ވެރިކަން ހިންގާ ޕާޓީ ކަމަށްވާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަންކޮށްފިއެވެ.

އޭނާ އެ މަގާމަށް އަައްޔަން ކުރުމާ ގުޅިގެން ޕީއެންސީގެ ލީޑަރުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަޒުލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސާތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއުލާން ކުރައްވައިފައެވެ.

ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަޒުލް އައްޔަންކޮށްފައި މިވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފު މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަރީފު މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން އާދަމް ޝަރީފާ އެކު ތިން ބޭފުޅުން ވަނީ މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ނައިބު ރައީސް، ކުރީގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.