ކްލަބު ވެލެންސިއާ

އެފްއޭއެމްއިން ބުނީ ސްކޫލް އިމްތިހާނޭ، ވެލެންސިއާއިން ބުނަނީ ފައިސާ ނުދީގެންނޭ!

ފުޓުބޯޅަ ވެއްޓެމުން ވެއްޓެމުން ގޮސް، އަރައި ނުގަނެވޭ ހިސާބަށް ވެއްޓިއްޖެއެވެ. ގައުމީ ޓީމުގެ ނަތީޖާތައް ފެއިލްވެ، ގައުމީ ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމް ކޮރަޕްޓްވެއްޖެއެވެ. ފައިސާގެ ހާލަތު ގޯހުން ގޯހަށް ގޮސް، އެތައް ބަޔަކަށް ދަރައިފިއެވެ. އެހެން ދަމުންދަމުން ގޮސް، ލީގުވެސް ހުއްޓިއްޖެއެވެ. ހުއްޓިފައި އޮތުމަށްފަހު މާދަމާ އަލުން ލީގު ފަށަން ތައްޔާރުވިޔަސް، އެ ހަބަރު ތިލަވީ ހިތާމަވެރި ހަބަރަކާއެކުގައެވެ. ވެލެންސިއާއިން ބާކީ އޮތް ހުރިހާ މެޗެއް ދޫކޮށްލި ހަބަރާއެކުގައެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ވަރުގަދަ އެއް ކްލަބެވެ. މީގެ 40 ހަކަށް އަހަރު ކުރިން 1970 ގެ އަހަރުތަކަށް ވުޖޫދަށް އައި ފުޓުބޯޅައިގެ "ރީނދޫ" ނަމެކެވެ. 1980 ގެ އަހަރުތަކުގެ އިތުރުން 90ގެ އަހަރުތަކާއި 2000 ގެ ކުރީކޮޅުގައިވެސް އޭޝިއާގެ ފެންވަރުގައި ރާއްޖެ ތަމްސީލުކުރި ކާމިޔާބު ކްލަބެކެވެ. އެ ކާމިޔާބީތައް ފަނޑުވެ، 2018-19 ވަނަ ސީޒަނާއި ހިސާބުގައި ވެލެންސިއާ ރެލިގޭޓްވެ، ދެވަނަ ޑިވިޝަނަށް ވެއްޓުނެވެ. ދެން އެނބުރި އައީ 2020 ވަނަ އަހަރު ދެވަނަ ޑިވިޝަން ކާމިޔާބު ކޮށްގެންނެވެ.

އެފަހުން ކުރިއަށް ޖެހިލަން، ފިޔަވަޅެއް އަޅަން މަސައްކަތް ކުރި ނަމަވެސް، މި ސީޒަން ފެށީ ޒުވާން ޓީމަކާއެކުގައެވެ. ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމަނައިގެން ވެލެންސިއާއިން ފެށި ފެށުމަކީ "އުންމީދެއް" ގޮތަށް ސިފަވި ނަމަވެސް، އެކަންވީ ހާލަތަށް ގެނައި ވަގުތީ ހައްލަަކަށެވެ. ޒުވާން ކުޅުންތެރިންތަކަކަށް އުންމީދެއް ނެތި ކޮންމެ ހަފުތާއަކު ކުޅެލަން ކުޅެލި ގޮތަށް ވެލެންސިއާ ގޮސް، މިހާރު މިއޮތީ ލީގުން ވަކިވެފައެވެ. ކޮންމެއަކަސް، އޭގެ އަޑީގައި ފުޓުބޯޅައިގެ ހަގީގަތެއް އެބައޮތެވެ. އެއީ ގައުމީ ފުޓުބޯޅައިގެވެސް މަންޒަރެކެވެ.

ވެލެންސިއާގެ ސިޓީގައި ބުނީ ފައިސާ ނުދޭ ކަމަށާއި، ތަފާތު ކުރާ ކަމަށް!

ވެލެންސިއާއިން ލީގު މެޗުތައް ދޫކޮށްލުމުގެ ކުރިން، އެކަމުގެ މަޝްވަރާތައް އެފްއޭއެމްއާ ކޮށްފައިވެއެވެ. ވެލެންސިއާއިން ރަސްމީކޮށް އެފްއޭއެމްއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ލީގުގެ ބާކީ ބައި ނުކުޅެ ނިންމަން ޖެހުނު ސަބަބަކީ މާލީ ގޮތުން ކްލަބަށް ދަތިތަކެއް ދިމާވެފައި އޮތުމުން ކަމަށެވެ. ހާއްސަކޮށް ފުޓުބޯޅަ ސީޒަން ދިގުލައި، އަވަސް އަވަހަށް ޝެޑިއުލް ބަދަލުވުމަކީ ކްލަބަށް އޮތް ގޮންޖެހުމެއް ކަމަށް ވެލެންސިއާއިން ފާހަގަކޮށްފައިވާ އިރު، އެ ކްލަބުން ބުނީ މިދިޔަ އަހަރާ ހަމައަށް ކްލަބަށް އެކިއެކި ގޮތްގޮތުން ލިބެން ޖެހޭ ފައިސާ ނުލިބި ވާ ކަމަށެވެ.

ވެލެންސިއާއަށް ނުލިބިވާ ކަމަށް ބުނެފައިވާ ފައިސާ

  • މިދިޔަ އަހަރު ރައީސުލް ޖުމްހޫރިއްޔާ ކްލަބުތަކަށް ދެއްވަން ނިންމެވި އެއް މިލިއަން ރުފިޔާ
  • ފުޓުބޯޅަ ސީޒަން ފެށުމުގެ ކުރިން ތައްޔާރުވާން އެހީއެއްގެ ގޮތުގައި ދެމުން އަންނަ ފައިސާ
  • 2022 ވަނަ އަހަރު ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން ފައިސާގެ ފަސް ލައްކަ ރުފިޔާ

ވެލެންސިއާއިން ބުނެފައި ވަނީ މިދިޔަ އަހަރު ރައީސް ދެއްވަން ނިންމެވި ފައިސާގެ ތެރެއިން ދެލައްކަ ފަންސާސް ހާސް ރުފިޔާ އެ ކްލަބަށް ލިބުނު ނަމަވެސް، ޔޫތު މިނިސްޓްރީގެ ދަތިތަކާ ހެދި އެ ފައިސާގެ ބާކީ ބައި އެ ކްލަބަށް ލިބިފައި ނުވާ ކަމަށެވެ. އަދި ޕްރެސިޑެންޓްސް ކަޕްގެ އިނާމު ފައިސާ 2023 ގެ ޗެމްޕިއަނުންނަށް ދީފައި ވެލެންސިއާއަށް ނުދީ އޮތުމުން އެކަމުގައި މިނިސްޓްރީން ތަފާތުކުރުން ގެންގުޅޭ ކަމަށްވެސް ވެލެންސިއާއިން ބުންޏެވެ.

އެފްއޭއެމްއިން ބުނަނީ ސްކޫލް އިމްތިހާނާ ހެދި ވެލެންސިއާއަށް ސްކޮޑު ހަމަނުވާ ކަމަށް

ކުރިންވެސް ފާހަގަކުރިހެން މިފަހަރުގެ ސީޒަނަށް ވެލެންސިއާ ފެށީ ސްކޫލް ކުދިން ހިމެނޭ ސްކޮޑަކާ އެކުގައެވެ. އެކަމުގެ އަސަރު ސްކޫލް އެކިއެކި މުބާރާތްތަކުންވެސް ވެލެންސިއާއަށް ދިޔައީ ކުރަމުންނެވެ. ލީގުގެ ތެރެއިން އޯލެވެލް އިމްތިހާނާއި، ސްކޫލްތަކުގެ އެތުލެޓިކްސް މުބާރާތް އައުމުންވެސް ވެލެންސިއާށް އެ އަސަރު ކުރި ކަމަށް، އެ ކްލަބުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފައިވެއެވެ.

މިވަގުތު ވެލެންސިއާއަށް އުނދަގޫތަކެއް އެބަހުރި. އެއީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް މިތިބީ. ގާތްގަނޑަކަށް 80 ޕަސެންޓް، ނޫނީ 90 ޕަސެންޓް ކުދިންނަކީ ސްކޫލް ކުދިން. ދެން އޯލެވެލް އިންތިހާނު ފެށިގެން ކުރިއަށްދަނީ. އޭގެ ތެރެއިން ވަރަށް ގިނަ ކުދިންތަކެއްގެ އިމްތިހާނު ފެށިގެން ކުރިއަށް ދަނީ. އެހެންވެ ޕްރެކްޓިސްތައްވެސް ތަންކޮޅެއް ބޮޑަށް ދަށްކޮށް ދަނީ. އެކުދިންނަށް ވަރަށްބޮޑަށް ދޫދީގެން، އެކުދިންނަށް އާދެވޭ ދުވަހަކު އާދެވޭ ގޮތަކަށް ވަގުތު ދީގެން ކުރިއަށް މިގެންދަނީ. އޭގެ އިތުރުން އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތްވެސް ފެށުމުން އޭގެ ތެރޭގައިވެސް މީގެ ތެރެއިން ވަރަށް ގިނަ ކުޅުންތެރިން އެބަ ހަރަކާތްތެރިވޭ. އެއީ ވަރަށް ބޮޑު ދައްޗެއް،" ފެސްކޯ ޕްރި މެޗު ޕްރެސްއެއްގައި ބުންޏެވެ.

އެފްއޭއެމްއިން މިއަދު ބުނީ ވެލެންސިއާއަށް ލީގު ދޫކޮށްލަން ޖެހުނީ ސްކޫލް ކުދިންގެ އިމްތިހާނުތަކާ ހެދިގެން ކަމަށާއި، އެކަންކަން އެފްއޭއެމްއިން ބަލައި ދޫކޮށްލި މެޗުތަކަށް ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފައިސާގެ މައްސަލަ، މީގެ ކުރިންވެސް އިދާރާ މައްސަލައަކުން ވެލެންސިއާއަށް ދަތިވި

މިދިޔަ އަހަރު އޭޕްރީލް މަހު، ވެލެންސިއާއިން އޭއެފްސީ ކަޕްގައި ކުޅެން އޮތް މެޗަކަށް ބަންގްލަދޭޝްއަށް ނުދެވި އެޓީމަށް އޭއެފްސީންވެސް އަދަބު ދީފައިވެއެވެ. އެ މެޗަށް ނުދެވުނު އެއް ސަބަބަކީ ފައިސާ ހަމަޖެހި، އެ ފައިސާ ކްލަބަށް ނުލިބުމުންނެވެ. އެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެފައި ވަނީ އެމެޗަށް ދިއުމަށް ދަތުރުގެ ހުރިހާ ކަންކަމެއް، ހުރިހާ ހަރަދެއް ހަމަޖައްސައި ފައިސާ ޖަމާކުރަން ބެލި އިރު، ކްލަބުގެ އެކައުންޓް ނެތް ކަމަށެވެ.

އެފަހަރު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 27 ކުޅުންތެރިންނާއި އޮފިޝަލުންގެ ޓިކެޓަށް 28،809 ޑޮލަރު، އެކޮމޮޑޭޝަނަށް 4731.36 ޑޮލަރު، ޖުމުލަ 33،540.36 ޑޮލަރު ހަރަދުކުރަން މިނިސްޓްރީން ނިންމި ނަމަވެސް، ފައިސާ ޖަމާކުރަން ބެލިއިރު އެކައުންޓެއް ނެތް ކަމަށެވެ.

އެހެންކަމުން ވެލެންސިއާގެ އިދާރާ ދޯހަޅިކަން މީގެ ކުރިންވެސް ހުރިކަން ފާހަގަވާ އިރު، އެ ކްލަބު ފުރަތަމަ ޑިވިޝަނުން އަނެއްކާވެސް ފޮހެވިގެން ދިޔުމަކީ މާޔޫސްވާން ޖެހޭ ކަމެކެވެ. ފުޓުބޯޅައިގެ ގަދަ ބާރެއް އަނެއްކާވެސް ފަނޑުވެ ދިޔައީއެވެ.