ރައްޔިތުންނަށް ފިލައިގެން ނޫޅުއްވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ހާސިލުކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު "14 ހަފުތާ" އިއުލާންކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި 100 ދުވަހުގެ ވައުދުތައް ފޮތެއްގައި އާންމުންނާ ހިސާބަށް ގެންނަން ނިންމުމުން، ބައެއް ފަރާތްތަކުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ކަމަށެވެ.

"އަޅުގަނޑަށް ބައެއް ބޭފުޅުން ދެންނެވި ތިއީ ވަރަށް ގޯސްކަމެކޭ ތިކުރީ، ވަރަށް ނުރައްކާތެރި ކަމެކޭ. ދެން ތި ފޮތް ނެރެގެން ނޯންނާނެ ފިލޭނެ އެއްގޮތްވެސް. އަޅުގަނޑު ދެންނެވިން ކެމްޕޭނުގަ ދެއްތޯ، އަޅުގަނޑު ރައްޔިތުންގެ ގާތަށް އައީ ކެމްޕޭންކޮށް ނިންމައި ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ވޯޓުދީ ހޮވީމަ ފިލާކަށް ނޫނޭ. ދެއްކި ކޮންމެ ވާހަކައެއް ކޮންމެ ޖުމްލައެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން މިތާތަ މިއޮތް ޓީމުން ރައްޔިތުންނަށްޓަކައި ގުޅިގެން ހާސިލުކޮށްދޭނެ،" މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ އެއްވެސް ކަމެއް ނުފޮރުވާ ސަރުކާރަކަށް ކަމަށާއި ރައްޔިތުންގެ ކަންކަން ފޮރުވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންނަށް ފޮރުވާނެ ކަމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުންނަށްޓަކައި ހިދުމަތް ކުރަން ރައްޔިތުން ސަރުކާރެއް ހޮވީމަ ފޮރުވަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"14ހަފުތާ" ފޮތުން އެމަނިކުފާނު ދެއްކެވި ހުރިހާ ވާހަކަފުޅެއް ފެންނަން ހުންނާނެ ކަމަށާއި ނޫސްވެރިން ތިބޭނީ އެ ފޮތުގައި ހުރި ކަންކަމާ އެއްގޮތަށް އެމަނިކުފާނު މަސައްކަތް ކުރައްވާތޯ ބަލަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރަށްރަށުގެ ރައްޔިތުން ތިބޭނީ އެ ރަށަކަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން ފުއްދަވައިދޭތޯ ބަލަން ކަމަށް ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހު ފެށޭނީ ގައުމުގެ އިސްތިގުބާލު ހިމާޔަތްކޮށް އަދި ގައުމުގެ އިގުތިސޯދު ކޮޅަށް ޖަހަން ފަށާ ދަތުރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ދުވަހު ފެށިގެންދާނީ އުމްރާނީ ތަރައްގީ އާ ހަރުފަތަކަށް ގެންގޮސް ބޯހިޔާވަހިކަމަށް ހައްލު ލިބިގެންދާނެ ދަތުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންނާއެކު މަސައްކަތްކޮށް އެ ހުރިހާ ކަމެއް ހާސިލުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.