ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) ގެ މަރުގެ މައްސަލައިގެ ދައުވާ ސާބިތު ނުވެގެން ދޫކޮށްލި މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ކުރިމިނަލް ކޯޓުގައި ދައުވާކޮށްފައި ވަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސެއިން ސަލީމާއި ރ. އިންނަމާދޫ/ ސަމަންތާ, ހުސެއިން ޝާމިން އާއި، ގއ. ގެމަނަފުށި/ ހަވާސް, މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން/ ވިދާތަރި, އަލީ ނިފާޒުގެ މައްޗަށެވެ.
މީގެ ތެރެއިން، މަފާޒުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރި އިރު، ދެން ތިބި މީހުންގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދައުލަތުން އެދިފައިވަނީ، އިސްތިއުނާފު ނިމެންދެން އެ މީހުން ބަންދުކުރުމަށެވެ. ނަމަވެސް އެ ކޯޓުން މި ހަފުތާގައި ވަނީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށް ނިންމައިފައެވެ.
ޕީޖީ އޮފީހުގެ އޮފިސަރަކު "ވަން" އަށް މިރޭ ވިދާޅުވީ ހައިކޯޓުގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ވައްދައިފައިވާ ކަމަށެވެ. އެ މައްސަލަ އެ ކޯޓަށް ވެއްދީ އިއްޔެއެވެ.
ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު