ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ އާއި ޕޯޗުގަލް ފޯވަޑް ޑިއޭގޯ ޖޮޓާއަށް އަނިޔާވެ، ދުވަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

އެ ދެ ކުޅުންތެރިންނަށްވެސް އަނިޔާވެފައި ވަނީ ލިވަޕޫލުން އެންމެފަހުން ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުގެ 54 ވަނަ މިނެޓުގައި ޖޮޓާއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އެލިސަންއަށް އަނިޔާވެގެންވެސް ޖެހުނީ ދަނޑުމަތީގައި މަޑުކުރާށެވެ. އެއީ ބަދަލު ހުސްވެފައި އޮތުމުންނެވެ.

މިރޭ ލިވަޕޫލުން ޔޫރޮޕާ ލީގުގައި އެލްއޭއެސްކޭއާ ދެކޮޅަށް ނުކުންނަ މެޗާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްލޮޕް ބުނީ ދެ ކުޅުންތެރިންނަށްވެސް މިރޭގެ މެޗު ގެއްލޭނެ ކަމަށެވެ.

"އެލިސަންއަށް ލިބުނު އަނިޔާ ހީކުރި ވަރަށްވުރެ ކުޑަ. އެހެންވިޔަސް ހީކުރާހާ ރަނގަޅެއްވެސް ނޫން. އޭނާއަށް އެންމެ މަދުވެގެންވެސް ދެ ހަފުތާއެއްހާ ދުވަހުގެ ކުޅުން ގެއްލޭނެ. ދެން ޖޮޓާގެ އަނިޔާ އެއަށްވުރެ ގޯސް. ޖޮޓާއަށް ގެއްލޭނީ ކިތައް މެޗު ކަމެއް ނޭނގެ. ޖޮޓާ ތަންކޮޅެއް ގިނަ ދުވަސްވަންދެން ނުކުޅެ ހުންނަން ޖެހޭނެ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލަށްވެސް ކުރިއަށް އޮތީ ގިނަ މެޗުތަކެއް ކުޅެން ޖެހޭ ދުވަސްތަކެކެވެ. މިރޭ އޮސްޓްރިއާގެ އެލްއޭއެސްކޭއާ އަމިއްލަ ދަނޑުގައި ކުޅުމަށްފަހު، އަނެއްކާ ހޮނިހިރު ދުވަހު ފުލްހަމްއާ ދެކޮޅަށް ލީގުގައި ކުޅެން ޖެހެއެވެ. އޭގެ ފަހުން ދެން ލީގުގައި ލިވަޕޫލުން ނުކުންނާނީ ކްރިސްޓަލް ޕެލެސް އާއި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ.