އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީންވެސް އުނދަގޫކޮށް މޮޅުވެއްޖެއެވެ.
ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ބޮޑު ބައެއްގައި ކުޅެ، ބްރައިޓަން ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން ކުޅުނު މެޗުގައި ފުލަމް ކައިރިން، އަމިއްލަ ދަނޑުގައި 4-3 އިން މޮޅުވި އިރު، އެޓީމުގެ މޮޅުވި ގޯލު ފެނިގެން ދިޔައީ ފަހު މިނެޓުގައެވެ.
ލިވަޕޫލުން މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދާދި ހަމަހަމަ ކުޅުމެއް ދެ ޓީމުންވެސް ފެނިގެން ގޮސްފައިވާ އިރު، ހަތަރު ގޯލު އެ ހާފުގައި ފެނިގެން ދިޔައެވެ. އެއީ ފުލަމްގެ ދެ ގޯލާއި ލިވަޕޫލްގެ ދެގޯލެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގީ ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ ހިލޭ ޖެހުމަކުންނެވެ. އާނޯލްޑް ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ހިލޭ ޖެހުން، ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލު ތެރެއަށް ވަނީ ފުލަމްގެ ގޯލްކީޕަރު ބާޑް ލެނޯގެ ގައިގައި ޖެހިފައެވެ.
އެ ގޯލަށް މާގިނައިރެއް ނުވެ، ހެރީ ވިލްސަން ޖެހި ގޯލުން ފުލަމް ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލާއެކު މެޗު ހަމަހަމަކޮށް ދަނިކޮށް، ލިވަޕޫލަށް ދިރުން ގެނެސްދިނީ އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާ ދުރުން ޖެހި ހިތްގައިމު ގޯލާއެކުގައެވެ. ލިވަޕޫލުން 38 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ލީޑު ނަގައި ހާފު ނިންމާލަން ދަނިކޮށް، ފުލަމްއިން ދެވަނަ ފަހަރަށް ހަމަހަމަ ކުރީ ކެނީ ޓެޓޭއެވެ.
ފުލަމްއިން މެޗުގެ 80 ވަނަ މިނެޓުގައި ލީޑު ނެގީ ބޮބީ ކޯޑޯވާ-ރީޑް ޖެހި ގޯލުންނެވެ. އެ ގޯލާއެކު ފުލަމްއިން ލީޑު ނެގި ނަމަވެސް، ފަހުވަގުތު ދެ ގޯލު ޖަހައި، ލިވަޕޫލުން މެޗުން ތިން ޕޮއިންޓް ޔަގީންކުރިއެވެ. ވަޓަރު އެންޑޯ 87 ވަނަ މިނެޓުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، މޮޅުވީ އާނޯލްޑް ޖެހި ގޯލުންނެވެ. އެ ގޯލު ޖެހީ 88 ވަނަ މިނެޓުގައެވެ.
ޗެލްސީ އާއި ބްރައިޓަން ކުޅުނު މެޗުވެސް ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، އެ މެޗުގައި ފުރަތަމަ ޗެލްސީން ދެ ގޯލުވެސް ޖެހީ ކޯނަރުންނެވެ. އެ ގޯލުތައް ޖެހީ އެންޒޯ ފެނާންޑޭޒް އާއި ލެވީ ކޮލްވިލްއެވެ. ޗެލްސީން ދެ ގޯލުގެ ލީޑެއްގައި ކުޅެމުން ދަނިކޮށް، ބްރައިޓަންއިން މަޑުމަޑުން ކުޅުން ރަނގަޅުކޮށް، ފަކުންޑޯ ބުއޮނަނޯޓޭ ޖެހި ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ.
ހާފު ނިމެންދަނިކޮށް، ޗެލްސީގެ ކެޕްޓަން ކޯނޯ ގަލެގާއަށް ދެވަނަ ރީނދޫ ކާޑެއް ދައްކައި ރަތް ކާޑު ދެއްކުމުން، ދެވަނަ ހާފު އެއްކޮށް ޗެލްސީން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
ދެވަނަ ހާފުގައި ޗެލްސީން ބޮޑަށް ޑިފެންސްކޮށް ކުޅުނު އިރު، ބްރައިޓަން ދިޔައީ ހަމަލާއަކަށްފަހު ހަމަލައެއް އުފައްދަމުންނެވެ. ކައުންޓާގައި ޗެލްސީން ކުރިއަށް ޖެހުނު ބޯޅައެއްގައި މީހައިލޯ މުޑްރީކަށް ކުރި ފައުލަކަށް އެޓީމަށް ލިބުނު ޕެނަލްޓީގައި އެންޒޯ ޖެހި ގޯލުން އަނެއްކާވެސް ޗެލްސީން ލީޑު ފުޅާކޮށް ހަމަޖެހިލި ނަމަވެސް، ނިމެން ދަނިކޮށް ބްރައިޓަންއިން އަނެއްކާވެސް ގޯލެއް ޖެހިއެވެ.
ނުވަދިހަ ދެވަނަ މިނެޓުގައި ޖާއޯ ޕެޑްރޯ ގޯލު ޖަހައި ޗެލްސީ ހާސްކޮށްލި ނަމަވެސް، ޗެލްސީ ސަލާމަތްވިއެވެ. މެޗު ނިމުމާއެކު ދެޓީމުގެ ކުޅުންތެރިންވެސް ވަނީ ޝަކުވާކޮށް، ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.
މިރޭގެ މެޗުން މޮޅުވެ، ލިވަޕޫލް މިވަގުތު ޕްރިމިއާ ލީގު ތާވަލުގެ ދެވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓާއެކުގައެވެ. އެއީ އެއްވަނައިގައި އޮތް އާސެނަލަށް ވުރެ ދެ ޕޮއިންޓް ފަހަތުންނެވެ. ޗެލްސީން ވަނީ ތާވަލުގެ 10 ވަނައަށް ޖެހިލައިފައެވެ. އެއީ 14 މެޗުން 19 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު