ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ޖާއޯ ފެލިކްސް ޖެހި ގޯލާއެކު ބާސެލޯނާއިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.
ރޭ ބާސާ ދަނޑުގައި ކުޅުނު މެޗުގައި އެ ކްލަބުން އެތުލެޓިކޯ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. ބާސާއިން މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި 15 މެޗުން 34 ޕޮއިންޓާއެކު އޮތް އިރު، އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ 15 މެޗުން 28 ޕޮއިންޓާ އެކުގައެވެ. މި ވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެވަނައިގައި އޮތް ޖިރޯނާއަށްވެސް 15 މެޗުން، 38 ޕޮއިންޓް ލިބިފައިވެއެވެ.
ރޭ ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގިއެވެ. އެ ގޯލު ފެލިކްސް ޖެހީ އޭރިއާ ތެރެއަށް ބޯޅަ އާއެކު ވަދެ، އެތުލެޓިކޯގެ ގޯލްކީޕަރު ޖޯން އޮބްލަކް ބޯމަތިން ބޯޅަ ގޯލަށް ޗިޕް ކޮށްލައިގެންނެވެ. ގޯލަށްފަހު ފެލިކްސް އުފާފާޅުވެސް ކުރިއެވެ.
އެ އުފާފާޅުކުރުމާއެކު އެތުލެޓިކޯ ސަޕޯޓަރުން ވަނީ އޭނާއަށް ނުރުހުން ފާޅުކޮށްފައެވެ. އެއީ ފެލިކްސް މި ވަގުތު ހުރީ، އެތުލެޓިކޯ ކުޅުންތެރިއެއްގެ ގޮތުގައި، ލޯން އެއްބަސްވުމެއްގައި ސީޒަންގެ ނިޔަލަށް ބާސާއަށް ކުޅޭ ގޮތަށް އެއްބަސްވެގެން ކަމަށްވާތީއެވެ.
މެޗުގެ ބާކީ ބައިގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ބާސާއަށް ކުރިން ކުޅުނު، މިހާރު އެތުލެޓިކޯގެ ފޯވަޑް، ނެދަލޭންޑްސްގެ މެމްފިސް ޑިޕޭގެ ނުރައްކާތެރި ހިލޭ ޖެހުން ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ. އެ ބޯޅަ ދަނޑިއަށް އަމާޒުކޮށްލީ ބާސާގެ ކީޕަރު އިނާކީ ޕެނާއެވެ.
ބާސާއަށް ފަހިވި އިތުރު ފުރުސަތުތަކުގައި ރޮބާޓް ލެވަންޑޯސްކީއަށް ހުސްކޮށް ލިބުނު ނަމަވެސް، އޭނާއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ