ދީފައިވެއެވެ.

މިނިސްޓްރީން ފައިސާ ދިނުމަކީ އާ ކަމެއް ނޫނެވެ. އެއީ އެސޯސިއޭޝަންތައް ހިންގުމަށް ރާއްޖޭގައި އަދި އޮތް އުސޫލެވެ. ސަރުކާރުގެ ފައިސާއަށް ބަރޯސާވުން އެއީ މައްސަލައެއް ކަމަށް އަދި މިއޮތް މާހައުލުގައި ނުފެނެއެވެ. އެހެން ނަމަވެސް، ވީއޭއެމްއަށް އަހަރީ ރިޕޯޓް، ސްޕޯޓްސް ކޮމިޝަނަރަށް ހުށަނާޅަނީސް، އެހާ ބޮޑެތި އަދަދުން ފައިސާ ދެމުން ދިޔަ ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެ އިދާރާގެ އޮޑިޓްތައްވެސް އަދިވެސް ފެންނާކަށް ނެތެވެ. ހުށަހަޅަން ޖެހޭ އެސޯސިއޭޝަންގެ ބަލަދުވެރި ފަރާތް، ސްޕޯޓްސް ކޮމިޝަނަރަކަށް ވެސް އެ ލިބިފައެއް ނެތެވެ.

މިހާރު އޮތް ވޮލީގެ ހިންގާ ކޮމިޓީން 2021 ވަނަ އަހަރު މަގާމުތަކާ ހަވާލުވެ، އެންމެ ފުރަތަމަ އާންމު ޖަލްސާއެއް ބޭއްވީ މިދިޔަ މަހުއެވެ. މިމަހު ބޭއްވި ޖަލްސާގައި 2020، 2021، 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކޮށްފައިވީ ނަމަވެސް، އެ އަހަރުތަކުގެ އަހަރީ ހިސާބު ފާސްކޮށްފައެއް ނުވެއެވެ. އެއީ ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާން ކުރާ ކަމެއް ކަމަށްވުމުން، އަހަރީ ހިސާބު ފާސްނުކޮށް އަދިވެސް އޮތް އޮތުން އެއީ ކަންބޮޑުވުމެކެވެ. އެއީ އެ ހިސާބަކީ ކޮމިޝަނަށް ކޮންމެ އަހަރަކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކެއް ކަމަށްވާތީއެވެ.

އެ ވާހަކަތައް ދައްކަން މިހާރުގެ ރައީސް ރަނޭޝް އަދިވެސް ބޭނުމެއް ނުވެއެވެ. "ވަން ސްޕޯޓްސް" އިން ތަކުރާރުކޮށް ގުޅަން މަސައްކަތްކޮށްވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ.

އާ ސަރުކާރުގެ ކެބިނެޓުން ފެނުނު ހެޔޮ ބަދަލެއްގެ ގޮތުގައި ކުޅިވަރުގެ ވުޒާރާ ވަކިކުރުން ހިމެނެއެވެ. އެ މަގާމުގައި ހުންނެވީވެސް ކުޅިވަރުގެ މޫނެކެވެ. އެތުލީޓުންނާއި އެސޯސިއޭޝަންތަކުގެ އިތުބާރު އޮތް ކުޅިވަރުގެ ހާއްސަ ނަމެކެވެ. އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. ސިޔާސީ ކުލައެއް ނެތް، ކުޅިވަރުގެ ނަމެކެވެ. ރާފިއު ދާދި ފަހުން "ވަން ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ފާހަގަކުރެއްވީ، އެސޯސިއޭޝަންތައް، ވީއޭއެމްއާއި އެފްއޭއެމްވެސް ހަމައަކަށް އަޅުވަން ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާ އަދާކުރައްވަން ޖެހޭ ކަމަށެވެ.

"އެސޯސިއޭޝަންތަކުގެ މައްސަލަތަކުގައި އަޅުގަނޑުމެން ސްޕޯޓްސް ކޮމިޝަނަރު އަދާކުރަން ޖެހޭ ދައުރު އަދާކުރަން ފުރިހަމައަށް މަސައްކަތް ކޮށްދޭނަން. އަދި އެ އިދާރާގެ މަސައްކަތަށް އެއްވެސް ވަރަކަށް ހުރަހެއް ނާޅާނަން. ސަރުކާރުން އެސޯސިއޭޝަންތަކަށް ނުވެސް ވަންނާނެ. އެހެން ނަމަވެސް ގާނޫނީ ގޮތުން ހޯދައިދޭން ޖެހޭ ހައްލެއް ހޯދަން އަބަދުވެސް ވިސްނާނެ،" ރާފިއު ވިދާޅުވިއެވެ.

ރާފިއު ދެއްކެވި ވާހަކަތަކަކީ އެކަން އޮންނަންވީ އުސޫލެވެ. އަދި ސްޕޯޓްސް ކޮމިޝަނަރަކަށް ތޮލާލް އައްޔަން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަން ކުރެއްވި ތޮލާލަކީވެސް، ހައްލު ގެނެސްދެވޭނެ ފަދަ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ވީއޭއެމްގެ މައްސަލައިގައި ތޮލާލާ "ވަން ސްޕޯޓްސް" އިން ސުވާލުކުރުމުން، އޭނާގެ މަސައްކަތް ފާހަގަކުރެއްވިއެވެ.

"މިނިސްޓްރީން ބަޖެޓް ދޭނެ ހުރިހާ އެސޯސިއޭޝަނަކަށްވެސް. އެހެން ނަމަވެސް އެ ބަޖެޓް ޔުޓިލައިޒް ކުރާ ގޮތް ދެން އެނގޭނީ އާންމު ޖަލްސާއެއް ބާއްވައި، ހިސާބުތައް ރަނގަޅަށް ފާސްކޮށްގެން. ވީއޭއެމްގެ އާންމު ޖަލްސާއެއް، އަސާސީ ގަވާއިދާ ފުށުނާރާ ގޮތަށް ބާއްވަން، އެންމެފަހުން ހުންނެވި ސްޕޯޓްސް ކޮމިޝަނަރު އޮތީ ލަފާ ދެއްވާފައި، ސިޓީއަކުން. އެ އެސޯސިއޭޝަނުގެ މިދިޔަ ދެތިން އަހަރުގެ އޮޑިޓް ރިޕޯޓެއްވެސް ލިބިފައެއް ނުވޭ. މިކޮޅުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދޭނަން އާ އާންމު ޖަލްސާއެއް ބާއްވަން. ކުރިން ބަލައިނުގަތް ސަބަބުތައް ފާހަގަކޮށް ފޮނުވި ސިޓީގައިވާ ކަންކަން އަލުން ތަކުރާރު ނުކުރާނެ ކަމަށް އުންމީދުކުރަނީ،" ތޮލާލް ވިދާޅުވިއެވެ.

އެތައް ހަރަދެއް ކޮށްފައި އޮތް އެސޯސިއޭޝަނެއްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އަސާސީ ގަވާއިދުން ބޭރުވެ، ސްޕޯޓްސް ކޮމިޝަނުގެ ގާނޫނުން ބޭރުވެފައި އޮތް އޮތުން އެއީ ކަންބޮޑުވުމެކެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކުޅިވަރަށް ބަޔަކު ބޮޑުތަނުން އިހުމާލު ވެއްޖެއެވެ. އެ އިހުމާލުން އަރައިގަންނަން، ގެންނަން އުޅުނު ބަދަލުވެސް އަވަސް އަރުވާލީ އަމިއްލަ މަންފާއަަކަށް ކަމަށް ބުނެވިދާނެއެވެ. އަނެއްކާވެސް، ވޮލީއަށް އިހުލާސްތެރިވާން ޖެހިއްޖެއެވެ. ވަކި މީހަކަށް، ވަކި ބަޔަކަށް ބާރު ނަގަން އުޅުން ހުއްޓާލުން މުހިންމެވެ. ގާނޫނާއި ގަވާއިދުތަކުން ބޭރުވެ، މުށުތެރޭގައި ބާރުތައް ބާއްވަން އުޅުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެކެވެ. ވީއޭއެމްގެ "ޕައިލެޓް"އަށް ވޮލީބޯޅަ އާއިލާ ގޮވައިގެން ތިޔަ ދުއްވެނީ ނުބައި ރާސްތާއަކަށެވެ.