ޔޫރޯ ކޮލިފައިން

ޖިބްރާލްޓާ ކޮޅަށް 14 ޖަހައި ފްރާންސަށް ތާރީހީ ރެކޯޑެއް، ނެދަލޭންޑްސް ޔޫރޯއަށް

ޔޫއެފާ ޔޫރޯ 2024 ގެ ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ރޭ ފްރާންސުން ކުޅުނު މެޗުގައި ޖިބްރާލްޓާ ކޮޅަށް 14 ގޯލު ޖެހި އިރު، މޮޅަކާއެކު ނެދަލޭންޑްސްއިން ކޮލިފިކޭޝަން ޔަގީން ކޮށްފިއެވެ.

ރޭގެ މެޗަށް ނުކުތްއިރުވެސް ފްރާންސަށް ޔޫރޯ ކޮލިފިކޭޝަން ޔަގީންވެފައި އޮތް އިރު، އެޓީމު އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ. ރޭ އަމިއްލަ ދަނޑުގައި ފްރާންސުން ޖިބްރާލްޓާ ކޮޅަށް 14 ގޯލު ޖަހައި، 14-0 އިން ބަލިކުރި އިރު، އެއީ އެގައުމުގެ ތާރީހުގައިވެސް ހޯދި އެންމެ ބޮޑު މޮޅެވެ.

މެޗުގެ ފުރަތަމަ ގޯލު ޖިބްރާލްޓާގެ އީތަން ސަންތޯސް އަތުން ބައިކޮޅަށް ވަން އިރި، އޭގެ މިނެޓެއް ފަހުން ހަތަރުވަނަ މިނެޓުގައި މާކަސް ތުރާމް ވަނީ ގޯލު ޖަހައި ނަތީޖާ ފުޅާކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އުމުރުން 17 އަހަރާއި އަށް މަހުގެ ވޮރެން ޒަޔޭ-އެމެރީ ގޯލު ޖެހި އިރު، އެއީ 1941 ވަނަ އަހަރަށްފަހު ފްރާންސް ގަައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ފުރަތަމަ ހާފުގައި ޖިބްރާލްޓާގެ ސަންތޯސްއަށް ރަތް ކާޑު ދެއްކުމުން ފްރާންސަށް މެޗު ފަސޭހަވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުގައި ހާފެއްގައި ހަތް ގޯލު އެޓީމުން ޖެހިއެވެ. ކިލިއަން އެމްބާޕޭ މެޗުގައި ހެޓްރިކް ފުރިހަމަ ކުރި އިރު، ދެން ގޯލުތައް ޖެހީ ކިންގްސްލީ ކޯމަންއާއި އެޑްރިއަން ރެބިއޯ، އުސްމާން ޑެމްބެލޭ އަދި ޔޫސުފް ފޮފާނާއާއި އޮލިވިއާ ޖިރޫއެވެ. ކޯމަންއާއި ޖިރޫ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.

މެޗުގައި ފްރާންސުން 39 ޝޮޓް ހެދި އިރު، ޖިބްރާލްޓާއަށް އެންމެ ހަމަލާއެއްވެސް ފްރާންސްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.

ނެދަލޭންޑްސްއިން ގްރޫޕް ބީގެ ދެވަނަ ޔަގީންކޮށް ޔޫރޯއަށް ކޮލިފައިވީ ރޭ ރިޕަބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ހަމައެކަނި ގޯލު ފެނިގެންދިޔައީ 11 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ހޮފެންހެއިމްއަށް ކުޅެމުން އަންނަ ފޯވަޑް ވޯޓް ވެގޯސްޓެވެ.

މެޗުގައި ހޯސްޓް ނެދަލޭންޑްސްއިން ލަސް ޓެމްޕޯއެއްގައި ފެނިގެން ދިޔަ ނަމަވެސް، އެޓީމުން ދިޔައީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ހާފުގައި ތިޖާނީ ރެއިންޑާސް ޖެހި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވީ ކީޕަރު އަތުގައި ޖެހިފައެވެ.

އޭގެ އިތުރުންވެސް ނެދަލޭންޑްސްގެ ހަމަލާތައް ފެނުނެވެ. މަދުވީ އިތުރު ގޯލެކެވެ.