ކުޑަކުއްޖެއްގެ ގައިގައި ޖަހައި އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ މެއިޑް، ކުރިމިނަލް ކޯޓުގައި އެ ކުށަށް އިއުތިރާފު ވެއްޖެއެވެ.

ސަންދީޕް ކޯރު، 22، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އެކަމަށް މައާފަށް އެދޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް އިތުރު ކޮށްފައެވެ. އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޕޮރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ހުށަހަޅަން ފުލުހުން ނިންމާފައިވާ ކަމަށް އަމުރުގައިވެއެވެ.

އަމުރުގައި ބުނީ އޭނާގެ ފަރާތުން ވަކާލާތުކުރާނެ ވަކީލަކު ހަމަޖެއްސި ނަމަވެސް، އިއްޔެ ބޭއްވި އަޑުއެހުމަށް ވަކީލު ކޯޓަށް ހާޒިރުނުވާ ކަމަށެވެ.

ކުޑަ ކުއްޖަކަށް އަނިޔާކުރުމުގެ ތުހުމަތުގައި ސަންދީޕް ހައްޔަރު ކުރީ މިދިޔަ މަހުގެ 26ގައެވެ. އަދި ބަންދަށް 15 ދުވަސް ޖެހިއެވެ. އެ މުއްދަތު ހަމަވުމުން މި މަހު ނުވަ ވަނަ ދުވަހުވެސް ވަނީ އޭނާ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ދީފައެވެ.

ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން ސަންދީޕް ވަނީ އެކުއްޖާގެ މައިންބަފައިން އޭނާއަށް މުސާރަ ނުދޭ ކަމަށާއި ބަލިވެ އުޅޭ އިރު ވެސް ގަދަކަމުން މަސައްކަތް ކުރުވާ ކަމަށާއި ކާންނުދޭ ކަމަށް އަދި ކުޑަކުއްޖާގެ މައިންބަފައިގެ ފަރާތުން އޭނާއަށް އަނިޔާ ލިބޭ ކަމަށް ތުހުމަތު ކޮށްފައެވެ.

މީގެ އިތުރުން އޭނާ އެނބުރި އިންޑިޔާއަށް ދާން ބޭނުންވާ ކަމަށް އެދުމުން، ދުވަހަކު ވެސް އިންޑިއާ އަށް ނުފޮނުވާނެ ކަމަށް އެ ކުއްޖާގެ މައިންބަފައިން އިންޒާރު ދިން ކަމަށްވެސް އޭނާ ބުންޏެވެ.