ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވަގުތީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޖައުޝަން ޝަރީފް އައްޔަންކުރައްވައިފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޖައުޝަން އައްޔަން ކުރައްވާފައިވަނީ މިއަދު އެ މަގާމު ހުސްވުމާ ގުޅިގެންނެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި އެތައް ދުވަހެއް ހޭދަކުރެއްވުމަށްފަހު ހުސައިން ޖަވާޒު (ޖަވާ) މިއަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. ޖަވާގެ އިސްތިއުފާ އިހުތިރާމާއެކު ގަބޫލުފުޅުކުރެއްވި ކަމަށް ރައީސް ބައްސާމް މިރޭ ވަނީ ވިދާޅުވެފައެވެ.
ބައްސާމް ވިދާޅުވީ ފުޓުބޯޅައާއި އެފްއޭއެމްއަށް ޖަވާ ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާ ކަމަށާއި، އެދެނީ އުފާވެރި މުސްތަގުބަލަކަށް ކަމަށެވެ.
އެފްއޭއެމްއަކީ މިވަގުތު ކޮރަޕްޝަނާއި ފައިސާގެ ހިޔާނާތުގެ ތުހުމަތުތަކެއްވެސް ކުރެވިފައިވާ އިދާރާއެކެވެ. އެ އިދާރާގެ ޖިނާއީ ތަހުގީގެއްވެސް ޕީޖީގެ އެންގުމަށް ފުލުހުން ކުރަމުންދާ އިރު، ދާދިފަހުން ވަނީ އިދާރާއަށް ފާސްކުރަންވެސް ވަދެފައެވެ. ފާސްކުރަން ވަދެ، ބައެއް ހެކިތައް ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު، އެފްއޭއެމްއަށް މިހާރު ލީގުތައް ހިންގަންވެސް ވަނީ ދަތިތަކާ ދިމާވެފައެވެ. އެގޮތުން މުވައްޒަފުންނަށް މުސާރަ ނުދީ އެތައް ދުވަހެއްވެފައި އޮތުމުން، އިދާރާ މުވައްޒަފުން ވަޒީފާއަށްވެސް ނުނުކުމެއެވެ.
ޖަވާގެ މަގާމަށް އައްޔަންކުރެއްވި ޖައުޝަންއަކީ މީގެ ކުރިންވެސް އެފްއޭއެމްގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ކުޅިވަރު ޝަހުސިއްޔަތެކެވެ. އޭނާ އެންމެފަހުން ހުންނެވީ އެފްއޭއެމްގެ ލީގަލް ހެޑްގެ ގޮތުގައެވެ. ބައްސާމް މިރޭ ވިދާޅުވީ ޖައުޝަން މަގާމަށް އައްޔަން ކުރެއްވީ އެކްސްކޯގެ ފުރިހަމަ އިތުބާރާއެކުގައި ކަމަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް