ޕީއެންސީން ވަކި އޮފީހަކަށް ބަދަލުވީ ހިންގުމުގެ ތެރޭގައި އިދާރީ ގޮތުން ހުރި ދަތިތަކުގެ ސަބަބުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ތަކުގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ ހިންގަމުން އައީ އެއް އޮފީހެއްގެ ތެރޭގަ އެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް، ޕާޓީގެ ލީޑަރަކީ އެއީ ކަމަށް ބަލައިގެންނެވެ.
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބު ކާމިޔާބު ކުރެއްވުމާއި އެކު، ރައީސް ޔާމީން ވަނީ ގޭބަންދަން ބަދަލުކޮށްފައެވެ. އޭގެ ފަހުން ވަނީ ގިނަ ލުއިތަކެއް ވެސް ދީފަ އެވެ. ކުޅިވަރު ކުޅުއްވުމާއި ކަސްރަތު، އަދި ސިއްހީ ބޭނުންތަކަށް ބޭރަށް ވަޑައިގަތުން ފަދަ ކަންކަން ކުރެއްވުމާއި މީހުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.
ރައީސް ޔާމީން ގޭ ބަންދަން ބަދަލުކުރި ފަހުންވެސް، ސަޕޯޓަރުން މަގުމަތީ ހަރަކާތަށް ނުކުންނާތީ، ރައީސް ޑރ. މުއިއްޒު އެކަން އެ ގޮތަށް ނުކުރުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ޔާމީން މިނިވަންކުރުމަށް ކުރާން ޖެހޭ މަސައްކަތަށް އެ މަނިކުފާނަށް ފުރުސަތު ދެއްވުމަށް ވެސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. އެހެންނަމަވެސް، ރައީސް ޔާމީން ވަނީ އެ ކަމަށް ރައްދު ދެއްވައިފަ އެވެ. ރައީސް ޔާމީން ވިދާޅުވީ މަގުމައްޗަށް ނުނިކުންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި މަގުމައްޗަށް ވެސް ނުކުންނާން ކެރެން ވާނެ ކަމަށެވެ. ޔާމީން ވަނީ އެ މަނިކުފާނުގެ ކޭކެ ކުޑަދޮރު ކައިރީ ހުންނަވައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. މަގާމުތައް ލިބުމުން، ކަންކަން ހަނދާން ނެތޭކަމަށް ވިދާޅުވެ މުއިއްޒަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭގެ ފަހުން ސީދާ ސްޕޯޓަރުންނާ އެކު ޕާޓީ އޮފީހުގައި ވެސް ބައްދަލުވުމެއް ބާއްވަވައިފައިވެއެވެ. އެ ބައްދަލުވުމާ ގުޅިގެން ކަރެކްޝަނުން ވަނީ އެ މަނިކުފާނަށް އިންޒާރު ދީފަ އެވެ. އޭގެ ފަހުން ރައީސް ޔާމީންގެ މާ ބޮޑު އަޑެއް ނީވެ އެވެ.
ކަންތައްތައް މިހެން ހުއްޓައި އިއްޔެ ކުއްލިޔަކަށް ފެނުނީ ޕީޕީއެމްގެ އޮފީހުން ނުކުމެ ޕީއެންސީން ވަކި އޮފީހެއް ހެދި ތަނެވެ. ޕީއެންސީގެ ރައީސަކީ ރައީސް ޑރ. މުއިއްޒެވެ. ޕީއެންސީ ބޮޑު ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެކަން ކުރުމަށް ޕީޕީއެމް އިން މީހުން ކަނޑައިގެން ގެންނެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ އއްބާރުލުން ފުރިހަމަޔަށް ހުރިހާ ކަމެއްގައި ވެސް ލިބިވަޑައިގަންނަވާނެ ކަމަށް މުއިއްޒު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ޕީއެންސީން ވަކި އޮފީހެއް ހުޅުވީ ކީއްވެތީ ސުވާލު ދެންނެވުމުން، ޝިޔާމް މިއަދު ވިދާޅުވީ، އެއީ ކުރީއްސުރެވެސް ވިސްނަވަމުން ގެންދެވި ކަމެއް ކަމަށާއޮ ބޮޑު ދެ ޕާޓީން އެއް އޮފީހެއްގެ ތެރޭގައި ކަންކަން ކުރުމުގައި ވަރަށް ގިނަ ދަތިތައް ހުންނަ ކަމަށެވެ. ވަކީން ހާއްސަކޮށް އިދާރީ މަސައްކަތްތައް ކުރުމާއި ލިޔެކިޔުންތައް ބެލެހެއްޓުމުގައި ގިނަ ގޮންޖެހުންތައް ހުންނަކަމަށް ފާހަގަކުރެއްވި އެވެ.
"އެނގިވަޑައިގަންނަވާނެ، ސިޔާސީ ޕާޓީތަކުގެ ލިޔެކިޔުން ފަދަ ކަންކަމަކީ ވަރަށް ފުރިހަމަޔަށް ހުންނާން ޖެހޭ ކަންކަން. ގާނޫނީ ގޮތުން ޒިންމާ ވާން ޖެހޭ، އިލެކްޝްންސް ކޮމިޝަނަށް ވެސް ގަވައިދުން ފޮނުވަން ޖެހޭ މައުލޫމާތުތައް ފަދަ ކަންކަން ވަރަށް ގިނަ. އަދި ދުވަހުން ދުވަހަށް ޕާޓީ ހިންގުމުގައި ވެސް އިދާރީ ދައުރު ވަރަށް މުހިންމު. އެހެންވީމަ މިހާރު އަމުދުން އެއް އޮފީހެއްގެ ތެރޭގައި އެކަން ކުރުމުގައި ދަތިތައް ހުންނާތީ ވަކި އޮފީހެއް ހެދީ. އެއީ ކުރީންވެސް ވިސްނާފަ އޮތް ކަމެއް." ޝިޔާމް ވިދާޅުވި އެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ