މިއަދަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ އާ ސަފުހާއެއް ހުޅުވިގެންދިޔަ ދުވަހެވެ. ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމާއެކު، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހެވެ. ހަމަ އެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމުމަކަށް އައި ދުވަހެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައިގެން ރައީސް މުއިއްޒު ފުރިހަމަ ކާމިޔާބެއް ހޯއްދެވީ ކުރީގެ، ރައީސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައިގެންނެވެ. ރައީސް މުއިއްޒުގެ މަސައްކަތްޕުޅަކަށް އޮތީ އިންތިހާބުގައި އެ މަނިކުފާނަށް ވޯޓުދެއްވި 128،000 އަށްވުރެ ގިނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓެވުމެވެ. އެމަނިކުފާނާ ދެކޮޅަށް ވޯޓު ދެއްވި 109،000 އަށްވުރެ ގިނަ ރައްޔިތުންގެ އިތުބާރު ހޯއްދެވުމެވެ.
ރައީސް މުއިއްޒަށް ވޯޓުދެއްވި ރައްޔިތުންނާއި، އެ މަނިކުފާނާ ދެކޮޅަށް ވޯޓުދެއްވި ރައްޔިތުން އަދި ވޯޓުގައި ބައިވެރި ނުވާ ރައްޔިތުންގެ ވެސް ބޮޑެތި އުންމީދުތަކެއް އެބަހުއްޓެވެ. އާ ސަރުކާރާ މެދު ގިނަ އުންމީދުތަކެއް ހުރި އިރު، އިތުބާރު ދެމެހެއްޓެވުމަށް ރައީސް މުއިއްޒަށް އޮތް އެންމެ ބޮޑު މަސައްކަތްޕުޅަކީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުން އެކި ރަށްރަށަށާއި އެކި ދާއިރާތަކަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމެވެ.
"އަޅުގަނޑު އުންމީދުކުރަނީ ރައީސް މުއިއްޒު ވެވަޑައިގަންނާވާނީ ވައުދުތައް ފުއްދަވާނެ ރައީސަކަށް ކަމަށް. ކޮންމެ ބޭފުޅަކު ވެސް ރައީސަކަށް ވެވަޑައިގަންނަވަނީ ގިނަ ވައުދުތަކަކާއެކު. ނަމަވެސް ފާއިތުވެދިޔަ ވެރިކަންތައް ނިމިގެންދިޔަ އިރު، ފެނިގެންދިޔައީ ގިނަ ވައުދުތަކެއް ނުފުއްދި ދިޔަތަން. އެއީ ރައްޔިތުން މާޔޫސްވާނެ ކަމަށް. ރިޔާސީ އިންތިހާބު 2008 އަށްފަހު، އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި މައިގަނޑު ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ ވައުދުތައް ނުފުއްދުން،" ޔުނިވަސިޓީއެއްގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު އޭނާގެ އުންމީދުތައް ހިއްސާކުރަމުން ބުންޏެވެ.
މިގޮތަށް އެތައް ހާސް ބަޔަކު، ސަރުކާރާ މެދު ގިނަ އުންމީދުތަކެއް ކުރެއެވެ. މައިންބަފައިން އެދެނީ އެމީހުންގެ ދަރީންނަށް އުފާވެރި މުސްތަގުބަލެކެވެ. އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ބޭނުންވަނީ އެ ދާއިރާއަކަށް ކުރިއެރުން ލިބުމަށެވެ. ރަށްރަށުގެ ރައްޔިތުން ބޭނުންވަނީ އެންމެ އަސާސީ ގޮތުން ލިބެން ޖެހޭ ހިދުމަތްތަކާއި ބޭސްފަރުވާ އަދި ތައުލީމު ރަށުން ލިބޭނެ ގޮތް މެދުވެރިވުމެވެ. މާލޭގައި އެތައް އަހަރެއް ދިރިއުޅެމުން އަންނަ ރައްޔިތުން ބޭނުންވަނީ އަތުން ބޮޑު ހަރަދެއް ނުކޮށް، ބޯހިޔާވަހިކޮށްލެވޭނެ ގޮތެކެވެ.
ރާއްޖޭގެ މާލީ ހާލަތާއެކު ރައީސް މުއިއްޒުގެ ސަރުކާރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އޭގެ އިތުރުން ސިޔާސީ މަޝްރަހުގެ ފިއްތުންތަކާއެކު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ތެރެއިން ފިއްތުންތަކެއް ކުރިމަތިވާ ނަމަ، އެކަމުގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީ ހިމެނޭ ކޯލިޝަނަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ، އެކަމުގެ އުނދަގޫވެސް ކުރިމަތިވާނެ އެވެ.
ރައީސް މުއިއްޒަށް އެންމެ ބޮޑު މަސައްކަތްޕުޅަކަށް އޮތީ ގިނަ ރައްޔިތުންތަކެއް އެދޭ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމެވެ. އެގޮތުން މިދިޔަ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ 13،000 މީހުންނަށް ފުލެޓުދިނުމާ ދެން ހަވާލުވާން ޖެހޭނީ އާ ސަރުކާރުންނެވެ. މިދިޔަ ސަރުކާރުން ހަދަން ފެށި 4000 ފުލެޓުގެ މަސައްކަތް އަދި ފުރިހަމަކުރެވިފައި ނުވާ އިރު، އެ ފުލެޓުތައް ދިނުމަށް ޕޮއިންޓު ދިން ގޮތާ މެދު ރައްޔިތުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ވެސް ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ހިމެނެއެވެ. އެގޮތުން އެއް ކަމަކީ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފުލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކޮށްދިނުން ހިމެނެއެވެ. އަދި ނުވަ ހަފުތާގެ ތެރޭގައި މުވައްޒަފުންނަށް ހާއްސަ 'ސޯޝަލް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހި ހައުސިން ކެޓަގަރީ'އެއް ކަނޑައެޅުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން 14 ހަފުތާގެ ތެރޭގައި ބޯހިޔާވަހިކަމަށް ހާއްސަ 'ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް'އެއް ގާއިމުކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަސް ޕަސަންޓް އިންޓަރެސްޓުގައި ތައާރަފުކުރާ ލުއި ލޯނާ ބެހޭ ސިޔާސަތު އެކުލަވާލައި އާންމުކުރުން އަދި ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް ފަރުމާކޮށްފައިވާ 'ހައުސިން އެޕްލިކޭޝަން ޕޯޓަލް' ގާއިމުކުރުން ވެސް ހިމެނެއެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ސިނަމާލެ އާއި މާލެހިޔާ ފުލެޓުތަކުގެ ވެރިފަރާތްތައް ކޮންޑޮމިނިއަމް ރަޖިސްޓަރީއެއްގައި ހިމެނުމާއި އެ ފުލެޓުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުން ވެސް ހިމެނެއެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރެގިއުލޭޓުކުރުމަށް ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ވެސް ހިމެނެއެވެ.
އާ ސަރުކާރަށް އޮތް ފަސޭހައަކީ ރައީސް މުއިއްޒު އެކުލަވާލާ "ތައުލީމީ ކެބިނެޓް"އެވެ. އެ ކެބިނެޓުގައި މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް މުއިއްޒުގެ ކެބިނެޓުގައި އެޓާނީ ޖެނެރަލާއެކު ޖުމުލަ 22 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި އަންހެން ތިން މިނިސްޓަރަކުވެސް ހިމެނިވަޑައިގަންނަވައެވެ.
މުއިއްޒުގެ ސަރުކާރުގައި ބައެއް މިނިސްޓްރީތައް އެއްކޮށްލައި ބައެއް މިނިސްޓްރީތައް ވަކިކޮށްފައިވާ އިރު، މުޅީން އަލަށް ދެ މިނިސްޓްރީއެއް އުފައްދަވައެވެ. އެއީ ދިވެހި ބަހަށް ހާއްސަ މިނިސްޓްރީއަކާ ލޯކަލް ގަވާނަންސް މިނިސްޓްރީއެވެ.
އޭގެ ތެރެއިން ލޯކަލް ގަވާނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު "ސަންގު ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ފެށިގެން މިދިޔަ ރިޔާސީ ދައުރަކީ ހުރިހާ ގޮތަކުން ވެސް ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެ ފަސް އަހަރަށް ވެގެންދާނެއެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ރާއްޖޭގެ ރައްޔިތުން ވަރަށް ގިނަ ތަފާތު ތަޖުރިބާތައް ކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ރައްޔިތުން ހަގީގަތުގައި ބޭނުންވަނީ އަވަސް ހިދުމަތް، އެންމެ ގާތުން ހިދުމަތް ލިބޭނެ ގޮތްތަކެއްވުން. އެހެންވީމާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގައި ހުރީ ކައުންސިލުތައް މިހާރަށްވުރެ ވެސް ބާރުވެރިކުރުވައި، ކައުންސިލުތަކަށް ދޭންޖެހޭ އިހުތިޔާރުތަކާއި އެ ގާނޫނީ މެންޑޭޓް ލާމަރުކަޒީ ގާނޫނުގެ ދަށުން އެންމެ ފުރިހަމަ ގޮތުގައި ލިބި، އަދި ރަށްރަށުގެ ރައްޔިތުންނަށް އެ ކައުންސިލުތަކުން ދޭންޖެހޭ ހިދުމަތްތައް އަވަހަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް، ކުރުކޮށް ދަންނަވާކަމަށްވާ ނަމަ، ރަށްރަށުގެ ރަށްވެހިން، ރައްޔިތުން ބާރުވެރިވާނެ ގޮތަކަށް އަޅުގަނޑުމެންގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން މަސައްކަތްކުރެވޭނެ ގޮތަކަށް މަސައްކަތްތައް ތަރުތީބުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިގޮތުގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަކީ ވަރަށް ހަގު ޕާޓީއެއް ނަމަވެސް، އެ ޕާޓީގައި ތިބީ ވެރިކަމުގެ ނިޒާމަށް ވަރަށް އަހުލުވެރި، ފަރިތަ ބައެކެވެ. އަދި މިހާރަށްވުރެ ބޮޑަށް ކައުންސިލުތައް ޖަވާބުދާރީކުރުމާއި، އެތަންތަނުން ދެވޭ ހިދުމަތްތައް އަވަސްކުރުމާއި އަދި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް މިހާރަށްވުރެ ގާތުން ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އާ ސަރުކާރަށް ރާއްޖޭގެ ތަރައްގީ އާއި އެކިއެކި މައްސަލަތައް ހައްލުކުރުމަށް އެތައް މަސައްކަތްތަކެއް ކުރަން ހުރި އިރު، އިސް ސަފުގައި ތިއްބެވީ ތަޖުރިބާ އާއި ތައުލީމީ ގޮތުން ގާބިލު ބޭފުޅުންތަކެކެވެ. ރައީސް މުއިއްޒު ވެސް ދެއްވާފައިވާ ޔަގީންކަމަކީ ރައްޔިތުންނަށް ފިއްލަވައިގެން ނޫޅުއްވައި، ވައުދުވި ހުރިހާ ކަމެއް ހާސިލުކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ. ރައްޔިތުން ތިބީ އާ އުންމީދެއްގައެވެ. ބޭނުންވެފައި ތިބީ އެ އުންމީދުތަކުގައި ކުލަ ޖެއްސުމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް