ދިވެހި ޕްރިމިއާ ލީގު

މާޒިޔާއަށް 11 ގޯލުގެ ބޮޑު މޮޅެއް، އީގަލްސް ޓީސީ ބަލިކޮށް އެއްވަނައިގައި

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކްލަބު އީގަލްސްއިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކުރި އިރު، ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބޮޑު ތަފާތަކުން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފިއެވެ.

އީގަލްސްއިން އިއްޔެ ޓީސީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭ މާޒިޔާއިން 11-0 އިން ޔޫވީ ބަލިކުރި އިރު، ނަތީޖާއާއެކު އެއްވަނައިގައި އޮތީ އީގަލްސްއެވެ. އެއީ 11 މެޗުން 29 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މާޒިއާއަށް 10 މެޗުން 28 ޕޮއިންޓް ލިބޭ އިރު، ތިންވަނައިގައި މިވަގުތު އޮތީ ސަސްއެވެ. ހަތަރު ވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.

އިއްޔެގެ މެޗުގައި ފުރަތަމަ ލީގު ނެގީ އީގަލްސްއިންނެވެ. އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) މެޗުގެ 39 ވަނަ މިނެޓުގައި ގޯލު ޖަހައި އީގަލްސްއަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ޓީސީގެ ޒަޔާން ނަސީރު މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އީގަލްސް މޮޅުވީ 67 ވަނަ މިނެޓުގައި އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ގޯލުތަކުންނެވެ.

މާޒިޔާއިން ރޭ ފުލުފުލުގައި ގޯލުތައް ޖަހާފައިވާ އިރު، ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މެޗުގައި ހަތަރު ގޯލު ޖަހައިފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ހަމްޒާ ފުރަތަމަ ގޯލު ޖެހި އިރު، އޭނާގެ އަނެއް ގޯލުތައް ފެނުނީ މެޗުގެ އިތުރު ވަގުތުގައެވެ. އޭގެ އިތުރުން މާޒިޔާގެ ވޮޖިސްލޭވް ބަލަބަނޮވިޗް ހެޓްރިކް ހެދި އިރު، ދެން ގޯލުތައް ޖަހައިދިނީ ހަސަން ރާއީފް (ހަންނަ) އާއި ނާއިޒް ހަސަން (ދާދު) އަދި ޓޮމަކީ ވާޑާއެވެ. އަދި އިބްރާހީމް ފައިރޫޝް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.