އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އެއްވަރުވެއްޖެއެވެ.
ސިޓީ ދަނޑުގައި ޕްރިމިއާ ލީގުގެ އެއްވަނަ އާއި ދެވަނަ މިރޭ ވާދަކުރި މެޗުގައި ދެޓީމު އެއްވަރުވީ 1-1 އިންނެވެ. މިއީ ސީޒަނުގައި ސިޓީން ހޯމް މެޗެއްގައި އެއްވަރުވި ފުރަތަމަ ފަހަރެވެ. ހޯމް މެޗެއްގައި ސިޓީ އަދި ބަލިވެފައެއް ނުވެއެވެ. ސިޓީން އަދިވެސް ލީގު ތާވަލުގެ އެއްވަނައިގައި އޮތް އިރު، އެޓީމަށް ވަނީ 13 މެޗުން 29 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލް ދެވަނައިގައި 13 މެޗުން 28 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތް އާސެނަލަށް މި ހަފުތާގައި ބްރެންޓްފޯޑު ބަލިކޮށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެއީ އާސެނަލަށް 12 މެޗުން 27 ޕޮއިންޓް ލިބިފައި އޮތުމުންނެވެ.
މެޗުގައި މާ ބޮޑު ފޯރިއެއް ފެނިފައިނުވާ އިރު، ފުރަތަމަ ކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ސިޓީގެ ފަރާތުން ވަރަށް ބޮޑަށް ޕްރެސް ކޮށްލައިގެން ކުޅުނުތަން ފެނިގެން ގޮސްފައިވާ އިރު، ނަތީޖާއެއްގެ ގޮތުން ލިވަޕޫލްގެ ފަހަތުން ގޯސްތައް ފެނުނެވެ. އެލިސަން ބެކާ ޖައްސާލި ޕާހެއް ހޯދައި، ނެތަން އަކޭ ތަނަވަސްކޮށްދިން ބޯޅައަކުން 27 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ އާލިން ބްރައުޓް ހާލަންޑެވެ.
ހާލަންޑް ޕްރިމިއާ ލީގުގައި ކުޅުނު 48 މެޗުން 50 ގޯލު ހަމަކޮށްފައިވާ އިރު، އެއީ ރެކޯޑެކެވެ. މީގެ ކުރިން އެންމެ އަވަހަށް ލީގުގައި 50 ގޯލު ހަމަކުރި ރެކޯޑު އޮތީ އެންޑީ ކޯލް އަތުގައެވެ. އެއީ 68 މެޗުންނެވެ.
ފުރަތަމަ ހާފުގައި ސިޓީގެ ޖެރެމީ ޑޮކޫ އާއި ރޮޑްރީގެ ނުރައްކާވެސް ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ އިރު، ސިޓީއަށް ދެވަނަ ގޯލެއް ޖަހަން އުނދަގޫތަކެއް ކުރިމަތިވިއެވެ. އަނެއްކޮޅުން ހާފު ނިމެން ދަނިކޮށް ލިވަޕޫލްގެ މުހައްމަދު ސަލާހާއި ޑާވިން ނުނިއޭޒަށް ލިބުނު ފުރުސަތުތައް އެ ކުޅުންތެރިންނަށް ކާމިޔާބެއް ނުކުރެވުނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ސިޓީގެ ނުރައްކާ ބޮޑެވެ. އެޓީމަށް ގޯލެއް ނުޖެހިގެން އުޅެނިކޮށް، 80 ވަނަ މިނެޓުގައި ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑް ޖެހި ގޯލުން ލިވަޕޫލް އެއްވަރު ކުރިއެވެ. ލިވަޕޫލްގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ސަލާހެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު