މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، އެމްޑީޕީގެ މޭޔަރު ޕްރައިމަރީގައި ވާދަކުރެއްވުމަށް މިއަދު ފޯމު ހުށަހަޅުއްވަން ނިންމަވައިފިއެވެ.

އާޒިމް މިއަދު ވިދާޅުވީ ފޯމި ހުށަހެޅުއްވުމަށް އެމްޑީޕީ އޮފީހަށް ވަޑައިގަންނަވާނީ ހަވީރު 4:20 ގައި ކަމަށެވެ.

ހުސްވެފައިވާ މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް އާޒިމަށް ތާއިދުކޮށް، ސޯޝަލް މީޑިއާގައި ވަނީ ވަރަށް ގިނަ މީހުން ވަނީ ހިޔާލު ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ހިމެނިވަޑައިގަންނަވައެވެ.

އެމްޓީސީސީގެ ސީއީއޯއަކަށް ހަމަޖެއްސުމުގެ ކުރިން އާޒިމް ހުންނެވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ތެރޭގައި އާޒިމް ވަނީ އެމްޓީސީސީއަށް ބަދަލުކޮށްފައެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމުގެ ހުންނަވައިގެން އާޒިމް ވަނީ އެ ކުންފުންޏަށް ގިނަ ކުރިއެރުންތަކެއް ހޯއްދަވައި ދެއްވައިފައެވެ. އެގޮތުން ކޮންޓްރެކްޓުތަކުގެ މަސައްކަތް އަވަސް މިނުގައި ގެންގޮސް މަސައްކަތް ނިންމައި، އާޒިމް ވަނީ އެމްޓީސީސީއަށް ރައްޔިތުންގެ އިތުބާރު ހޯދައިދީފައެވެ. އަދި އެ ކުންފުންޏަކީ މާލީ ގޮތުން ތަނަވަސް ކުންފުންޏަކަށް ހަދައިދެއްވިއެވެ.

މީގެ އިތުރުން އާޒިމްގެ ބެލުމުގެ ދަށުން މާލޭގައި އެމްޓީސީސީން ވަނީ ބަހުގެ ހިދުމަތް ފަށައިފައެވެ. ބަހުގެ ހިދުމަތަކީ ކޮންމެ ދުވަހަކު ވަރަށް ގިނަ ރައްޔިތުން ބޭނުން ކުރަމުންދާ އިތުބާރު ލިބިފައިވާ ޓްރާންސްޕޯޓް ނިޒާމެކެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ.

އާޒިމްގެ އިތުރުން މޭޔަރު ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވެސް ޝައުގުވެރިކަން ފާޅުކުރައްވައި، ކެމްޕޭން ކުރެއްވި ނަމަވެސް ފަހުން އެކަމާ ގުޅޭ ވާހަކައެއް އޭނާ ނުދައްކަވައެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު އަދި މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހްވެސް ޝައުގުވެރިކަން ފާޅުކުރައްވައި، ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.