ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު އާރާސްތުކުރުމާއި، ނޭޗާ ޕާކްތައް ރައްކާތެރިކޮށް ދެމެހެއްޓުން ފަދަ ކަންކަމަކީ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާ މުހިންމު ދާއިރާތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ރާއްޖެ ވަޑައިގެންނެވި ވަފުދާ އެކު މަޝްވަރާކުރައްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު މިކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވީ އެމެރިކާގެ ވަފުދާއެކު އިއްޔެ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކުރެވުނު މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ދެގައުމު ގުޅިގެން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުތައް އެއަށްވުރެ ފުރިހަމައަށް ގެންދެވޭނެ ގޮތްތަކާއި، ކުރިމަގުގައި ކުރިއަށްގެންދާނެ ޕްރޮގްރާމުތައް ބައްޓަންކުރާނެ ގޮތްތަކަށާއި، އަދި ދެ ގައުމުން އިސްކަންދޭ ދޭދޭ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ސަރުކާރުގެ ވަފުދުގެ ފަރާތުން ވަނީ، މި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި ކުރިއަށް ރޭވިފައިވާ ޕްލޭންތަކާ ގުޅޭގޮތުން އެމެރިކާގެ ވަފުދުގެ ބޭފުޅުންނާ މައުލޫމާތު ހިއްސާކުރައްވާފައި ކަމަށާއި މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ދުރާލައި އިންޒާރުދޭ ނިޒާމުތައް ހަރުދަނާ ކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓްތަކުގައި ނަގާ ފީ ކުޑަކުރުމުގެ މުހިންމުކަމާއި، ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށް ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ފަންޑު ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އެމެރިކާގެ މި ވަފުދުގެ އިސްވެރިއެއްގެ ގޮތުން ހިމެނިވަޑައިގަންނަވަނީ އެމެރިކާގެ އެޖެންސީ ފޮ އިންޓާނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ވަފުދުގެ ފަރާތުން ވަނީ ރާއްޖެއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުގައި ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް އޮތްތަނުގައިވެސް ލިބެމުންދާނެކަމުގެ ޔަގީންކަން ރައިސް ޑރ. މުއިއްޒު އަށް ދެއްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު