މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ފުވައްމުލަކު ސިޓީ، ޝިއާއު މުހައްމަދުގެ މަރުގެ މައްސަލައިގެ ކުރިމިނަލް ކޯޓުގައި މަޑުޖެހިފައިވަނީ އެ މައްސަލައިގެ ތުހުމަތުވާ ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލްގެ ފަރާތުން ވަކީލުންނަށް އެއްބާރުލުން ނުލިބޭތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމު ވިދާޅުވީ، އެޓާނީ ޖެނެރަލް އޮފީހުން، ދައުލަތުގެ ފަރާތުން ވަނީ ސާހިލަށް ތިން ފަހަރެއްގެ މަތިން ވަކީލަކު އައްޔަންކޮށްދީފައި ކަމަށެވެ. ނަމަވެސް އިތުރަށް ވަކީލަކު އައްޔަންކޮށްނުދިނުމަށް އެޓާނީ ޖެނެރަލް އޮފީހުން ނިންމާފައިވާކަން ޕީޖީ އޮފީހަށް، ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގެ މި މައްސަލަ ކުރިއަށް ނުދަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ފަރާތުން ވަކީލުންނަށް އެއްބާރުލުން ނުލިބިގެން. އޭނާގެ ވަކީލުންނަކާ އޭނާ ވާހަކައެއް ނުދައްކާ. އެހެންވީމާ ވަކީލުން އައްޔަންކުރިޔަސް، ދައުލަތުން ވަކީލުން އައްޔަންކޮށްދެއްވާ، އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަ އޮތީ މިހާރު ތިން ވަކީލުން ދައުލަތުން އައްޔަންކޮށްދީފިއޭ. އެކަމަކު އޭނާ ވަކީލަކާ ވާހަކަ ދައްކާކަށް ބޭނުމެއްނުވޭ. ވަކީލުންނަށް އެއްވެސް ވާހަކައެއް ކިޔައިދޭކަށް ބޭނުމެއްނުވޭ. އެއްވެސް އެއްބާރުލުމެއް ނުލިބޭ،" ޝަމީމު ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ ވަކީލުން ޝާހިލާ ބައްދަލުކުރަން ޖަލަށް ވެސް ގޮސްފައިވާ ކަމަށާއި ނަމަވެސް ޝާހިލް އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވި ކަމަށެވެ. އަދި ޝާހިލް، ވަކީލުންނަށް ވާހަކަ ނުދައްކަނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް ޝަމީމު ވިދާޅުވިއެވެ.

ދައުލަތުން ވަކީލުން އައްޔަންކޮށްދިނުމުން ވެސް ޝާހިލް ވަކީލުން ބޭނުން ނުވާނަމަ، އޭނާއަށް ގަދަކަމުން ވަކީލަކު އައްޔަނުކޮށް ނުދެވޭނެ ކަމަށް ޝަމީމު ވިދާޅުވިއެވެ. އެ ދަތިކަން ދިމާވިޔަސް އެ މައްސަލަ ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝަމީމު ވިދާޅުވިއެވެ.

ޝިއާއުގެ މަރުގެ މައްސަލަ ކުރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެ މައްސަލަ ސިއްރުކޮށްދިނުމަށް އެދުނީ ޕީޖީގެ ފަރާތުންނެވެ. އެ މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއްގެ ޝަރީއަތުގައި ޝާހިލް ވާހަކަދައްކާފައެއް ނުވެއެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު އޭނާ ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. ޝާހިލްގެ މައްޗަށް ދައުވާކުރަން ފޮނުވި އިރު ވެސް އޭނާ ކުށަށް އިއުތިރާފުވެފައެއް ނުވެއެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލަށް ފަސް ދައުވާއެއް ކޮށްފައިވެއެވެ. ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާ ހިމެނެއެވެ.

އޭގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާކޮށްފައިވާ ކަމަށް ބުނި ނަމަވެސް އިތުރަށް ކޮށްފައިވާ ދެ ދައުވާއާ ބެހޭ މައުލޫމާތު ޕީޖީ އޮފީހުން ދީފައެއް ނުވެއެވެ. އެ ދައުވާތައް ހާމަ ނުކުރަން ނިންމީ ޝިއާއުގެ އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ޕީޖީން ބުނެފައިވެއެވެ.

ޝިއާއު މަރާލި މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައި ވަނީ ޝިއާއު މަރާލާފައި އޮތް އެޕާޓްމަންޓްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތުހުމަތު އޮތީވެސް ހަމައެކަނި ޝާހިލްގެ މައްޗަށެވެ.