ރާއްޖޭގެ ރައްޔިތުން ތިބީ އެ މަނިކުފާނާއި ޕީޕީއެމް/ޕީއެންސީ އާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ވަނީ ކެބިނެޓް ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއަށް މަޖިލީހުގެ ތިން ބައިކުޅަ ދެބައި ރައްޔިތުން ދޭނެ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ, ރާއްޖޭގެ ރައްޔިތުން ތިއްބެވީ އަޅުގަނޑާ އެކީގައި, އަޅުގަނޑުމެންގެ ޓީމާ, ޕީޕީއެމް/ޕީއެންސީއާ އެކީގައި. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ތިން ބައިކުޅަ ދެބައި ދެއްވާނެ،" ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަނިކުފާނު އުފެއްދެވި ޕީޕީއެމުން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ޕްރޮންޓު (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ، ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވަނީ، ޕީޕީއެމް/ޕީއެންސީއަށް ވެރިކަމަށް ވަޑައިގެން ޔާމީން ވަރަށް ބޮޑަށް އެކަހެރިކޮށްލާފައިވާ ކަމަށެވެ. އެގޮތުން ޔާމީން މަޝްވަރާގެ ކަންކަމުގައި ނުހޯދުމުގެ އިތުރުން އެ މަނިކުފާނު، ރައީސް ޑރ. މުއިއްޒަށް ފޯނުން ގުޅުއްވުމުން ޖަވާބު ވެސް ނުދެއްވާ ކަމަށެވެ. އަދި މެސެޖަށް ވެސް ޖަވާބު ދެއްވާ ނުދެއްވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެކަންކަން ފާހަގަކުރެއްވުމުން، ރައީސް އެކަމަށް ސީދާ ޖަވާބެއް ދެއްވައިފައެއް ނުވެއެވެ. އެ މަނިކުފާނު ވިދާޅުވީ އެއްވެސް ބޭފުޅެއްގެ ޒާތީ ވާހަކަދައްކަވަން ބޭނުންފުޅުނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު