ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ހިމެނޭ އޭއެފްސީ ކަޕް ގްރޫޕް ޑީގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބަންގްލްދޭޝްގެ ބަޝުންދަރާ ކިންގްސްއިން މާޒިޔާ ބަލިކުރި އިރު، ރޭ އޮޑިޝާ އެފްސީން މޯހަން ބަގާން ބަލިކޮށްފިއެވެ.

ބަޝުންދަރާ ސްޓޭޑިއަމްގައި އިއްޔެ ރާއްޖޭގެ މާޒިޔާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ރޭ އޮޑިޝާއިން ރަށުން ބޭރުގައި މޯހަން ބަގާން ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. އިއްޔެގެ ނަތީޖާއާ އެކު މާޒިޔާ ވަނީ ކަޓައިފައެވެ. އެއީ ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތުމުންނެވެ.

އެއްވަނައިގައި މިވަގުތު ބަޝުންދަރާ ކިންގްސް އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮޑިޝާ ފަސް މެޗުން ނުވަ ޕޮއިންޓާއެކު އޮތް އިރު، މޯހަން ބަގާން ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އޮތް އިރު، މާޒިޔާއަށް ދެން އޮތީ މާލޭގައި މޯހަން ބަގާނާ ދެކޮޅަށް ކުޅޭ މެޗެވެ.

މޯހަން ބަގާނަށް އަނެއް ބުރުގެ ޔަގީން ފުރުސަތު އުނދަގޫކޮށް އޮތް އިރު، އޮޑިޝާ އާއި ބަޝުންދަރާ ކުޅޭ ފަހު މެޗު ވާނީ މުހިއްމު މެޗަކަށެވެ.

އިއްޔެ މާޒިޔާއިން ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ މާޒިޔާއިންނެވެ. އެޓީމުގެ ގޯލު ޖަހައިދިނީ އޮބެންގް ރޭގަންއެވެ. އެ ގޯލާއެކު މާޒިޔާއިން ރަނގަޅަށް ފަށައި، ދެވަނަ ހާފުގެ ފަހު ކޮޅާ ޖެހެންދެން ލީޑު ހިފެހެއްޓިއެވެ. ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއިން ގޯލުތައް ޖެހީ 80 އާއި 88 ވަނަ މިނެޓުގައެވެ.

އެޓީމުގެ ގޯލުތައް ޖަހައި މެޗު އަނބުރާލަ ދިނީ ބޮބާބިކް ޔުލްޑަޝޭވާއި މިގޭލް ފެރޭރާއެވެ.

ރޭ އޮޑިޗާއިން މޯހަން ބަގާން 5-2 އިން ބަލިކުރި އިރު، އޮޑިޝާގެ ގޯލުތައް ޖަހައިދިނީ ރޯއީ ކްރިޝްނާ އާއި ޑިއޭގޯ މައުރީސިއޯ، ސީ ގޯޑާޑްގެ އިތުރުން އަނިކެޓް ޖާދޭވް އަދި އިސާކް ވަލްނަލްރޮޓްފޭލާއެވެ. މޯހަން ބަގާންގެ ގޯލުތައް ޖެހީ ހޫގޯ ބޯމުސްއާއި ކިޔާން ނަސީރީއެވެ.