ޗެމްޕިއަންސް ލީގުގެ ދަށް ނަތީޖާގެ ޒިންމާ ނަގާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހާގު ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ގަލަޓަސަރާއީއާ އެއްވަރުވީ ދެ ފަހަރަށް، ދެ ގޯލުގެ ލީޑެއް ގެއްލުވާލައިގެންނެވެ. ރޭ ގަލަޓަސަރާއީ ދަނޑަށް ނުކުތް އިރުވެސް ޔުނައިޓެޑަށް މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް އިރު، ދެ ފަހަރަކަށް ދެ ގޯލުގެ ލީޑު ގެއްލުވާލައި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުން އެއްވަރުވެ، ޔުނައިޓެޑް ގްރޫޕްގެ ފުލުގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.
ބާކީ އެއް މެޗު އޮތް އިރު، އެޓީމަށް ކިރިޔާވެސް ސަލާމަތްވެވެން އޮތީ ގަލަޓަސަރާއީން ކުޅޭ ފަހު މެޗުގެ ނަތީޖާއަށްވެސް ބަލައިގެންނެވެ. ޔުނައިޓެޑުން ފަހު މެޗުގައި އެއްވަނައިގައި އޮތް ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނަ އިރު، ބަޔާން އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކު ކޮލިފިކޭޝަން ޔަގީން ކޮށްފައެވެ. ދެވަނައިގައި އޮތް ކޯޕަންހޭގަން އާއި ތިންވަނައިގައި އޮތް ގަލަޓަސަރާއީއަށް ފަސް މެޗުން ލިބިފައި އޮތީ ފަސް ޕޮއިންޓެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގު ބުނީ މެޗުގެ ނަތީޖާއަށް ޒިންމާ ނަގާނީ އޭނާ ކަމަށެވެ.
"ބަލިވިޔަސް، އެއްވަރުވިޔަސް، ދަށް ކޮންމެ ނަތީޖާއަކަށްވެސް ޒިންމާ ނަގާނީ އަހަރެން. އަހަރެން ޒިންމާ ނަގާނަން މެޗުތަކުން ލީޑު ގެއްލުވާލުމުގެ. އަހަރެމެން މިދަނީ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން. އަހަރެމެން މިދަނީ މެޗަކަށްފަހު މެޗެއް ރަނގަޅުވެސް ކުރަމުން. އުންމީދު އެބައޮތް،" ޓެން ހާގު ބުންޏެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ކުޅުނު ފަސް މެޗުގައިވެސް އެޓީމުން ކޮންމެވެސް ވަގުތެއްގައި ލީޑު ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ދެ މެޗެއްގައި ޔުނައިޓެޑުން ވަނީ ދެ ގޯލުގެ ލީޑެއް ގެއްލުވާލައިފައެވެ.
"އަހަރެމެން މިދަނީ ރަނގަޅު މިސްރާބުގައި. އަހަރެމެން ދުރު ރާސްތާގައި ކާމިޔާބު ހޯދަން މަސައްކަތް މިކުރަނީ. އެހެންވިޔަސް ޗެމްޕިއަންސް ލީގުގައި ކާމިޔާބު ހޯދަން، މިކަލަ މެޗުތަކުން މޮޅުވާން ޖެހޭ. އަހަރެން އެކަންވެސް ގަބޫލުކުރަން،" ރޭގެ މެޗަށްފަހު ޓެން ހާގު އިތުރަށް ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް