އާޖެންޓީނާއިން ބްރެޒިލާ ދެކޮޅަށް އިއްޔެ ރޭ ކުޅުނު މެޗު ފެށުމުގެ ކުރިން، ދަނޑު ދޫކޮށް ދިޔައީ އެތައް ބަޔަކަށް ލިބެމުންދިޔަ އަނިޔާތައް އެންމެ އަވަހަށް ހުއްޓޭނެ ގޮތަކީ އެއީ ކަމަށް ފެނިގެން ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ބްރެޒިލާ ދެކޮޅަށް، މަރަކަނާ ސްޓޭޑިއަމްގައި ކުޅުނު މެޗުން އާޖެންޓީނާ 1-0 އިން މޮޅުވި އިރު، ފެށުމުގެ ކުރިން ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުނެވެ. އެ ހަމަނުޖެހުންތައް އުފެދުނީ އާޖެންޓީނާ ގައުމީ ސަލާމަށް ބްރެޒިލްގެ ބައެއް ސަޕޯޓަރުން އިހުތިރާމް ކުޑަކުރުމުން ކަމަށް ނޫސްތައް ބުނެއެވެ.

އާޖެންޓީނާ ސަޕޯޓަރުންގެ ނުރުހުންވުމާއެކު ބްރެޒިލް ޕޮލިހުން ނުކުމެ، އެތައް ސަޕޯޓަރުންނަކަށް އަނިޔާ ދޭން ފަށާފައިވާ އިރު، އާޖެންޓީނާގެ ކެޕްޓަން މެސީއާއި އިތުރު ކުޅުންތެރިންވެސް ވަނީ ފުލުހުންނަށް ހުރަސް އަޅަން މަސައްކަތް ކޮށްފައެވެ. އެގޮތުން އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް، ފުލުހެއްގެ އަތުން ބެޓޮންއެއް އަތުލިތަންވެސް ފެނިފައިވެއެވެ.

"ފުލުހުން އާޖެންޓީނާ ސަޕޯޓަރުން ގައިގައި ތަޅަމުންދިޔައީ އެއްވެސް ހައްދެއް ނެތި. އެއީ ސަރަހައްދީ ކްލަބު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައިވެސް ވީގޮތް. އެ މުގުރުތައް ބޭނުންކޮށްގެން އެތައް ބަޔަކަށް އަނިޔާވާތަން ފެނުމުން މެޗު ނުފަށަން އަހަރެމެން ބޭނުންވީ. ޓީމާއެކު ޑްރެސިން ރޫމަށް ވަނީ އެއީ އެންމެ އަވަހަށް ކަންކަން މައިތިރިވާނެ ގޮތް ކަމަށް ފެނުމުން،" 36 އަހަރު ކެޕްޓަން މެސީ ބުންޏެވެ.

މެސީ ބުނީ ހުރިހާ ސަޕޯޓަރުންނަށް އޭނާ ވިސްނި ކަމަށާއި، އެ ސަޕޯޓަރުންގެ އާއިލާތަކަށްވެސް ވިސްނު ކަމަށެވެ. އަދި އަނިޔާ ލިބެމުންދިޔަ ގޮތުން، މެޗަށްވުރެ އެކަން ހުއްޓަން މުހިއްމިވި ކަމަށްވެސް މެސީ ބުންޏެވެ.

އާޖެންޓީނާއާއި ބްރެޒިލް ވާދަކުރި މެޗު، ހަމަނުޖެހުންތަކަށްފަހު ފެށީ 30 ވަރަކަށް މިނެޓް ފަހުންނެވެ. މެޗު ހޫނުކޮށް ފެނުނު އިރު، އާޖެންޓީނާ މޮޅުވީ ނިކޮލަސް އޮޓަމެންޑީ ޖެހި ގޯލުންނެވެ.