ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ސަބަބުން އެ މަނިކުފާނުގެ ހަށިކޮޅުން ހަށިކޮޅުން 10 ރޭޒާ ފުށާއި ޕްލާސްޓިކްގެ އެތިކޮޅުތަކެއް އަދި ކަށިކޮޅެއް ނަގައިފައިވާ ކަމަށް ދައުލަތުގެ ހެކިވެރިޔަކު ބުނެފިއެވެ.
ނަޝީދު އަވަހަރާކޮށްލަން ދިން އެ ހަމަލާގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިއެއް ކަމަށްވާ ފުލުހުންގެ ކްރައިމް ސީން އިންވެސްޓިގޭޝަންގެ އޮފިސަރެއްގެ ހެކި ބަސް ނަގައިފައެވެ.
ހެކިބަސް ދެމުން އެ ހެކިވެރިޔާ ކްރައިމް ސީން އިންވެސްޓިގޭޝަންގައި މަސައްކަތް ކުރާތާ މިހާރު 20 ވަރަކަށް އަހަރުވެފައިވާ ކަމަށާއި އެ ދާއިރާއާ ގުޅޭ ތައުލީމު ރާއްޖެއިން އަދި ރާއްޖެއިން ބޭރުން ހާސިލުކޮށްފައިވާ ކަމަށެވެ.
ހެކިވެރިޔާ ބުނީ ނަޝީދަށް އަވަހަރާކޮށްލަން ދިން ހަމަލާގެ ސަބަބުން އެ މަނިކުފާނުގެ ހަށިކޮޅަށް ހެރިފައިވާ ތަކެތި އޭޑީކޭ ޑޮކްޓަރުން ނެގުމުން، އެ ތަކެތީގެ ފޮޓޯ ނެގުމަށް ގޮސްފައިވާނެ ކަމަށެވެ.
އެގޮތުން 10 ރޭޒާ ފުށެއްގެ ފޮޓޯ އާއި ޕްލާސްޓިކު އެތިކޮޅުތަކެއްގެ ފޮޓޯ ނެގި ކަމަށާއި ފޮޓޯ ނެގި އިރު އެތަކެތި ހުރީ މޭޒުމަތީގައި ހުރި ފަސް ދަޅެއްގެ އެތެރޭގައި ކަމަށެވެ. އަދި ދަޅުގައި އޮތް ކަށިކޮޅުގައި ލޭހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ. އެ ހުރިހާ ތަކެތީގެ 73 ފޮޓޯ ނަގާފައިވާނެ ކަމަށާއި ތަހުގީގަށް ދީފައިވަނީ 10 ފޮޓޯ ކަމަށް ހެކިވެރިޔާ ބުންޏެވެ.
ދެން ހެކިބަސް ނަގާފައިވަނީ މި މައްސަލައިގެ ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓު ތައްޔާރުކުރި ފަރާތެވެ. ހެކިބަސް ދެމުން އެ ފަރާތުން ބުނީ، މިހާރު ފުލުހުންގެ މުއައްސަސާގައި މަސައްކަތް ނުކުރާ ކަމަށެވެ. ފުލުހުގައި މަސައްކަތް ކުރި އިރު އޭނާ ވަނީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅުންހުރި މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
އެގޮތުން ބޮމް ގޮއްވާލި ސަރަހައްދުން ފެނުނު ސައިކަލުގެ ފިޒިކަލް އެގްޒަމިނޭޝަން ހަދާފައިވާނެ ކަމަށާއި އެ ސައިކަލުގެ ޗެސިސް ނަމްބަރު އަދި އިންޖީނު ނަމްބަރު ފޮހެލާފައިވާކަމުގެ ނިޝާންތަކެއް ފެންނަ ހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ. ނަމަވެސް އެ ނަމްބަރުން ހޯދިފައިވާ ކަމަށާއި އިންޖީނު ނަމްބަރު އަދި ޗެސިސް ނަމްބަރަކީ ސައިކަލް ދެނެގަތުމަށް ބޭނުންކުރާ ނަމްބަރުތަކެއް ކަމަށް ބުންޏެވެ.
ފިޒިކަލް އެގްޒަމިނޭޝަން ހެދި އެ ސައިކަލަކީ ނަޝީދު އަވަހަރާކޮށްލަން އައިއީޑީ ހަރުކޮށްފައިވާ ސައިކަލް ކަމަށް ހެކިވެރިޔާ ބުންޏެވެ.
ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގައިވަނީ ނުވަ މީހެއްގެ ދައުވާކޮށްފައެވެ. އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން ވަނީ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
- އަދުހަމް އަހުމަދު / ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ - ކުށް ސާބިތުވުމުން 23 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި
- އަބްދުﷲ އަލީ މަނިކު / ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ - ކުށް ސާބިތުވުމުން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި
- ތަހުމީން އަހުމަދު / ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމަޑށް އެހީތެރިވުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން - ޝަރީއަތް ކުރިއަށް ދަނީ
- އަލީ ހައިޝަމް / ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމަޑށް އެހީތެރިވުން - ޝަރީއަތް ކުރިއަށް ދަނީ
- މުޖާޒް އަހުމަދު / ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވުން - ޝަރީއަތް ކުރިއަށް ދަނީ
- ފަހުމީ އަލީ / ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން - ޝަރީއަތް ކުރިއަށް ދަނީ
- މުހައްމަދު ނާޒިމް/ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން - ޝަރީއަތް ކުރިއަށް ދަނީ
- އިސްހާގު / ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން - ޝަރީއަތް ކުރިއަށް ދަނީ
- މުހައްމަދު ތަސްލީމް/ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ - ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި
ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލާފައިވަނީ އެ މަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރުން ނުކުމެގެން އައިސް ކާރުކޮޅާ ހަމަވިވަގުގައެވެ. އެ ހަމަލާ ދީފައިވަނީ 2021 މެއި 06 ވަނަ ދުވަހުއެވެ.
ނަޝީދަށް ދިން ހަމަލާގެ މޭސްތިރިންނަކީ އަލީ މަނިކު އަދި މުހައްމަދު ތަސްލީމް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. އަދުހަމްއަކީ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ. ނަޝީދަށް ހަމަލާދީ އަވަހާރަކޮށްލަން ޖެހޭ ކަމަށް ހަމަލާދިން މީހުންނަށް ވިސްނައިދީ ނަސޭހަތްދިން ކަމުގެ ތުހުމަތަށް މުހައްމަދު ތަސްލީމް ހައްޔަރުކުރީ 2021 ޖުލައި 21 ގައި އައްޑޫ ސިޓީންނެވެ.
އަލިމަނިކަކީ، 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހަމަލާދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.
އެ މައްސަލައިގައި އަލިމަނިކު ޖަލަށްލާފައި ވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލައިފައިވެސް ވެއެވެ.
އޭގެ ފަހުން ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އަދާކުރުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ 18 ޖޫން 2021 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު