އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ ފަހު އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ހައިކޯޓުގައި ތާވަލް ކޮށްފިއެވެ.

އާރަށް މައްސަލައިގައި ދައުލަތުން ޔާމީންގެ މައްޗަށް އިއްވީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި އެންމެ ފަހުން މިމަހު 13 ގައި ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ، ޝަރީއަތުން ޔާމީންގެ ފަރާތްޕުޅުންނާއި އެ މަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތްޕުޅުންނާއި ދައުލަތުން ސާފުކުރަން ހުރި ކަންކަން ސާފުކޮށްފައެވެ.

އެންމެ މުހިންމު ކަމަކަށް ޝަރީއަތުން ސާފުކޮށްފައިވަނީ އާ ހެކިތައް ހުށަހެޅި ގޮތާއި ހެއްކާ ބެހޭ ގާނޫނުގައިވާ ބައެއް ކަންކަމާއި އޭގެ ކުރިން އަމަލުކުރަމުން އައި ގޮތެވެ.

އެދުވަހުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ހަސަން ޝަފީއު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ފަހު ފުރުސަތު އެރުވުން ކަމަށެވެ.

"ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދެ ފަރާތަށްވެސް ފަހު ފުރުސަތު އަރުވާނަން. ފަހު ފުރުސަތުގައި 159 ނަންބަރު ގަޒިއްޔާއާ ގުޅިގެން ޝަރީއަތުން މި ގަސްތުކުރަނީ ފަރާތަކަށް 30 މިނެޓް އެރުވުމަށް، އެއީ އިސްތިއުނާފުކުރާ ފަރާތަށް 30 މިނެޓް އަދި ދައުލަތަށް 30 މިނެޓް. އަދި އެއަށްފަހު 122، 123 ވަނަ ގަޒިއްޔާއާ ގުޅިގެން ކޮންމެ ފަރާތަކަށް އެއް ގަޑިއިރުގެ ވަގުތު ޝަރީއަތުން އަރުވާނަން،" ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.

އެކަމާބެހޭ އަޑުއެހުން ހައިކޯޓުގައި ތާވަލު ކޮށްފައި ވަނީ އަންގާރަ ދުވަހު މެންދުރު ފަހު 2:00 އަށެވެ.

ޔާމީންގެ އިސްތިއުނާފީ މައްސަލައިގައި އެދުވަހު ފަހު ފުރުސަތު އެރުވުމަށް ފަހު، ދެން އޮންނާނީ އެ މައްސަލައިގެ ހުކުމެވެ.