ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް އޭގައި ސްޕެއިނުން ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ގަވީ، ކަކުލުގެ ސާޖަރީއަކަށް ތައްޔާރުވެއްޖެއެވެ.
ސްޕެއިން އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ޖޯޖިއާ ކައިރިން ސްޕެއިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތް އިރުވެސް ސްޕެއިނަށް ކޮލިފިކޭޝަން ޔަގީންވެފައި އޮތް ނަމަވެސް، ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ވަނީ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ބޭނުން ކޮށްފައެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ބާސެލޯނާގެ ތަރި ގަވީގެ ކަކުލަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އޮއިހާން ސަސްސެޓެވެ. ގަވީ ބޯޅައެއް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ކަކުލަށް އަނިޔާވުމާއެކު އޭނާގެ މޫނުމަތިން ކަރުނަވެސް ފެނިގެން ދިޔައެވެ.
ޓެސްޓްތަކަށްފަހު ބާސާއިން ބުނީ ގަވީގެ ކަކުލުގެ އޭސީއެލްއަށް ގެއްލުންވެ ސާޖަރީއަކަށް ތައްޔާރުވެފައިވާ ކަމަށާއި އެ އަނިޔާއާއެކު އޭނާއަށް ސީޒަން ނިމިފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ޔޫރޯއަށް ގަވީ ފިޓްވާނެ ކަމާމެދުވެސް އޮތީ ސުވާލު އުފެދިފައެވެ.
ގަވީގެ އެ އަނިޔާއާއެކު ބާސާއިން ނުރުހުންވިކަން ސްޕެއިންގެ މީޑިއާތަކުން ބުނެފައިވާ އިރު، މުންޑޯ ޑިޕޮޓީވޯއިން ބުނީ ކޮލިފައިވެފައި އޮއްވައި ގަވީ ބޭނުންކުރުން އެއީ ކޯޗު ލަ ފުއެންޓޭ ހެދި ގޯހެއް ކަމަށެވެ. ހާއްސަކޮށް މެޗުގެ ކުރިން ގަވީގެ ވަރުބަލިކަން ކޯޗަށް އެނގޭ ކަމަށާއި ކޯޗަށް ގަވީ ނުލައި މެޗު ކުޅެވޭނެ ކަމަށް ބާސާއިން ގަބޫލުކުރާ ކަމަށްވެސް މީޑިއާތަކުން ބުންޏެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި އެކަމަށް ރައްދު ދެމުން ލަ ފުއެންޓޭ ބުނީ ގަވީގެ އަނިޔާއަކީ އެނގިގެން ވީ ކަމެއް ނޫން ކަމަށާއި އެއީ ތަމްރީނުތަކުގައި ނޫނީ ބާސާ މެޗެއްގައިވެސް ވެދާނެ ކަމެއް ކަމަށެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން