ރޭ ފަތިހު ކުޅުނު ދެކުނު އެފްރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި އާޖެންޓީނާއިން ބްރެޒިލް ބަލިކޮށްފިއެވެ.

ބްރެޒިލް ތާރީހީ މަރަކަނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެކުނު އެމެރިކާ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެޓީމު ކަމަށްވާ ބްރެޒިލާއި އާޖެންޓީނާގެ މެޗުގެ މާ ކުރިންވެސް ސަޕޯޓަރުންގެ މެދުގައި ފޯރިގަދަވެފައިވާ އިރު، މެޗު ފެށުމަށް މިނެޓް ކޮޅަކަށްވެފައި ވަނިކޮށް، ސްޓޭޑިއަމް ތެރޭގައި ހަމަ ނުޖެހުން ހިނގަން ފެށިއެވެ.

އެ ހަމަނުޖެހުންތަކާއެކު ބްރެޒިލްގެ ފުލުހުން ސަޕޯޓަރުން ތެރެއަށް ވަދެ، ބާރުގެ ބޭނުންކޮށްފައިވާ އިރު، އެ ހަމަނުޖެހުންތައް ފެށުމާއެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ޓީމު ގޮވައިގެން ޑްރެސިން ރޫމަށް ވަދެފައެވެ. ދެޓީމުވެސް ދަނޑުން ފައިބާ ފުލުހުންނަށް ސަޕޯޓަރުން ކޮންޓްރޯލް ކުރަން ވަގުތު ދިނުމަށްފަހު މެޗު ފެށީ 30 އަކަށް މިނެޓް ފަހުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާ ބޮޑު ނުރައްކަލެއް ދެޓީމުގެ ފަރާތުންވެސް ފެނިފައި ނުވާ އިރު، ހާފު ނިމެން ދަނިކޮށް ބްރެޒިލްގެ ގެބްރިއަލް މާޓިނެލީއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، އާޖެންޓީނާއިން ލީޑު ނެގިއެވެ.

ގަތަރު ވޯލްޑް ކަޕާއި އެންމެފަހުގެ ކޮޕާ އެމެރިކާވެސް ކާމިޔާބުކުރި އާޖެންޓީނާއަށް 63 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ނިކޮލަސް އޮޓަމެންޑީއެވެ. ލޮ ސެލްސޯ ނަގައިދިން ހިލޭ ޖެހުމަކަށް ކުރިއަށް އަރައި އޮޓަމެންޑީ ގޯލު ޖެހީ ބޮލުންނެވެ.

އާޖެންޓީނާއިން ރަނގަޅަށް ކުޅެމުންދިޔަ ދެވަނަ ހާފު ނިމެންދަނިކޮށް، 81 ވަނަ މިނެޓުގައި ބްރެޒިލްގެ ޖޮއެލިންޓަންއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެ ރަތްކާޑާއެކު އާޖެންޓީނާއިން ފަސޭހަކަމާއެކު ލީޑު ހިފަހައްޓައިލިއެވެ.

ނޭމާއާއި ވިނީޝިއަސް ޖޫނިއާ ފަދަ މުހިއްމު ކުޅުންތެރިންނަށް އަނިޔާވެ، ބްރެޒިލަށް ކޮލިފިކޭޝަންގައި އުނދަގޫތަކާ ދިމާވެފައިވާ އިރު، ރޭގެ ބައްޔާއެކު އެޓީމު ވަނީ ހަވަނައަށް ވެއްޓިފައެވެ. އެއީ އޮޓޮމެޓިކް ކޮލިފިކޭޝަން ފަހު ސްލޮޓެވެ. ހަ މެޗުން ހަތް ޕޮއިންޓް ބްރެޒިލަށް ލިބިފައިވާ އިރު، އެކުއެޑޯއާއި ވެނެޒުއޭލާ، ކޮލަމްބިއާ އަދި އުރުގުއާއީވެސް އޮތީ ބްރެޒިލަށްވުރެ މަތީގައެވެ. އާޖެންޓީނާ ކޮލިފިކޭޝަން ގްރޫޕް އެއްވަނައިގައި އޮތީ ހަ މެޗުން 15 ޕޮއިންޓާއެކުގައެވެ.