މިދިޔަ 16 އަހަރުގައި މެންޗެސްޓާ ޔުނައިޓެޑްގެ އެކިއެކި މަގާމުތައް ފުރާފައިވާ މިހާރު އެ ކްލަބުގެ ޗީފް އެގްޒެކެޓިވް، ރިޗާޑް އާނޯލްޑް މި ސީޒަނަށްފަހު މަގާމު ދޫކޮށްލަން ނިންމައިފިއެވެ.

ދެހާސް ހަތްވަނަ އަހަރުން ފެށިގެން ރިޗާޑް ޔުނައިޓެޑްގެ އެކިއެކި މަގާމުތަކުގައި މަސައްކަތް ކޮށްފައިވާ އިރު، އޭނާ ޗީފްގެ މަގާމާ ހަވާލުވީ މިދިޔަ އަހަރު ފެބްރުއަރީ މަހުގައެވެ. އެއީ ކުރިން އެމަގާމުގައި ހުރި އެޑް ވުޑްވާޑް މަގާމުން އިސްތިއުފާ ދިނުމުންނެވެ. ރިޗާޑް އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް ކްލަބުގެ ޗީފްގެ މަގާމުގައި ހުންނާނެ ނަމަވެސް، އޭނާ މަސައްކަތް ކުރަމުންދަނީ ޓްރާންސިޝަނަލް މަސައްކަތްތަކެވެ.

ރިޗާޑް، ޔުނައިޓެޑް ޗީފްގެ މަގާމުން އިސްތިއުފާ ދޭން ނިންމީ އެ ކްލަބުގެ މައިނޯރިޓީ ހިއްސާ، ސާ ޖިމް ރެޓްކްލިފްގެ އިނެއޯސް ގްރޫޕުން ގަންނަން ހުރިހާ ކަމެއް ނިމެން ގާތްވެފައިވާތީއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އަންނަ ހަފުތާ ރެޓްކްލިފް ޔުނައިޓެޑްގެ ހިއްސާ ގަތްކަން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށެވެ.

އާނޯލްޑް މަގާމުން އިސްތިއުފާ ދިނުމާއެކު އެ މަގާމާ ވަގުތީ ގޮތުން ހަވާލުވާނީ ގެނެރަލް ކައުންސެލް ޕެޓްރިކް ސްޓެވާޓެވެ.