ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް އޭގައި ރޭ ސްޕެއިނުން ކުޅުނު މެޗުގައި ޖޯޖިއާ ކައިރިން މޮޅުވެއްޖެއެވެ.
ސްޕެއިން ދަނޑުގައި ރޭ ކުޅުނު މެޗުގައި ޖޯޖިއާ ކައިރިން ސްޕެއިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ސްޕެއިނަށް ކޮލިފިކޭޝަން ޔަގީންވެފައި އޮތް އިރު، އެ ޓީމުން ހޯދި މޮޅާއެކު ގްރޫޕްގެ އެއްވަނަވެސް ވަނީ ޔަގީންވެފައެވެ. އެއީ ރޭ ސްކޮޓްލެންޑުން ނޯވޭ ކައިރިން އެއްވަރުވުމުންނެވެ. ސްކޮޓްލެންޑުން ރޭ ހޯދި ޕޮއިންޓާއެކު އެ ޓީމަށްވެސް ވަނީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯއިން ޖާގަ ޔަގީންވެފައެވެ.
ސްޕެއިނުން ރޭގެ މެޗުގެ ކުރީކޮޅުގައި ލީޑު ނެގީ ކޯނަރަކަށް އަރައި، ރެއާލް ސޮސިއެދާދުގެ ޑިފެންޑަރު ރޮބިން ލެ ނޯމަންޑް ޖެހި ގޯލުންނެވެ. އެ ގޯލަށް ހަ ވަރަކަށް މިނެޓްފަހުން 10 ވަނަ މިނެޓުގައި ޖޯޖިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އިރު، އެ ގޯލު ޖަހައިދިީ ނަޕޯލީގެ ވިންގް، ކަވިޗާ ކަވަރަޓްސްހޭލިއާ އެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ބާސެލޯނާގެ ތަރި ގަވީގެ ކަކުލަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އޮއިހާން ސަސްސެޓެވެ. ގަވީ ބޯޅައެއް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ކަކުލަށް އަނިޔާވުމާއެކު އޭނާގެ މޫނުމަތިން ކަރުނަވެސް ފެނިގެން ދިޔައެވެ. ބެލެވޭ ގޮތުގައި ގަވީގެ ލިގަމެންޓަށް ގެއްލުންވެފައިވާ އިރު، އޭނާއަށް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހޭނެއެވެ.
ގަވީއަށް ކުރިމަތިވި އަނިޔާގެ އިތުރު ތަފްސީލު އެނގޭނީ މިއަދު ސްކޭންތައް ފުރިހަމަ ކުރުމަށްފަހުއެވެ.
މެޗުގެ ދެވަނަ ހާފުގައި ސްޕެއިނުން އިތުރު ގޯލުތައް ޖަހާފައިވާ އިރު، އޭގެ ތެރެއިން އެއް ގޯލަކީ ޖޯޖިއާގެ ލުކާ ލޮޗޮސްވީލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ ފެރާން ޓޮރެސްއެވެ. ޓޮރެސް ވަނީ ގޯލު ޖަހައި ގަވީގެ ޖާޒީ ހިފަހައްޓައިގެން އުފާފާޅުކޮށްފައެވެ.