ޔޫރޯ ކޮލިފައިން

މޮޅަކާއެކު އިޓަލީން އުންމީދު ބޮޑުކޮށްފި، އިންގްލެންޑަށްވެސް މޮޅެއް

އެންމެފަހުގެ ޗެމްޕިއަން އިޓަލީން ރޭ ނޯތު މެސަޑޯނިއާ ކައިރިން ހޯދި މޮޅާއެކު، އެޓީމުން ޔޫރޯ 2024 ގެ ކޮލިފިކޭޝަނާ ގާތަށް ޖެހިލައިފިއެވެ.

އިޓަލީން އަމިއްލަ ދަނޑުގައި ރޭ ނޯތު މެސަޑޯނިއާ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. އެޓީމަށް ކޮލިފިކޭޝަންގައި ބާކީ އެއް މެޗު އޮތް އިރު، ދެން ބާކީ އޮތީ ޔުކްރެއިންއާ ދެކޮޅަށް ކުޅޭ މެޗެވެ. ކޮލިފިކޭޝަން ޔަގީންކުރަން އެ މެޗުން އިޓަލީއަށް ބޭނުންވަނީ ޕޮއިންޓެކެވެ.

އިޓަލީ ހިމެނޭ ކޮލިފިކޭޝަން ގްރޫޕް ސީގެ އެއްވަނައިގައި މިހާރު ކޮލިފިކޭޝަން ޔަގީން ކޮށްފައި އޮތީ އިންގްލެންޑެވެ. އެޓީމުން ރޭ ކުޅުނު މެޗުގައި 2-0 އިން މާލްޓާ ބަލިކުރި އިރު، އެ މޮޅާއެކު އިންގްލެންޑުން ވަނީ ޔޫރޯ ގުރަށް ސީޑު ކުރާ ޓީމުތަކުގައި ހިމެނުމާ ގާތަށް ޖެހިލައިފައެވެ.

ޔޫރޯ ކޮލިފިކޭޝަންގައި 10 ގްރޫޕެއް ހިމެނޭ އިރު، އޭގެ ތެރެއިން ގުރަށް ސީޑު ކުރާނީ އެންމެ މޮޅު ފަސް ޓީމެވެ. އޭގެ އިތުރުން ގުރުގައި ސީޑްކުރާ އަނެއް ޓީމަކީ ހޯސްޓެވެ. 2024 ވަނަ އަހަރުގެ ޔޫރޯގެ ހޯސްޓަކީ ޖަރުމަނެވެ.

އިޓަލީން ރޭ ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ މަޓެއޯ ޑާމިއަން، ފެޑެރީކޯ ޗިއޭސާގެ އިތުރުން ޖިއަކޯމޯ ރަސްޕަޑޯރީ އަދި ސްޓެފަން އަލް ޝަރާވީއެވެ. ޗިއޭސާ ވަނީ ދެ ގޯލު ޖަހައިފައެވެ. މެސަޑޯނިއާގެ ދެ ގޯލުވެސް ޖެހީ ޖާނީ އަޓަނަސޯއެވެ.

އިންގްލެންޑުން ރޭ ކުޅުނު މެޗުގެ އަށްވަނަ މިނެޓުގައި މާލްޓާގެ އެންރިކޯ ޕެޕޭ އަތުން ބައިކޮޅަށް ވަން ގޯލާއެކު އެޓީމުން ލީޑު ނެގި ނަމަވެސް، ދެން ފެނުނީ ދަށް ކުޅުމެކެވެ. ދެވަނަ ހާފުގެ 60 ވަރަކަށް މިނެޓާ ހަމައަށް އިންގްލެންޑަށް އިތުރު ޝޮޓެއް ހެދިފައިނުވާ އިރު، އެޓީމުން މޮޅު ޔަގީންކުރީ ހެރީ ކޭން ޖެހި ގޯލުންނެވެ.