ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކާއި ގޯތީގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވި އިރު، ފްލެޓްތަކާއި ގޯއްޗާބެހޭ ކަންތައްތަކާ ގުޅޭ ގޮތުން އޭސީސީން ކުރިއަށް ގަންދާ ތަހުގީގުގައި އޮޅުންފިލުވަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ، ކޮމިޓީއަށް އޭސީސީ ހާޒިރުކުރަން ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ.

ޔައުގޫބު ވިދާޅުވީ، ފްލެތްތަކުގެ މައްސަލައިގައި ސަރުކާރުތެރެއަށް ވަދެ ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި އޭސީސީން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.

ޔައުގޫބުގެ ހުށަހެޅުމަށް ކޮމިޓީގެ އެހެން މެންބަރުންވެސް ވަނީ ތާއީދުކޮށްފައެވެ. އެހެންކަމުން އޭސީސީގެ މެންބަރުން މާދަމާ ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ފާސްކޮށްފައެވެ.

ފްލެޓާއި ހޯތި ދިން މައްސަލަ އޭސީސީން ތަހުގީގު ކުރަމުން އަންނައިރު، ފްލެޓް ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އެ ކޮމިޝަނުން ވަނީ އަންގައިފައެވެ. އަދި އެ މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އިއްޔެ ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 20 ދުވަހުގެ ތެރޭގައި އޭސީސީން ފްލެޓްތަކުގެ މައްސަލަ ބަލައި ނިންމުމުން ފްލެޓްތައް ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.