އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދި، އެގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، ގަތަރު ވޯލްޑް ކަޕްގައި ބޭނުންކުރި ހަ ޖާޒީއެއް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.
އުމުރުން 36 އަހަރުގެ މެސީ ކެރިއަރުގައި އަލަށް ވޯލްޑް ކަޕެއް ހޯދީ، މިދިޔަ އަހަރު ޑިސެމްބަރު މަހު ގަތަރުގައެވެ. އެ މުބާރާތުގެ ފައިނަލުގައި ފްރާންސް ކައިރިން އާޖެންޓީނާ މޮޅުވީ އިތުރު ވަގުތު ކުޅެގެންނެވެ. ފައިނަލް މެޗުގައި މެސީ ދެ ގޯލު ޖެހި އިރު، ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔަކީވެސް މެސީއެވެ.
މެސީގެ ވޯލްޑް ކަޕް ހަ ޖާޒީއެއް ވިއްކާލަން އޭނާ ނިންމާފައިވާ އިރު، އޭގެ ތެރޭގައި ފައިނަލް މެޗުގައި ލީ ޖާޒީއެއްވެސް ހިމެނެއެވެ. ވޯލްޑް ކަޕްގައި އާޖެންޓީނާއިން ހަތް މެޗު ކުޅެފައިވާ އިރު، މެސީ ނީލަން ކިޔާ ޖާޒީތަކުގައި ނުހިމެނެނީ ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ޖާޒީއެވެ. އެ މެޗު ނިންމާލަމުން މެސީ ވަނީ އޮސްޓްރޭލިއާގެ ކަމެރޮން ޑެވްލިންއާ ޖާޒީ ބަދަލުކޮށްފައެވެ.
މެސީގެ ޖާޒީތައް ނީލަން ކިޔަން ނިންމާފައި ވަނީ ނިއު ޔޯކްގައި ސޮތެބީސްއިން ބާއްވާ އިވެންޓެއްގައެވެ. ސޮތެބީސްގެ ހެޑް އޮފް މޮޑާން ކަލެކްޓެބަލްސް، ބްރަހުމް ވޮޗާ ބުނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ ދުނިޔޭގެ ތާރީހުގައިވެސް ބޭއްވި އެންމެ ބޮޑު ކުޅިވަރު އިވެންޓް ކަމަށާއި، 8 ފަހަރު ބެލޮންޑިއޯ ހޯދި މެސީގެ އައިޓަމެއް ނީލަން ކިޔުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.
އޭނާ ބުނީ މެސީގެ ޖާޒީތައް ވިއްކައިގެން ލިބޭ ފަންޑުގެ ބައެއް، ޔުނިކަސް ޕްރޮޖެކްޓަށް ދޭނެ ކަމަށެވެ. އެ ޕްރޮޖެކްޓަކީ ސަންޓް ކޯން ޑެ ޑެއޫއިން މެސީ ފައުންޑޭޝަނާ ގުޅިގެން ބާސެލޯނާގެ ކުޑިކުދީންގެ ހޮސްޕިޓަލުގައި ހިންގާ ހާއްސަ ޕްރޮޖެކްޓެކެވެ. އެއީ އުފެދުމުގައި ހުންނަ ބަލިތަކަށް ފަރުވާ ދޭ ހާއްސަ ކުދީންނަށް އެހީދޭން ހިންގާ ޕްރޮޖެކްޓެކެވެ.
ކުޅުންތެރިއެއްގެ ޖާޒީއެއް މިހާތަނަށް ވިކިފައިވާ އެންމެ ބޮޑު އަގަކީ 7.1 މިލިއަން ޕައުންޑަށެވެ. އެއީ މިދިޔަ އަހަރު ޑިއޭގޯ މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް،" ޖާޒީއެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ