ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ނުކުތުމަށް ޕީޕީއެމުން ނިންމައިފިއެވެ.

ޕީޕީއެމްގެ އެކްސް އެކައުންޓުގައި ރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މަޖިލިސް އިންތިހާބުގައި ދެޕާޓީ ގުޅިގެން ވާދަ ކުރުމަށް ރޭ ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައި ނިންމީ ސެނެޓުގެ އިއްތިފާގުން ކަމަށެވެ. އަދި ދެން ހުރި ކަންކަން ނިންމާނީ ދެ ޕާޓީގެ ޖޮއިންޓް ސެނެޓުގައި ކަމަށް ބުންޏެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު މަސައްކަތް ކުރީ ޕީޕީއެމާއި ޕީއެންސީ ގުޅިގެންނެވެ. އަދި މަޖިލިސް އިންތިހާބުގައި އެ ދެޕާޓީން 70 އަށްވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް މީގެ ކުރިން ބުނެފައިވެއެވެ.

މަޖިލިސް އިންތިހަބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިސް ވެރިންގެ ޓީމެއްވެސް މިއަދު ޕީއެންސީގެ މެންބަރުންނާ ބައްދަލުކޮށްފައި ވެއެވެ. ރައީސް މުއިއްޒު ހިމެނޭހެން ބޭއްވި އެ ބައްދަލުވުމުގައި ޖޭޕީ ފަރާތުން އިސްވެ ހުންނެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކާ ގުޅޭގޮތުން އިތުރު މައުލުމާތު ޖޭޕީން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ކަމަށްވާ އެމްއެންޕީ ވެސް ހިމެނޭހެން ތިން ޕާޓި އެކުގައި މަޖިލިސް އިންތިހާބަށް ނުކުންނަން ނިންމާފައިވާ ކަމަށް އެމްއެންޕީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް މަހުގެ ފަހުކޮޅުގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.